ސައިންސް ބުނަނީ އެކަނި އިނދެ ކެއުން ރަނގަޅު ނޫން ކަމަށް

މީހަކު އެކަނި އިނދެ ރިހާކުރާއި ޑިކްސް ކަނީ:-- ފޮޓޯ: މޯލްޑިވްސް މެގަޒިން

ކެއުމުގެ އާދަތަކަށް ގެންނަ ކުޑަ ބަދަލަކުން ހަށިގަނޑާއި ސިކުނޑިއަށް ގިނަގުނަ ފައިދާތަކެއް ލިބިދާނެއެވެ. އެހެން މީހުންނާއެކު ކެއުމުގައި ބައިވެރިވުމަކީ ޑިޕްރެޝަނާއި ޑިމެންޝިއާ ފަދަ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. މިއީ ހަމައެކަނި ކެއުމުން ލިބޭ މީރުކަން އިތުރުކޮށްދޭ ކަމެއް ނޫނެވެ. މިއީ އުމުރު ދިގުކުރުމަށް ވެސް މަގުފަހިކޮށްދާނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ އިކޮނޮމިކްސް އެންޑް ބިހޭވިއަރަލް ސައިންސް ޕްރޮފެސަރު ޖޭން-އެމަނުއެލް ޑި ނީވް ފާހަގަކުރި ގޮތުގައި، އެކުގައި ކެއުމަކީ މީހުންނާ ގުޅުން ބަދަހިކޮށް، އިތުބާރު އުފެއްދުމަށް އޮތް ވަރަށް މުހިންމު ވަސީލަތެކެވެ. އިނގިރޭސި ބަހުގެ "ކޮމްޕޭނިއަން" (އެކުވެރިޔާ) މި ބަސް އައިސްފައިވަނީ ލެޓިން ބަހުގެ "ކުމް" އަދި "ޕާނިސް" އިންނެވެ. އޭގެ މާނައަކީ "ޕާނާއެކު" ނުވަތަ އެކުގައި ކެއުމެވެ. ހަމައެފަދައިން ޗައިނާ ބަހުގައި ވެސް އެކުވެރިޔާއަށް ކިޔާ ނަން ގުޅިފައިވަނީ އެއް އުނދުނަކުން ކައްކައިގެން ކެއުމާއެވެ. ނަމަވެސް، މިޒަމާނުގެ ދިރިއުޅުމުގެ ބުރަކަމާއެކު، އެކަނި ކެއުމުގެ އާދަ ވަނީ އާންމުވެފައެވެ.

ރާއްޖޭގެ ރަށެއްގައި ގިނަ މީހުން އެއްވެ އެކުގައި ކަނީ -- ފޮޓޯ: ބީއެމްއެލް

އެކުގައި ކެއުމާއި ނަފްސާނީ ސިއްހަތާ ހުރި ގުޅުމާ މެދު ގިނަ ދިރާސާތަކެއް ވަނީ ކޮށްފައެވެ. ޗައިނާގެ ޒެޖިއާން ޕްރޮވިންޝަލް ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ރިސާޗަރު ޒިންޔީ ވާންގް އާއި އޭނާގެ ޓީމުން 60 އަހަރުން މަތީގެ 9،361 އަންހެނުން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ކާ މޭޒުދޮށުގައި ތިބޭ މީހުންގެ އަދަދަކީ ޑިޕްރެޝަންގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް ބޭނުންކުރެވިދާނެ މިންގަނޑެކެވެ.

ޖަޕާނުގެ ޓޯކިޔޯގައި ކުރި އެހެން ދިރާސާއަކުން ފާހަގަވި ގޮތުގައި، އާއިލާއާއެކު ދިރިއުޅުނު ނަމަވެސް އެކަނި ކާ 65 އަހަރާއި 74 އަހަރާ ދެމެދުގެ މީހުންނަށް ޑިޕްރެޝަންގެ އަލާމާތްތައް ކުރިމަތިވުމުގެ ފުރުސަތު، އެހެން މީހުންނާއެކު ކާ މީހުންނަށް ވުރެ ފަސް ގުނަ އިތުރެވެ.

މީގެ އިތުރުން، 2024 ވަނަ އަހަރުގެ ވޯލްޑް ހެޕިނަސް ރިޕޯޓަށް ގެލަޕް އާއި ޖަޕާނުގެ ކާބޯތަކެތި އުފައްދާ ކުންފުނި އަޖިނަމޮޓޯ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން 150,000 މީހުންނާ ސުވާލުކޮށްގެން އެއްކުރި މައުލޫމާތުން ވެސް މިކަން ވަނީ ސާބިތުވެފައެވެ. އެ ރިޕޯޓުގައި ބައިވެރިވި ޕްރޮފެސަރު ޑި ނީވް ބުނި ގޮތުގައި، އެހެން މީހުންނާއެކު ކެއުމުގައި ބައިވެރިވާ މިންވަރު އިތުރުވި ވަރަކަށް، އެ މީހެއްގެ ނަފްސާނީ ދުޅަހެޔޮކަމާއި އުފާވެރިކަން ހުންނަ މިންވަރު މަތިކަން ވަނީ ފާހަގަކުރެވިފައެވެ. އޭނާ ބުނި ގޮތުގައި މިއީ ވަޒީފާއެއް އޮތުމާއި އާމްދަނީ ލިބޭ މިންވަރާ އެއްވަރަށް މީހާގެ ދިރިއުޅުމުގެ ހިތްހަމަޖެހުމަށް އަސަރުކުރާ ކަމެކެވެ.

ސައިންސުގެ އަލީގައި ބަލާއިރު ވެސް މީގެ ސަބަބުތަކެއް ވެއެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ ބަޔޮލޮޖިކަލް އެންތްރޮޕޮލޮޖިސްޓް ރޮބިން ޑަންބާ ފާހަގަކުރި ގޮތުގައި، ކެއުމުގެ ސަބަބުން ހަށިގަނޑުގައި އެންޑޯފިންސް އުފެދުން އިތުރުކޮށްދެއެވެ. މިއީ އުފާވެރިކަން އިހުސާސްކޮށްދޭ ކެމިކަލެކެވެ. ޕެންސިލްވޭނިއާ ޔުނިވާސިޓީގެ އެރިކާ ބޫތުބީ ކުރި ދިރާސާތަކުން ދެއްކި ގޮތުގައި، އެހެން މީހަކާއެކު ޗޮކްލެޓު ކެއުމުން އޭގެ ރަހަ މާ މީރު ކަމަށް މީހުންނަށް އިހުސާސްކުރެވެއެވެ.

އެކުގައި ކެއުމަކީ ސިކުނޑި މުސްކުޅިވުން ލަސްކޮށްދޭ ކަމެއް ކަމަށް ވެސް ވެދާނެއެވެ. މިދިޔަ އަހަރު ޖަޕާނުގެ ރިސާޗަރުންތަކެއް ހޯދި ހޯދުންތަކުން ދެއްކި ގޮތުގައި، އާންމުކޮށް އެކަނި ކާ މީހުންގެ ސިކުނޑީގެ މުހިންމު ބައިތަކެއް ކަމަށްވާ މީޑިއަލް ޓެމްޕޯރަލް ލޯބް އަދި ހިޕޯކޭމްޕަސްގެ ސައިޒު ކުޑަވެއެވެ. މިއީ ވިސްނުމުގެ ގާބިލުކަމާ ގުޅިފައިވާ ބައިތަކެކެވެ. އެކަނި ކާ މީހުން ފައިދާހުރި ކާނާ ކެއުން މަދުވި ނަމަވެސް، ސިކުނޑިއަށް އަންނަ މި ބަދަލަކީ ހަމައެކަނި ކާނާގެ ސަބަބުން އަންނަ ބަދަލެއް ނޫން ކަމަށާއި، މިއީ އިޖުތިމާއީ ގުޅުން ކުޑަވުމުގެ ސަބަބުން ދިގު މުއްދަތުގައި ސިކުނޑީގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރެއް ކަމަށް ރިސާޗަރުން ލަފާކުރެއެވެ. އެކުގައި ކެއުމުން ލިބޭ އުފާވެރިކަމާއި، މޭޒުދޮށުގައި ދެކެވޭ ވާހަކަތަކުގެ ސަބަބުން ސްޓްރެސް ކުޑަވެ، ސިކުނޑި ހަރަކާތްތެރިކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ.

އެކި ގައުމުތަކުގައި އެކުގައި ކެއުމުގެ އާދަ ހުންނަނީ އެކި މިންވަރަށެވެ. ޖަޕާނުގައި ހަފުތާއަކު އެވްރެޖްކޮށް ހަތަރު ފަހަރަށް ވުރެ މަދުން އެކުގައި ކާއިރު، އިނގިރޭސިވިލާތާއި އެމެރިކާގައި މި އަދަދު އުޅެނީ ހަތަރަކާއި އަށް ފަހަރާ ދެމެދުގައެވެ. އަދި އިޓަލީގައި މިއަދަދު ނުވައަކާ ގާތްކުރެއެވެ. އިޓަލީއަކީ އެކުގައި ކެއުމުގެ ސަގާފަތަށް މަޝްހޫރު ގައުމެކެވެ. މީގެ 50 އަހަރު ކުރިން އިޓަލީގައި ފެށި "ސްލޯ ފުޑް މޫވްމަންޓް" އަކީ ފާސްޓް ފުޑް އާންމުވުމާ ދެކޮޅަށް، އެކުގައި ކެއުމުގެ މުހިންމުކަން ދެމެހެއްޓުމަށް ފެށި ހަރަކާތެކެވެ. ސްލޯ ފުޑް އިޓާލިއާގެ ރައީސް ބާބަރާ ނަޕީނީ ބުނި ގޮތުގައި، އިޓަލީގައި ކާބޯތަކެތި ހިއްސާކުރުމަކީ ފަލްސަފާއެކެވެ. އޭގެ ތެރޭގައި އެކުގައި ކެއްކުމާއި މޭޒުމައްޗަށް ތަކެތި ގެނައުމުގައި އެންމެން ބައިވެރިވުން ހިމެނެއެވެ.

މިޒަމާނުގެ ބުރަ ދިރިއުޅުމުގެ ސަބަބުން އެކަނިވެރިކަން އިހުސާސްކުރެވޭ ނަމަ، އެކަން ހައްލުކުރުމަށް ޓެކްނޮލޮޖީގެ އެހީތެރިކަން ވެސް މިހާރު ލިބެން އެބަހުއްޓެވެ. އެގޮތުން 2019 ވަނަ އަހަރު އިޓަލީގެ ޓެކް އިންޓްރަޕްރިނިއާ ޕައޮލޯ ބަވާރޯ އުފެއްދި "ޓެބްލޯ" އެޕްލިކޭޝަނަކީ އެކަނި ކާން ޖެހޭ މީހުން އެކަކު އަނެކަކާ ގުޅުވައިދޭ އެޕެކެވެ. މިއީ ޑޭޓިން އެޕެއް ނޫނެވެ. މީގެ ބޭނުމަކީ މީހުންނަށް އެންމެ ބޭނުންވާ ދުވަސްވަރު އިޖުތިމާއީ ގުޅުންތައް ފުޅާކުރުމެވެ. މިހާތަނަށް 300000 ފަހަރު މި އެޕް ބޭނުންކޮށްފައިވާއިރު، މީގެ އެވްރެޖް ޔޫޒަރުންގެ އުމުރަކީ 30 އަހަރެވެ. ބަވާރޯ ފާހަގަކުރި ގޮތުގައި، އެ އުމުރުގައި ރައްޓެހިން ހޯދުމަކީ އުނދަގޫ ކަމެކެވެ. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހުމާއި، ރައްޓެހިންގެ އާއިލާތައް އޮތުމުން ބޭރަށް ދާނެ މީހަކު ނުވެދާނެއެވެ. ސްޓޭންފޯޑް ޔުނިވާސިޓީގެ ސައިކޮލޮޖިސްޓް ޖަމީލް ޒަކީ ވެސް ވަނީ ލަދުރަކި ދަރިވަރުން ކެމްޕަސް ކޮފީ ޝޮޕްތަކުން ބައްދަލުކޮށް، ގުޅުން ބަދަހިކުރުމަށް "ޕްލެޓޯނިކް ޑޭޓްސް" ތަކެއް އިންތިޒާމުކޮށްފައެވެ.

އެހެންކަމުން، އެކަނި ކެއުމުގެ ބަދަލުގައި އެހެން މީހަކަށް ކެއުމަކަށް ދައުވަތު ދިނުމަކީ އަމިއްލަ ނަފްސަށް ކޮށްދެވޭނެ ވަރަށް ބޮޑު ހެޔޮކަމެކެވެ. އެކުގައި ކެއުމަކީ ހަމައެކަނި ބަނޑުހައިހޫނުކަން ފިލުވައިދޭ ކަމެއް ނޫނެވެ. އެއީ އާ ރައްޓެހިކަމެއް ފެށި، އަމިއްލަ ސިއްހަތާއި އުފާވެރިކަން އިތުރުކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.

comment ކޮމެންޓް