އަތުގެ އިނގިލި ޙަރަކާތްކުރާއިރު 'ތާށިވެ' ނުވަތަ 'ތަޅުލެވޭ' ގޮތް ވެ، ކުއްލިއަކަށް ސީދާވާ ހާލަތްތައް މީގެ ކުރިން ތަޖުރިބާކުރެވިފައި އެބަހުރި ހެއްޔެވެ؟ ގިނަ ބަޔަކު މިއީ އާދައިގެ ރިހުމެއް ނުވަތަ ވަރުބަލިކަމެއް ކަމަށް ދެކުނު ނަމަވެސް، މިކަމުގެ ފަހަތުގައި 'ޓްރިގަ ފިންގަ'އޭ ކިޔާ ޞިއްޙީ ޙާލަތެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ.
އިނގިލީގެ ހަރަކާތްތަކަށް ބާރުފޯރުވާ ޓެންޑަންތަކަށް ދިމާވާ އުނދަގޫތަކާއި ދުޅަވުމުގެ ސަބަބުން، އިނގިލި އޮމާންކަމާއެކު ހަރަކާތްކުރުމަށް ހުރަސްއެޅުމުން 'ޓްރިގަ ފިންގަ' މެދުވެރިވެއެވެ. އެގޮތުން ޓެންޑަން ދުޅަވުމުގެ ސަބަބުން، އެއާ ގުޅިފައިވާ ހަރަކާތްތައް ދެމެދު އޮންނަ ލެނބުން ގެއްލި، އިނގިލި ތާށިވުމުގެ މައްސަލަ ކުރިމަތިވެއެވެ.
އިނގިލި ތާށިވާހެން ހީވުމުގެ އިތުރުން، މި ހާލަތުގެ އެހެނިހެން އަލާމާތްތައް ވެސް ފެނިދާނެއެވެ. ޚާއްސަކޮށް ހެނދުނު ހޭލާއިރު އިނގިލިތައް ހަރުވެފައި ހުރުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. އޭގެ އިތުރުން އިނގިލި ސީދާކުރުމަށް އުނދަގޫވުމާއި، ލެންބުމުގައި ނުވަތަ ސީދާކުރުމުގައި ރިހުން ހުރުމަކީ ވެސް މި ހާލަތުގައި ފާހަގަކުރެވޭ ކަންކަމެވެ.
ހަމައެއާއެކު، އިނގިލި ހަރަކާތްކުރާއިރު 'ކްލިކް' އަޑެއް އިވުން ނުވަތަ އެފަދަ އިހުސާސެއް ވުމަކީ ވެސް އާންމު ކަމެކެވެ. ބައެއް ހާލަތްތަކުގައި އިނގިލި ސީދާކުރުމަށް އަނެއް އަތުގެ އެހީ ހޯދަން ޖެހޭ ދަރަޖައަށް ވެސް ކަންތައްތައް ދެއެވެ. މިފަދަ އުނދަގޫތަކުގެ ސަބަބުން އެއްޗެހީގައި ހިފުމާއި، ކޮމްޕިއުޓަރު ނުވަތަ ފޯނު ކީބޯޑުން ލިޔުމާއި، އެއްޗެހި އުފުލުން ފަދަ ދުވަހީ އާދައިގެ ކަންކަމަށް ވެސް ބޮޑު ހުރަހަކަށް ވެއެވެ.
މަސައްކަތުގެ މެދުތެރެއިން އިނގިލިތަކަށް އަރާމުދީ ސްޓްރެޗް ކުރުމަކީ ވެސް މުހިންމު އާދައެއް--ފޮޓޯ/ހެލްތުލައިންއިނގިލިތައް ގުދުކުރުމަށް ބޭނުންކުރާ ޓެންޑަންތައް، އިނގިލީގެ ބުޑުގައިވާ ޓަނަލެއް ނުވަތަ 'ޝީތު' އަދި 'ޕުލީ'ގެ ތެރެއިން ލާފައިދެއެވެ. މި 'ޝީތު' ނުވަތަ 'ޕުލީ' ދުޅަވެ ހަނިވުމުން، ޓެންޑަން އޭގެ ތެރެއިން އޮމާންކަމާއެކު ދިއުމަށް ހުރަސްއެޅި، ޓެންޑަން ތާށިވެ، ކުއްލިއަކަށް ދޫވެގެން ދިއުމުގެ ހާލަތު މެދުވެރިވެއެވެ. ޚާއްސަކޮށް ހަކުރުބަލި ހުންނަ މީހުންނާއި، ރުމަޓޮއިޑް އާތްރައިޓިސް ހުންނަ މީހުންގެ އިތުރުން، އިނގިލިތަކަށް ތަކުރާރުކޮށް ބާރުބޮޑުވާ މަސައްކަތްތައް ކުރާ މީހުންނަށް މި މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑެވެ.
މިފަދަ މައްސަލައެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، އިނގިލިތަކަށް މާ ބޮޑަށް ބާރުބޮޑުވާ ގޮތަށް އެއްޗެހި ބާރަށް ހިފަހައްޓައިގެން މަސައްކަތްކުރުން މަދުކުރަންޖެހެއެވެ. ހަމައެއާއެކު، މަސައްކަތުގެ މެދުތެރެއިން އިނގިލިތަކަށް އަރާމުދީ ސްޓްރެޗް ކުރުމަކީ ވެސް މުހިންމު އާދައެކެވެ. ޚާއްސަކޮށް ވައިބްރޭޝަން ހުންނަ އާލާތްތައް ބޭނުންކޮށްގެން މަސައްކަތްކުރާނަމަ، އަތަށް ލިބޭ ލޮޅުން ކުޑަކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.
މި ހާލަތާ ގުޅޭގޮތުން އީއެމްސީ ޕެކަޔޮން ހޮސްޕިޓަލްގެ އޯތޯޕީޑިކް ޓްރޯމަޓޮލޮޖީ ސްޕެޝަލިސްޓް، ޑރ. ފްރެޑީ އަރިއަންޓޯ، އެމްއެސް (އޯތޯ)، އެސްޕީއޯޓީ ވިދާޅުވަނީ، އިނގިލީގެ ރިހުން ބޮޑުވެ، ނުވަތަ ހަރަކާތްކުރުމަށް ދަތިވާން ފަށައިފިނަމަ، އެކަން އެގޮތަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެފަދަ ހާލަތެއްގައި އެކަށީގެންވާ ޓެސްޓުތަކާއި ފަރުވާ ހޯދުމަށްޓަކައި، އަތުގެ ކަށިތަކާއި މައިކްރޯސާޖަރީ އަށް ޚާއްސަ އޯތޯޕީޑިކް ސްޕެޝަލިސްޓެއްގެ ލަފާ ހޯދުން މުހިންމު ކަމަށް ޑރ. ފްރެޑީ އަރިއަންޓޯ އިރުޝާދު ދެއްވައެވެ.
އިނގިލިތައް ހަރަކާތްކުރުން ހުއްޓުމަކީ އެކަމަށް ހޭނިގެން ހުންނަންޖެހޭ ފަދަ އާދައިގެ ކަމެއް ނޫން ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/ޕިންޓްރެސްޓްއޭގެ އިތުރުން، އިންޑިއާގެ މުމްބާއީގައި މަސައްކަތްކުރައްވާ އޯތޯޕީޑިކް ސާޖަން، ޑރ. ދިވްޔާ އަހޫޖާ ވިދާޅުވަނީ، ގިނަ ހާލަތްތަކުގައި ބޮޑު ސާޖަރީއަކާ ނުލައި ވެސް 'ޓްރިގަ ފިންގަ'އަށް ރަނގަޅު ހައްލު ލިބޭ ކަމަށެވެ. އެގޮތުން އަރާމުދިނުމާއި، ރޭގަނޑު ނިދާއިރު އިނގިލި ސީދާކޮށް ބެހެއްޓުމަށް ސްޕްލިންޓް ބޭނުންކުރުމާއި، ސްޓްރެޗިންގް ކަސްރަތުތައް ކުރުމަކީ މައްސަލަ ކުރީކޮޅުގައި ހައްލުކުރުމަށް އެހީތެރިވެދޭ ކަންކަން ކަމަށް އޭނާ ފާހަގަކުރައްވައެވެ.
ހަމައެއާއެކު، އިނގިލި ތާށިވެފައި ހުންނަ ގޮތަށް ދޫނުވެ ހުރުމާއި، ތަދު ދެމިގެން ދިއުމާއި، ދުވަހީ މަސައްކަތްތަކަށް ބުރޫއަރާ މިންވަރަށް އުނދަގޫ ބޮޑުވުމުގެ ކުރިން ޚާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ޑރ. ދިވްޔާ އަހޫޖާ އިރުޝާދު ދެއްވައެވެ.
މި ހާލަތަށް ދެވޭ ފަރުވާ ބިނާވެފައި އޮންނަނީ ބަލީގެ ހާލަތާއި އޭގެ ނުރައްކާތެރިކަމުގެ މިންވަރުގެ މައްޗަށެވެ. އާންމުކޮށް ޑޮކްޓަރުން ދެއްވާ އިރުޝާދުތަކުގެ ތެރޭގައި އަތަށް އެކަށީގެންވާ އަރާމުދިނުމާއި، އިނގިލިތަކަށް ބާރުބޮޑުވާ ކަންކަން މަދުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ހާލަތަށް ބަލައި ބޭސް ބޭނުންކުރުމާއި، ޚާއްސަ އިންޖެކްޝަން ޖެހުމުގެ ފަރުވާ ވެސް ދެވެއެވެ. އެހެންނަމަވެސް، އާދައިގެ ފަރުވާތަކުން ހައްލެއް ނުލިބި، ހާލަތު ގޯސްވާ ހާލަތްތަކުގައި ސާޖަރީ ހެދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އިނގިލިތައް ހަރަކާތްކުރުން ހުއްޓުމަކީ އެކަމަށް ހޭނިގެން ހުންނަންޖެހޭ ފަދަ އާދައިގެ ކަމެއް ނޫނެވެ. އެހެންކަމުން، އޭގެ އަސްލު ސަބަބު ދެނެގަނެ، ވީހާވެސް އަވަހަކަށް އެކަމަށް ހައްލު ހޯދުމަށް އަވަސްވެގަތުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.