ކުރިއަށް އޮތް ތިން މަހު، އާންމު މިންވަރަށް ވުރެ ހޫނުމިން މަތިވާނެ: މެޓް

ބ. ތުޅާދޫ ގައި ދުވަސްވީ މީހަކު ބައިސްކަލުގައި ދާއިރު އަންހެނަކު ހޫނުން ސަލާމަތްވުމަށް ކުޑަ ހިފައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް ތިން މަހު ރާއްޖޭގެ ހޫނުމިން ހުންނާނީ އާންމު މިންވަރަށް ވުރެ މަތީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.

އަންނަ އަންގާރަ ދުވަހު ފެށޭ، ސެޕްޓެމްބަރު މަހުން ފެށިގެން އަންނަ ނޮވެންބަރުގެ ނިޔަލަށް މޫސުން ލަފާކުރާ ގޮތުގެ ބަޔާނެއް މެޓުން ވަނީ ނެރެފައެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި، ކުރިއަށް އޮތް ތިން މަހު، މުޅި ރާއްޖޭގެ ހޫނުމިން ހުންނާނީ އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތީގައި ކަމަށެވެ.

އެ މުއްދަތުގައި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އެ މުއްދަތުގައި ވާރޭ ވެހޭނެ މިންވަރު އާންމު މިންވަރަށްވުރެ ދަށް ވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މަގުމަތި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މީގެއިތުރުން، އެ އިދާރާއިން ވަނީ، ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުން އަންނަ ކަމަށާއި އެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެލްނީނޯގެ ސަބަބުން، ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އާދާޔާޚިލާފަށް ހޫނުވެ، ފަރުތަކުގެ ދިރުމަށް ނުރައްކާވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. މިގޮތުން، އެލްނީނޯގެ އަސަރުތަކާ ހެދި، ވާރޭ މިންވަރާއި ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމާއި މަސްވެރިކަމަށް ނޭދެވޭ އަސަރުތައް ކޮށް، ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެހެންވެ، މި ފަދަ ބަދަލުތަކަށް އެ ދާއިރާތަކުން ތައްޔާރުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެލްނީނޯއަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކަށް ކިޔާ ނަމެކެވެ.

އެއީ ވަކި ތަރުތީބަކުން ނޫން ނަމަވެސް، ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތުގައި ކުރިމަތިވާ ހާލަތެކެވެ. އާންމު ގޮތެއްގައި އެލްނީނޯގެ އަސަރުތައް ނުވަ މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދިޔަ ނަމަވެސް، ބައެއް ފަހަރު އަހަރުތަކަށް ވެސް ދެމިގެންދެއެވެ.

comment ކޮމެންޓް