އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެގޮތުން ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އޮރެންޖު އެލާޓް ވެސް ނެރެފައެވެ.
ކުރިއަށް އޮތް ހަފުތާ ބަންދާ ހަމައަށް މޫސުން ލަފާކުރެވޭ ގޮތާ ގުޅޭގޮތުން 'ސަން' އިން ސުވާލުކުރުމުން މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށެވެ.
ނަމަވެސް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށާއި ބުރާސްފަތި ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިތަދޫގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސިފައިން ހަރަކާތްތެރިވާ މަންޒަރު --- ފޮޓޯ: އެމްއެންޑީއެފްމެޓް އޮފީހުން މިއަދުގެ 18:00 އަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ހިސާބުތަކަށް ގުގުރުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.
ވައިޖެހޭނެ ބާރުމިނަށް ބަލާއިރު ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެހެނިހެން ހިސާބުތަކަށް ގަޑިއކު 13 މޭލާއި 20 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާޓްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ކަނޑުތަކަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގައި ރާޅުތަކުގެ އުސްމިނުގައި ހަފޫޓު ހުންނާނެ ކަމަށާއި ދެކުނުގެ ހިސާބުތަކުގައި ފަސް ފޫޓަށް ރާޅުތަކުގެ އުސްމިން ހުންނާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވާރޭ ރިކޯޑުކުރެވިފައިވާ މިންވަރު --- ފޮޓޯ: މެޓް އޮފީސް ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ނ. މާފަރަށެވެ. އެގޮތުން މާފަރަށް 62.1 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ދައްކަނީ ރ. އިފުރަށެވެ. އެގޮތުން އިފުރަށް 42.5 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.