އެޕަލް ކުންފުނިން ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ފުރަތަމަ ފަށްޖެހޭ ފޯނު، "އައިފޯން އަލްޓްރާ" އަދި ރަސްމީކޮށް ލޯންޗު ނުކުރި ނަމަވެސް، އެ ފޯނުގެ ސަބަބުން މުޅި ސްމާޓްފޯނު އިންޑަސްޓްރީއަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފިއެވެ.
އަންނަ މަހު މި ފޯނު ބާޒާރަށް ނެރުމަށް ތައްޔާރުވަމުން އަންނައިރު، ފަށްޖެހޭ ފޯނުތަކަށް އޮތް ޑިމާންޑާއި ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އައިފޯން އަލްޓްރާއާ ވާދަކުރުމަށްޓަކައި އެހެން ކުންފުނިތަކުން ދަނީ އެ ކުންފުނިތަކުގެ އާ ފަށްޖެހޭ ފޯނުތައް ބާޒާރަށް ނެރެމުންނެވެ. އެގޮތުން ޝައޯމީގެ އާ "ޝައޯމީ 18 ފޯލްޑް" އަންނަ މަހު ޗައިނާގެ މާކެޓަށް ނެރުމަށް ހަމަޖެހިފައިވާއިރު، އެ ފޯނަށް އޮތް ޕްރީ-އޯޑަރުގެ އަދަދު ވަނީ ކުރީގެ އަހަރުތަކުގެ ރެކޯޑުތައް މުގުރާލައި ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.

ޝައޯމީ 18 ފޯލްޑެއް ----
ޝައޯމީ 18 ފޯލްޑް އަދި ސެމްސަންގުގެ "ގެލެކްސީ ޒެޑް ފޯލްޑް 8" އަކީ ވެސް އައިފޯން އަލްޓްރާއާ އެއްގޮތަށް ފުޅާކޮށް ފަށްޖެހޭ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ފޯނުތަކެކެވެ.
މީގެ އިތުރުން ވާވޭ އިން ވެސް ވަނީ މާކެޓުގައި ވާދަކުރުމުގެ ގޮތުން "ޕޫރާ އެކްސް މެކްސް" ގެ ނަމުގައި އާ ފޯލްޑަބަލް ފޯނެއް ތައާރަފުކޮށްފައެވެ.
އެޕަލްގެ އައިފޯން އަލްޓްރާގެ ޑިސްޕްލޭތައް ހަމައެކަނި ފޯރުކޮށްދެނީ ސެމްސަންގުން ކަމަށްވާއިރު، އެޕަލްގެ ޑިޒައިން ސްޕެސިފިކޭޝަންތަކާ އެކު ސެމްސަންގުން ވެސް ފުޅާކޮށް ފަށްޖެހޭ ސްމާޓްފޯނެއް އުފެއްދުމަށް ނިންމީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގެލެކްސީ ޒެޑް ފޯލްޑް 8 އަށް މުޅި ދުނިޔޭގައި ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ފަށްޖެހޭ ފޯނުތަކުގެ މާކެޓަށް މިވަނީ އާ ދިރުމެއް ލިބިފައެވެ.
އައިފޯން އަލްޓްރާގެ އަގު 2،000 ޑޮލަރަށް ވުރެ މަތިވާނެ ކަމަށް ބެލެވުނު ނަމަވެސް، މި ފޯނު ވިކޭނެ ކަމަށް ލަފާކުރާ މިންވަރު ވަރަށް މައްޗެވެ.
އެޕަލް މި މާކެޓަށް ވަނުމާއެކު ކަސްޓަމަރުންނަށް ލިބޭ ޗޮއިސްތައް އިތުރުވެ، ކުރިއަށް އޮތް ތަނުގައި އިތުރު ކުންފުނިތަކުން ފަށްޖެހޭ ފޯނުތަކުގެ މާކެޓަށް ވަންނާނެ ކަމަށް ލަފާކުރެވެއެވެ.