ސެމްސަންގް ގެލެކްސީ ފޯނުތަކަށް ދޫކުރަން ތައްޔާރުވަމުންދާ އާ އަޕްޑޭޓް ކަމަށްވާ 'ވަން ޔޫއައި 9.5' އާއެކު، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ ތާޑް-ޕާޓީ އެޕްތަކުން ކުރާ ކޯލްތައް ރެކޯޑް ކުރެވޭނެ ފީޗާއެއް ތައާރަފްކުރަން އުޅޭކަމުގެ އިޝާރާތްތަކެއް ލިބިއްޖެއެވެ.
ސެމްސަންގްގެ ޚަބަރުތައް ގެނެސްދޭ 'ސޭމްމޮބައިލް' އާ ހަވާލާދީ ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ ގެޖެޓްސް 360 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވަން ޔޫއައި 9.5 ގެ ޓެސްޓް ބިލްޑަކުން ވަނީ އިތުރު އެހެން ރެކޯޑިން އެޕްލިކޭޝަނެއް އިންސްޓޯލް ކުރުމަކާ ނުލައި، ސީދާ ސެމްސަންގްގެ ފޯން އެޕް މެދުވެރިކޮށް ތާޑް-ޕާޓީ އެޕްތަކުގެ ކޯލްތައް ރެކޯޑް ކުރެވޭނެ އޮޕްޝަނެއް ފެނިފައެވެ. މި ލިސްޓުގައި ވަޓްސްއެޕް އަދި ޓެލެގްރާމްގެ އިތުރުން ގޫގުލް މީޓް ވެސް ހިމެނެއެވެ.
އާންމުވެފައިވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި، ސެމްސަންގް ފޯން އެޕްގެ ސެޓިންގްސްގައި ހިމެނޭ 'ކޯލް ރެކޯޑިންގްސް އެންޑް ޓްރާންސްކްރިޕްޓްސް' ބައިގެ ދަށުން 'ރެކޯޑް ކޯލްސް އިން އަދަ އެޕްސް' ނަމުގައި އާ އޮޕްޝަނެއް ވަނީ ހިމަނާފައެވެ. މި އޮޕްޝަނަށް ވަނުމުން ކޯލް ރެކޯޑް ކުރުމަށް ސަޕޯޓްކުރާ އެޕްތަކުގެ ލިސްޓެއް ފެންނަން ހުންނައިރު، ކޮންމެ އެޕަކަށް ވަކިން ރެކޯޑިން އޮން ނުވަތަ އޮފް ކުރެވޭނެ ޓޮގަލް ބަޓަނެއް ދީފައިވެއެވެ. ޓެސްޓްކުރި ފޯނުގައި އޭރު އިންސްޓޯލްކޮށްފައި ހުރީ ހަމައެކަނި މި ތިން އެޕް ކަމަށްވާތީ، ރަސްމީކޮށް މި ފީޗާ ނެރޭއިރު އިތުރު އެޕްތަކަށް ވެސް މި ޚިދުމަތް ލިބުމުގެ ފުރުސަތު އެބައޮތެވެ.
މި އަޕްޑޭޓް ލިބޭނެ ދުވަހެއް އަދި ރަސްމީކޮށް ނޭންގޭ ----މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ، ތާޑް-ޕާޓީ އެޕްތަކުގެ ކޯލްތައް ރެކޯޑް ކުރާއިރު ކޯލްގެ އަނެއްކޮޅުގައި ހުންނަ މީހާއަށް އެކަން އަންގައިދޭ އޯޑިއޯ އިންޒާރެއް ނުވަތަ އެލާޓެއް ނީވޭނެ ކަމަށް ބެލެވުމެވެ. އެހެންކަމުން، ކޯލް ރެކޯޑް ކުރުމުގެ ކުރިން އަނެއް ފަރާތަށް އެކަން އެންގުމަކީ ކޯލް ކުރާ ފަރާތުގެ ޒިންމާއަކަށް ވާނެއެވެ.
އެހެންނަމަވެސް، ކޯލް ރެކޯޑް ކުރުމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް އެކި ގައުމުތަކުގައި ތަފާތުވުމުގެ ސަބަބުން، ދުނިޔޭގެ ހުރިހާ މާކެޓަކަށް ސެމްސަންގުން މި ފީޗާ ދޫކުރުމަކީ ނާދިރު ކަމެކެވެ. އަދި ބައެއް ސަރަހައްދުތަކުގައި ގާނޫނީ ގޮތުން ލާޒިމްކުރާތީ، ކޯލް ރެކޯޑް ކުރާކަން އަންގައިދޭ އިއުލާނެއް ކޯލްގެ ތެރެއިން އިވޭ ގޮތަށް ބަދަލު ގެނައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ސެމްސަންގުން މި ފީޗާއާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވާއިރު، ވަން ޔޫއައި 9.5 އާންމުންނަށް ދޫކުރާނެ ވަކި ތާރީޚެއް ވެސް އިއުލާނެއް ނުކުރެއެވެ. އަދި މި އަޕްޑޭޓް ރަސްމީކޮށް ނެރުމުގެ ކުރިން، ސަޕޯޓްކުރާ އެޕްތަކުގެ ލިސްޓަށާއި ފީޗާ މަސައްކަތްކުރާ ގޮތަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.