ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާގައި އެހީތެރިކަން ބޭނުންވާ އެއްވެސް ދިވެއްސަކު ހުރިނަމަ އެކަން އެންގުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެދިއްޖެއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާއާ ގުޅިގެން ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި، ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން، ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް މި ހާދިސާގައި އަސަރުކޮށްފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން އެ ހާދިސާ ހިނގި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމުގެ މައުލޫމާތެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ނަމަވެސް، މި ހާދިސާއާ ގުޅިގެން ނޭޕާލްގައި ތިބި އެއްވެސް ދިވެހި ރައްޔިތަކު އެހީތެރިކަމެއް ބޭނުންވާނަމަ ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު +9607983400 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގަން މެދުވެރިވީ ހިމާލަޔާ ފަރުބަދަތަކުގެ އުސް ސަރަހައްދަކުން ގްލޭސިއާއާއެއް ކަނޑައިގެން ގޮސް ވެއްޓުމާ ގުޅިގެންނެވެ.
ނޭޕާލާއި ޓިބެޓްގެ ބޯޑަރު ކައިރީގައިވާ އުސް ފަރުބަދައަކުން ބޮޑު ގްލޭސިއާއެއްގެ ބައެއް ތިރިއަށް ވެއްޓުނު ވަގުތު، އޭގެ ބާރުގަދަކަމުން ޖިއޮލޮޖިކަލް ސާވޭތަކުން ފުރަތަމަ ލަފާކުރީ މިއީ 4.4 އާއި 5.2 އާ ދެމެދުގެ ބިންހެލުމެއް ކަމަށެވެ.
ކަނޑައިގެން ދިޔަ ގްލޭސިއާއާ އެކު އެތައް މިލިއަން ޓަނެއްގެ ގަނޑުފެނާއި، ކިސަޑާއި ހިލަތައް ތިރީގައިވާ ވާދީތަކާއި ކޯރުތަކަށް ފައިބައިގެން ދިޔަ އެވެ.
އަދި ކުރަމުންދިޔަ މޫސުމީ ވިއްސާރައިގެ ސަބަބުން މި ފެންގަނޑު ފެތުރުމުގެ ބާރު އަވަސްވެ، އާދަޔާ ހިލާފު ބާރުމިނެއްގައި އުސްކޮށް ވާދީތަކުން ފެންގަނޑު ދެމިގަތުމުގެ ސަބަބުން މަގުމަތީގައި ހުރި އިމާރާތްތައް ވަނީ ކިސަޑާއި ކުނިބުނީގެ ދަށުގައި ވަޅުލެވިފަ އެވެ.
މި ހިތާމަވެރި ހާދިސާގައި 270 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 1،300 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.