ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތަކުގައި މައްސަލައެއް އުޅޭނަމަ އިތުރު ލިޔެކިޔުންތައް ހުށަހަޅަން އިތުރު 21 ދުވަސް ހައުސިން ހައުސިން މިނިސްޓްރީއިން މިއަދު ދީފިއެވެ.
އިތުރު ލިޔެކިޔުން ހުށަހެޅުމަށް އެންމެ ފުރަތަމަ މިނިސްޓްރީއިން ދިނީ ހަތް ދުވަހެވެ. އެއަށްފަހު މިއަދު ހައުސިން މިނިސްޓްރީއިން ވަނީ އެ މުއްދަތު އިތުރުކޮށްފައެވެ.
އެކަން ހާމަކޮށް މިސްޓްރީއިން މިއަދު ކޮށްފައިވާ ޕޯސްޓުގައި އެޕްލިކެންޓުން ހުށަހަޅާފައިވާ މައުލޫމާތުގައި ފުށުއެރުމެއް ހުރިނަމަ، އެކަމާ ގުޅޭ ސައްހަ މައުލޫމާތު ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ސާފުކޮށްދިނުމަށް ދިން ހަތް ދުވަހުގެ މުއްދަތު އެޕްލިކެންޓުންނަށް ލުއިކޮށްދިނުމުގެ ގޮތުން 21 ދުވަހަށް އިތުރުކޮށްދިނުމަށް މިނިސްޓްރީއިން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އެ 21 ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދިނުމަށާއި އެކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ވެރިފިކޭޝަން މަސައްކަތް މިހާރު ކުރިއަށްދާއިރު، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި، ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތުތަކުގައި އެއްވެސް ފުށުއެރުމެއްވާނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެ ކަމަށް މިނިސްޓްރީއިން ވަނީ މީގެ ކުރިން ވަނީ ބުނެފައެވެ.
ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންކަމުގައިވާނަމަ ނުވަތަ އިއުތިރާޒުކުރާނަމަ، އެކަމުގެ ތަފުސީލާއި ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައަށް ޖަވާބު ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ހައުސިން މިނިސްޓްރީން ހާމަކުރި ގޮތުގައި ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު، ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި، 58،505 ފޯމް ހުށަހަޅާފައިވެއެވެ. އެއީ ފްލެޓަށް އެދި 35930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
ބޯހިޔާވަހިކަން އެންމެންނަށް ސްކީމުގެ ދަށުން 7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފައިވެއެވެ.
މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަނޑައަޅައި، މި އަހަރުގެ ތެރޭގައި އެކަން އަންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން އިއުލާނުކުރައްވާފައެވެ.