މަޝްހޫރު މެސެޖިން އެޕް ޓެލެގްރާމްގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ގްރޫޕްތަކާއި ޗެނަލްތަކަށް އަދި ޗެޓްތަކަށް ޚާއްޞަ މުހިންމު އައު ފީޗާތަކެއް ހިމަނައިގެން ބޮޑު އަޕްޑޭޓެއް ނެރެފިއެވެ.
ޓެލެގްރާމްގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ މި އަޕްޑޭޓްގެ ދަށުން ގްރޫޕްތަކާއި ޗެނަލްތަކުގެ ވެރިންނަށް އަލަށް ގުޅޭ މެންބަރުންނަށް ޚާއްޞަކޮށްގެން 'ވެލްކަމް މެސެޖް' ތައްޔާރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާނެކަމަށެވެ. މި މެސެޖުތައް ފެންނާނީ ހަމައެކަނި އަލަށް ގުޅޭ މީހުންނަށް ކަމަށްވާތީ، ޗެޓުގައި ކުރިން ތިބި މެންބަރުންނަށް އެކަމުގެ އުނދަގުލެއް ނުވާނެއެވެ. އަދި ބޮޓްތަކުގެ އެހީއަކާ ނުލައި ޗެނަލް ނުވަތަ ގްރޫޕްގެ ޕްރޮފައިލް މެދުވެރިކޮށް ހަދާ މި މެސެޖުތަކުގައި މީޑިއާ ފައިލްތަކާއި، ޓޭބަލްތަކާއި، އެކި ވައްތަރުގެ ފޯމެޓިން ބޭނުންކުރެވޭނެއެވެ.
މީގެއިތުރުން ޑިވެލޮޕަރުންނަށް މެސެޖުތަކުގެ ތެރޭގައި 'އިންޓަރެކްޓިވް ބަޓަން' ތައް ހިމެނުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކޯޑިން ބޭނުންކޮށްގެން ތައްޔާރުކުރާ މި ބަޓަންތަކާއި ވަގުތީ (އެފެމެރަލް) މެސެޖުތައް ގުޅުވައިގެން ގްރޫޕްތަކުގައި ސާވޭތަކާއި، ކުއިޒް، ގޭމް އަދި ވިޔަފާރި މުދާ ބަލައި އޯޑަރުކުރުން ފަދަ ޚިދުމަތްތައް ދެވޭނެއެވެ. އަދި އެއް ގްރޫޕެއްގެ ތެރޭގައި ތަފާތު ބައިވެރިންނަށް ވަކިވަކިން ގޭމް ކުޅެވޭނެ ގޮތްވެސް މި ބަޓަންތަކުން ހެދޭނެއެވެ.

މިއަޕްޑޭޓްތައް ލިބިގަތުމަށް އެންމެ ފަހުގެ ވާޝަންއަށް އަޕްޑޭޓްކުރުމަށް ޓެލެގްރާމުން އިލްތިމާސްކުރޭ ---
ޓެލެގްރާމްގެ ރިޗް ޓެކްސްޓް އެޑިޓަރަށް ގެނައި ބަދަލާއެކު، ތިން ލައިނަށްވުރެ ދިގުކޮށް ލިޔާ މެސެޖުތަކުގެ ތެރެއަށް ލިޔުމާ އެކުއެކީގައި ޑޮކިއުމެންޓާއި، އެހެނިހެން ފައިލްތަކާއި މިއުޒިކް ވަކިން ނުފޮނުވައި އެއް މެސެޖެއްގެ ގޮތުގައި ފޮނުވުމުގެ ފުރުޞަތު މިހާރު ލިބިގެންދާނެއެވެ.
ޓެލެގްރާމް މާކެޓްޕްލޭސް މެދުވެރިކޮށް ގަންނަ 'ކަލެކްޓިބަލް ގިފްޓް' ތަކަށް ސޮއި (ސިގްނޭޗާ) އާއި ކޮމެންޓް އިތުރުކުރެވޭނެ ގޮތްވެސް މި އަޕްޑޭޓުގައި ވަނީ ހިމަނާފައެވެ. މިފަދަ ހަދިޔާތައް ގަތުމަށް 'ޓެލެގްރާމް ސްޓާސް' ބޭނުންކުރެވޭނެއެވެ.
މި އައު ފީޗާތައް ނުފެންނަ ބާވަތުގެ ކުރީގެ ވާޝަންތައް ނުވަތަ މޮޑެލްތަކުގެ އެޕް ބޭނުންކުރާ ފަރާތްތަކަށް، އެޕް އަޕްޑޭޓްކުރުމަށް އިރުޝާދުދޭ ޚާއްޞަ ޕްލޭސްހޯލްޑަރެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. އަދި އައު ފީޗާތައް ލަސްނުވެ ލިބުމަށްޓަކައި އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކުގައި އޮޓޯ-އަޕްޑޭޓް އޮންކޮށްފައި ބެހެއްޓުމަށް ޓެލެގްރާމުން އިލްތިމާސްކުރެއެވެ.
އޯގަސްޓް 14، 2013 ގައި ވުޖޫދަށް އައި ޓެލެގްރާމަކީ ކޮންމެ އަހަރަކުވެސް އެޕްގެ އަހަރީ ދުވަހާ ގުޅުވައިގެން ޔޫޒަރުންނަށް ޚާއްޞަ، ބޮޑެތި އަޕްޑޭޓްތަކެއް ގެނެސްދޭ ޕްލެޓްފޯމެކެވެ. މިއަހަރު ފާހަގަކުރާ 13 ވަނަ އަހަރީ ދުވަހާ ގުޅިގެން ގެނައި މި ބަދަލުތަކަކީވެސް އެޕް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، މުއާމަލާތްކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ގެނެސްފައިވާ މުހިންމު އަޕްޑޭޓްތަކެކެވެ.