ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އެ އިދާރާގައި ދެން އިތުރު މުސްތަޤްބަލެއް ނެތް ކަމަށް ޔޫރަޕިއަން ލީގްސްގެ ރައީސް ކްލޯޑިއަސް ޝޭފާ ވިދާޅުވެއްޖެއެވެ.
ޝޭފާ ފާހަގަކުރެއްވި ގޮތުގައި އިންފަންޓީނޯގެ ލީޑަޝިޕާމެދު ޔޫރަޕުގެ 53 ޕްރޮފެޝަނަލް ފުޓްބޯޅަ ލީގު ތަމްސީލުކުރާ ޔޫރަޕިއަން ލީގްސްއިން އިންތިހާއަށް ކަންބޮޑުވެއެވެ. އަދި ފީފާގެ ކަންކަން ނިންމުމުގައި ކުލަބްތަކާއި އެކި ފަރާތްތަކުގެ މަޝްވަރާއާ ނުލައި، ރައީސްގެ ބާރުތައް ދުވަހުން ދުވަހަށް ފުޅާކުރައްވަމުން ގެންދަވާތީ އިންފަންޓީނޯ އެ މަޤާމުގައި ހުންނެވުމުގެ ޤާބިލުކަމާމެދު ވަނީ ސުވާލު އުފައްދަވާފައެވެ.
މި މައްސަލަ ބޮޑުވެފައިވަނީ ވޯލްޑް ކަޕްގެ ކޮމާޝަލް ރައިޓްސްގެ ބައެއް ވިއްކާލުމަށް ފީފާއިން ކުރިން އުޅުނު އުޅުމާއި، އަދި އެހެނިހެން ސިޔާސީ ނުފޫޒުތަކުގެ ސަބަބުންނެވެ.
މިގޮތުން ޔުއެފާ، އޭއެފްސީ އަދި ކޮންކާކާފް ހިމެނޭ ގޮތަށް ތިން ކޮންފެޑަރޭޝަނަކުން އަންނަނީ އިންފަންޓީނޯ މަޤާމުން އިސްތިއުފާ ދެއްވުމަށް ބާރުއަޅަމުންނެވެ. މީގެ އިތުރުން ފީފާގެ ރައީސާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްވެސް ސަރަޙައްދީ އިދާރާތަކުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ޝޭފާ އިތުރަށް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފީފާގެ ޕީސް ޕްރައިޒް އެރުވުމާއި، ވޯލްޑް ކަޕްގެ ތެރޭގައި އެމެރިކާގެ ކުޅުންތެރިޔާ ފޮލާރިން ބަލޯގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް އުވާލި އުވާލުމަކީ ކުޅިވަރުގެ އަޚްލާޤީ މިންގަނޑާ ޚިލާފު ބޮޑު ކަމެއް ކަމަށެވެ.
ކައުންސިލަށްވެސް އެންގުމެއް ނެތި ނިންމާ މިފަދަ ނިންމުންތަކަކީ ޤާނޫނާވެސް ޚިލާފު ކަންކަން ކަމަށާއި، ކުޅިވަރުގެ އިންސާފުވެރިކަން ގެއްލޭގޮތަށް އިންފަންޓީނޯ އަމަލުކުރައްވާފައިވާތީ އޭނާއަށް ފީފާގެ މުސްތަޤްބަލުގައި ދެން ޖާގައެއް ނެތް ކަމަށް ޝޭފާ ވިދާޅުވިއެވެ.