ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފަކު، ވިލިމާލޭގައި ހުންނަ ޝަރުއީ އަރުޝީފަށް ބަދަލުކުރުން ހުއްޓުވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރުނު އަމުރަށް އަމަލު ކުރުން ހައިކޯޓުން ހުއްޓުވުމާ ގުޅިގެން، ސިވިލް ކޯޓުގައި އޮތް ތަންފީޒު މައްސަލަ އެ ކޯޓުން ބާތިލުކޮށްފިއެވެ.
ޑީޖޭއޭގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް ވިލިމާލޭގައި ހުންނަ ޝަރުއީ އަރުޝީފަށް ބަދަލުކުރި މުވައްޒަފަކީ، ޑީޖޭއޭގެ ލީގަލް ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތް ކުރާ، މަޢުޞޫމާ ފާރޫގެވެ. މައުސޫމާ ޑީޖޭއޭގެ ލީގަލް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުންދަނިކޮށް، ކުއްލި ގޮތަކަށް އަރުޝީފަށް ބަދަލުކުރީ މެއި މަހުގެ ތެރޭގައެވެ.
މި މައްސަލައިގެ ތެރެއިން އެނގޭ ގޮތުގައި މައުސޫމާ، ވިލިމާލޭގައި މަސައްކަތް ކުރާ ގޮތަށް ކުއްލި ގޮތަކަށް ހަމަޖެއްސީ އޭނާ ޗުއްޓީގައި ހުއްޓައެވެ. އެއީ، އޭރުގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ މަގާމުން އިސްތިއުފާ ދެއްވައި، ޑީޖޭއޭގެ އިސް ދެ މުވައްޒަފަކު ސަސްޕެންޑް ކުރި ދުވަސްވަރު ހިނގި ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ.
މައުސޫމާ ކުއްލި ގޮތަކަށް ވިލިމާލޭގައި ހުންނަ ޝަރުއީ އަރުޝީފަށް ބަދަލުކުރުމުން، އެ ނިންމުމާ ޗެލެންޖުކޮށް އޭނާ ދިޔައީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގެ ތެރެއިން އެ ޓްރައިބިއުނަލުންވަނީ އެ މައްސަލަ އެ ތަނުން ވަކިގޮތަކަށް ނިމެންދެން މައުސޫމާގެ ވަޒީފާ ބަދަލު ކުރި ކުރުމަށް އަމަލުކުރުން ފަސްކުރުމަށް އަމުރުކޮށްފައެވެ. އަދި އެ އަމަރު ތަންފީޒު ކުރުމަށް މައުސޫމާ ސިވިލް ކޯޓަށް ހުށަހަޅާފައިވަނިކޮށް، ޑީޖޭއޭއިން އެ ނިންމުން ހިފައިގެން ދިޔައީ ހައިކޯޓަށެވެ.
ހައިކޯޓުން އޮތީ ކުރިން، އެ އަމުރަށް އަމަލު ކުރުން ހުއްޓުވައިފައެވެ. އެހެންކަމުން، ސިވިލް ކޯޓުން މިއަދު ނިންމީ އެ ކޯޓުގައި އޮތް މައްސަލަ ކުރިއަށް ގެންދާނެ ތަނެއް މި ވަގުތު ނެތް ކަމަށެވެ. އެ ނިންމުން ނިންމީ، އެ ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގުއެވެ.
ހައިކޯޓުގައި މި މައްސަލައިގެ އަޑު އެހުންތައް ފަށައިފައިވާއިރު، ހައިކޯޓުގެ ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ޑީޖޭއޭއަށްވަނީ އަމާޒުވެފައެވެ. އެގޮތުން މައުސޫމާ ބަދަލު ކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން އެ އިދާރާއިން ފޮނުވި އީމެއިލްގެ ކޮންޓެންޓާ ގުޅޭ ގޮތުން ސުވާލު ކުރެއްވިއެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަމުރު ތަންފީޒުކޮށްފައިވާ ކަމަށް ޑީޖޭއޭއިން ބުނުމުން، އެ އަމުރު ތަންފީޒު ކުރަން ކުރީ ކޮންކަމެއްތޯ ފަނޑިޔާރު އެއްސެވިއެވެ. އޭގެ އިތުރުން އަރުޝީފަށް މައުސޫމާ ބަދަލު ކުރި ކުރުމާ ގުޅޭ ގޮތުން ތަކުރާރުކޮށް ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވިއެވެ. އަދި މައުސޫމާ ބަދަލު ކުރަން ނިންމި ނިންމުން ލިޔުމުން އޮތްތޯ ބެލުމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށް ފަހު، އެ ލިޔުން ހައިކޯޓަށް ހުށަހަޅަން ބެންޗުން އެންގެވިއެވެ.
މީގެ އިތުރުން އަމުރާ ގުޅޭ ގޮތުން ޑީޖޭއޭއިން ނިންމި ނިންމުމާ ގުޅިގެން، އަލުން ހައިކޯޓުގައި އަމުރަކަށް އެދުމުން ކުރާ އަސަރަކީ ކޮބައިތޯވެސް ބެންޗުން ސުވާލު ކުރެއްވިއެވެ. އަދި މައުސޫމާ ބަދަލު ކުރީ ވަގުތީ ގޮތުން ކަމަށް ޑީޖޭއޭއިން ބުނުމުން، އެ ވަގުތީ ގޮތުން ނިންމި ނިންމުމުގެ މުއްދަތަކީ ކޮބާތޯވެސް ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ. އޭގެ އިތުރުން، އޭނާ ބަދަލު ކުރުމުގެ ކުރިން، މުވައްޒަފާ އެއްވެސް މަޝްވަރާއެއް ކުރިތޯ އަދި މަސައްކަތްތައް ބަދަލުކުރި ކުރުން ލިޔުމުން އޮންނާނެތޯވެސް ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ.
އަރުފީޝަށް ބަދަލުކޮށް މައުސޫމާއާ ހަވާލު ކުރެއްވީ ކޮން މަސައްކަތެއްތޯވެސް ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ. އަދި މައުސޫމާގެ ވަޒީފާގެ ތަޖުރިބާއާއި ތައުލީމާއި ހުނަރަށް ބަލާއިރު، ފަހުން ހަވާލު ކުރި މަސައްކަތަކީ އެ ތަޖުރިބާއާއި ތައުލީމަށް ރިއާޔަތްކޮށް ހަވާލު ކުރި މަސައްކަތެއްތޯ ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ.
މި މައްސަލައިގެ އަޑު އެހުމުން އެނގޭ ގޮތުގައި ވިލިމާލެއަށް ބަދަލުކުރުމަށް ފަހު، ފަހުން އަނެއްކާ މައުސޫމާ ޑީޖޭއޭގައި މަސައްކަތް ކުރާ ގޮތަށްވަނީ ވަގުތީ ގޮތުން ހަމަޖައްސައިފައެވެ.