ގިނަ އަދަދަކަށް ދިވެހިން އުޅޭ މެލޭޝިއާގެ 30 ސަރަޙައްދެއްގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެއްޖެ

އަވަށްޓެރި އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ދުންފުނީގެ އަސަރު މެލޭޝިއާއަށް ފޯރައި، އެ ގައުމުގެ ގާތްގަނޑަކަށް 30 ސަރަޙައްދެއްގެ ވައިގެ ސާފުމިން ނުރައްކާތެރި ދަރަޖައަކަށް ދަށަށް ގޮސްފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ސީއެންއެންގައި މެލޭޝިއާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސް އެންޑް އެންވަޔަރަންމަންޓަލް ސަސްޓެއިނަބިލިޓީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އެ ގައުމުގެ 29 ސަރަޙައްދެއްގެ އެއާ ޕޮލިއުޓެންޓް އިންޑެކްސް (އޭޕީއައި) ރެކޯޑުކުރެވިފައިވަނީ ސިއްހަތަށް ގެއްލުންހުރި މިންވަރެއްގައެވެ.

އެގޮތުން އެންމެ މަތިން އޭޕީއައި ރެކޯޑުކުރެވިފައިވަނީ ސަރަވަކްގެ ސެރިއަން ޑިސްޓްރިކްޓް ޕޮލިސް ހެޑްކުއާޓާޒްގެ ސްޓޭޝަނުންނެވެ. އެއީ 182 ގައެވެ.

ދެވަނައަށް އެންމެ މަތީގައި އޮތީ ސިލަންގޯގެ ޖޯހަން ސެޓިއާ (173) އަދި ސަރަވަކްގެ ސްރީ އަމަން (170) އެވެ. މީގެއިތުރުން ވެރިރަށް ކުއާލަ ލަމްޕޫރުގެ އޭޕީއައި 154 ގައި ހުރިއިރު، ޝާހް އަލަމްގައި ހުރީ 162 ގައެވެ. އަދި ކުޗިންގްގައި 160، ތަންޖުންގް މާލިމްގައި 157، ތައިޕިންގްގައި 155 އަދި ޖޯހޯގެ ސެގަމަޓް، ބާތު ޕަހަތު އަދި ތަންގްކަކް ގައި ރެކޯޑުކުރެވިފައިވަނީ 152 ގައެވެ.

އިތުރު 38 ސްޓޭޝަނަކުން ވައިގެ ފެންވަރު ރެކޯޑުކުރެވިފައިވަނީ މެދުމިންވަރެއްގައެވެ.

މެލޭޝިއާގެ މިންގަނޑުތަކަށް ބަލާއިރު އޭޕީއައި 0 އާއި 50 އާ ދެމެދު ހުރުމަކީ ރަނގަޅު މިންވަރެކެވެ. 51 އާއި 100 އަކީ މެދުމިންވަރެވެ. 101 އާއި 200 އަކީ ސިއްހަތަށް ގެއްލުންހުރި މިންވަރެވެ. އަދި 201 އާއި 300 އަކީ ވަރަށް ނުރައްކާތެރި މިންވަރު ކަމަށްވާއިރު، 300 އިން މައްޗަކީ ހާލަތު އިންތިހާއަށް ގޯސްވެ ނުރައްކާވާ މިންވަރެވެ.

ތިމާވެއްޓާ ބެހޭ ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި ވައިގެ ނުސާފުކަން އިތުރުވެފައިވަނީ އެކި ދިމަދިމާލުން ދުންފުނި ދަތުރުކުރުމުގެ ސަބަބުންނެވެ. ސިންގަޕޫރުގެ އާސިއާން ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރުގެ މަޢުލޫމާތުތަކަށް ބަލާއިރު، އިންޑޮނޭޝިއާގެ ކަލިމަންތާންގައި އަލިފާން ރޯވެފައިވާ 287 ސަރަޙައްދެއް އަދި ސުމަޓްރާގައި 65 ސަރަޙައްދެއް ވަނީ ފާހަގަކުރެވިފައެވެ. އަދި މެލޭޝިއާގެ އެތެރޭގެ 11 ސަރަޙައްދަކުން ވެސް އަލިފާނުގެ ހާދިސާތައް ފާހަގަކުރެވިފައިވެއެވެ.

މި ހާލަތާ ގުޅިގެން މެލޭޝިއާ ސަރުކާރުން ވަނީ ހުޅުޖެހުމާއި ކުނި އެންދުން ހުއްޓުވުމުގެ ޤައުމީ ޕްލޭނާއި ދުންފުންޏާ ދެކޮޅަށް މަސައްކަތްކުރާ ޤައުމީ ޕްލޭން އެކްޓިވޭޓްކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

އަދި އޭޕީއައި 100 އިން މައްޗަށް ދިއުމުން ބޭރުގައި ހިންގާ ހަރަކާތްތައް ހުއްޓާލުމަށާއި، 200 އިން މައްޗަށް އަރައިފިނަމަ ސްކޫލްތަކާއި ޑޭކެއާތައް ވަގުތުން ބަންދުކުރުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން އޭޕީއައި 150 އިން މަތީގައި 24 ގަޑިއިރަށްވުރެ ގިނައިރު ހިފަހައްޓައިފިނަމަ ވިލާގަނޑަށް ކެމިކަލް އަޅައިގެން ވާރޭ ވެއްސުމުގެ (ކްލައުޑް ސީޑިން) މަސައްކަތް ކުރާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި ހާލަތުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތަކާއި ނޭވާހިއްލުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ޒުލްކިފްލީ އަޙްމަދު ވަނީ ވިދާޅުވެފައެވެ. އަދި ވައި ނުސާފުވުމުގެ ސަބަބުން މީގެ ދުވަސްކޮޅެއް ކުރިން ސަރަވަކް ސްޓޭޓުގެ 10 ޑިސްޓްރިކްޓެއްގެ 591 ސްކޫލެއް ދެ ދުވަހުގެ މުއްދަތަށް ވަނީ ބަންދުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް