މެލޭޝިއާ އެއާލައިންސްގެ ހުރިހާ ޕައިލެޓުން ޑްރަގަށް ނެގެޓިވްވެއްޖެ

މެލޭޝިއާ އެއާލައިންސްގައި އޮޕަރޭޝަނަލްކޮށް ހަރަކާތްތެރިވާ ހުރިހާ ޕައިލެޓުން މަސްތުވާތަކެއްޗަށް ޓެސްޓުކުރުމުގެ ޕްރޮގްރާމް ނިންމާލައި، ހުރިހާ ޕައިލެޓުން ވެސް ނެގެޓިވްވެފައިވާ ކަމަށް އެ އެއާލައިންގެ މައި ކުންފުނި، މެލޭޝިއާ އޭވިއޭޝަން ގްރޫޕް (މެގް) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މެގް އިން ކަނޑައެޅި މިދިޔަ ހޮނިހިރު ދުވަހުގެ ސުންގަޑީގެ ކުރިން 1،260 ޕައިލެޓުން ވަނީ ޓެސްޓުކޮށްފައެވެ.

މި މަޖުބޫރު ޓެސްޓުތައް ހަދަން ފެށީ، މެލޭޝިއާ އެއާލައިންސްގެ ޕައިލެޓަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑޮނޭޝިއާއިން ހައްޔަރުކުރުމާ ގުޅިގެން، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުންނެވެ.

https://www.sun.mv/225390

މެގް އިން ބުނި ގޮތުގައި، ދެން އެންމެ އަވަހަށް ފަށާނީ މެލޭޝިއާ އެއާލައިންސްގެ 2،840 ކޭބިން ކްރޫން ޓެސްޓުކުރުމުގެ މަސައްކަތެވެ. މާދަމާ ފަށާ މި މަސައްކަތް އަންނަ މަހުގެ ތިނެއްގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒުހިފާފައެވެ.

މީގެ އިތުރުން، މެގްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ފަޔާފްލައިގެ 158 ޕައިލެޓުންނާއި 163 ކޭބިން ކްރޫންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މިހާރު ޓެސްޓުކޮށްފައިވާއިރު، އެންމެން ވެސް ވަނީ ނެގެޓިވްވެފައެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް މެލޭޝިއާ (ސީއޭއޭއެމް) އިން ކަނޑައަޅާފައިވާ ސެޕްޓެންބަރު ފަހެއްގެ ސުންގަޑީގެ ކުރިން، މި މަހުގެ 25 ގައި ފަޔާފްލައިގެ ޓެސްޓުތައް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ. މެގް އިން ފާހަގަކުރި ގޮތުގައި، މި ފުޅާ ޕްރޮގްރާމްގެ ބޭނުމަކީ ކުންފުނީގެ ހުރިހާ އެއާލައިންތަކެއްގައި ވެސް އެއް މިންގަނޑެއް ހިފެހެއްޓުމެވެ.

މެގްގެ ރައީސް އަދި ގްރޫޕް ސީއީއޯ ކެޕްޓަން ނަސަރުއްދީން އޭ ބަކާރު ވިދާޅުވި ގޮތުގައި، ފުރަތަމަ ފިޔަވަހި ނިމުމަކީ މުހިންމު ކާމިޔާބީއެއް ނަމަވެސް، އެ ކުންފުނީގެ އެހެން އޮޕަރޭޝަނަލް ގްރޫޕްތަކުގައި ވެސް މި ޓެސްޓުތައް ކުރިއަށްގެންދާނެއެވެ.

"އަޅުގަނޑުމެން ވައުދުވި ފިޔަވަޅުތައް ތަންފީޒުކުރުމުގައި ފުރަތަމަ ފިޔަވަހި ނިމުމަކީ މުހިންމު ކާމިޔާބީއެއް، ނަމަވެސް މަސައްކަތް މި ހިސާބުން ނުނިމޭ،" ކެޕްޓަން ނަސަރުއްދީން ވިދާޅުވިއެވެ.

https://www.sun.mv/225802

އަދި މަޖުބޫރު ޓެސްޓުތަކުގެ އިތުރުން، ކުންފުނީގެ ސޭފްޓީ އެންޑް ހެލްތު ޓީމުން ކުރިއަށްގެންދާ ރެންޑަމް ޓެސްޓުތައް ވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މެގްގެ ފިޓްނަސް-ފޯ-ޑިއުޓީ އޮނިގަނޑުގެ ދަށުން، ވަޒީފާއަށް ނެގުމުގެ ކުރިން ހަދާ ޓެސްޓުތަކާއި، މެޑިކަލް ސެޓްފިކެޓް ހޯދުމާއި، ދޭތެރެދޭތެރެއިން ހަދާ ބަނގުރަލާއި މަސްތުވާތަކެތީގެ ޓެސްޓުތަކުގެ އިތުރުން ފްލައިޓަށް އެރުމުގެ ކުރިން ހަދާ ޗެކްތައް ވެސް ހިމެނެއެވެ.

މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ ޖުލައި 28 ގައި ޖަކާޓާގެ ސޫކަރްނޯ-ހައްތާ އިންޓަނޭޝަނަލް އެއާޕޯޓުން މެލޭޝިއާ އެއާލައިންސްގެ 39 އަހަރުގެ ޕައިލެޓަކު ހައްޔަރުކުރުމާ ގުޅިގެންނެވެ. އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، އޭނާގެ ލަގެޖުން 70،000 އަށް ވުރެ ގިނަ އެކްސްޓަސީ ގުޅަ އާއި މެތަމްފެޓަމިން ފެނިފައިވެއެވެ. މި މައްސަލައިގައި ޖަކާޓާގައި ތިބި މެލޭޝިއާގެ ނާކޮޓިކްސް ތަހުގީގުކުރާ ފަރާތްތަކުން އޭނާއާ ސުވާލުކުރުމުން، މަސްތުވާތަކެތީގެ ވިއުގަތަކާއި ކުރިން ހިންގާފައިވާ ސްމަގްލްކުރުމުގެ އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު ދީފައިވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.

މީގެ އިތުރުން، ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގެ (ކޭއެލްއައިއޭ) ސެކިއުރިޓީން ފާސްވުމުގައި އެއާޕޯޓުގެ އެއްވެސް މުވައްޒަފެއްގެ އެހީތެރިކަން ހޯދާފައިނުވާނެ ކަމަށް ވެސް އޭނާ ތަހުގީގުކުރާ ފަރާތްތަކަށް ކިޔައިދީފައިވެއެވެ.

comment ކޮމެންޓް