ކައު އިތުރު ރަސޫލާ މުޙައްމަދު ﷺ ގެ ސީރަތުން ފިލާވަޅު ލިބިގަނެ، އެކަލޭގެފާނުގެ މާތް އަޚްލާގާއި އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރުމަށް މިއަދު އަޒުމު ކަނޑައަޅަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކީރިތި ރަސޫލާއަކީ އެފަދަ ދެވަނައެއް ނުވާ މިޢުއްމަތުގެ މާތް ނަބިއްޔާއެވެ. އިންސާނިއްޔަތަށް ނިޢުމަތެއްގެ ގޮތުގައި މާތްﷲ ދުނިޔެއަށް ފޮނުއްވި މުޙައްމަދުގެފާނު ސުވަރުގެ ވަޑައިގަތީ އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާގެ ގޮތުގައި މީސްތަކުންނަށް އިސްލާމްދީން ފުރިހަމަކޮށްދެއްވުމަށްފަހުއެވެ.
ވެރިއެއްގެ ޙައިސިއްޔަތުން، އަޚްލާގުގެ ޙައިސިއްޔަތުން، ދީނަށް ގޮވައިލެއްވި ރަސޫލުބޭކަލެއްގެ ހައިސިއްޔަތުން، މުރައްބީއެއްގެ ހައިސިއްޔަތުން އެކަލޭގެފާނަކީ މަތިވެރި އިންސާނެކެވެ. ކީރިތި ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެކަލޭގެފާނުގެ ޝަޚްސިއްޔަތާމެދު ހުރިހާ ދީނެއްގެ ހުރިހާ ނަސްލަކާއި ނަޞަބެއްގެ މީހުންގެ ހެޔޮބަސް ލިބިވަޑައިގެންފައިވާ ނަމޫނާ ބޭކަލެކެވެ.
ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަސް، ކީރިތި ރަސޫލާގެ ޢީދު މީލާދު ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާއިރު، އެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި މެސެޖެއްގައި ސިޔާމް ވިދާޅުވީ، ކައު އިތުރު ރަސޫލާ މުޙައްމަދު ﷺ ގެ ސީރަތުން ފިލާވަޅު ލިބިގަނެ، އެކަލޭގެފާނުގެ މާތް އަޚްލާގާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރުމަށް މިއަދު އަޒުމުކަނޑައަޅަން ޖެހޭކަަމަށެވެ.
ސިޔާމްގެ މެސެޖު ނިންމަވާލައްވަމުން ވަނީ ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަކީ އިސްލާމްދީނުގައި ފުރިހަމައަށް ސާބިތުވެ ތިބި ބައެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ.