ސިޔާސީ ފިކުރަށް ނުވަތަ ވަކި ކުލައަކަށް ތާއީދުކުރުމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތަކުން މަހުރޫމްކުރުމާއި، ދިރިއުޅުމަށް ހުރަސްއެޅުމަކީ ޖުމްހޫރީ ނިޒާމެއްގައި އެއްގޮތަކަށް ވެސް ޖާގަދެވިގެންވާނެ ކަންކަމެއް ނޫން ކަމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅިގެން ސިޔާމް ނެރުއްވި ޚިޠާބުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަ ގާއުމުވެގެން ދިޔައީ 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު، ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒައާމަތުގައި ކަމަށެވެ. އަދި މިއަދު މި ދެކޭ ދެވަނަ ޖުމްހޫރިއްޔާގެ ބިންގާ އެޅިގެންދިޔައީ 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގައި ކަމަށް އެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވަނީ ދިވެހި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި މި ދެ ޒައީމުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުޢާ ދަންނަވައިފައެވެ.
https://x.com/Sun_Siyam/status/2120390193849282912
ސިޔާމް ވިދާޅުވީ މި އަހަރުގެ ޖުމްހޫރީ ދުވަހާ ހުރިހާ ދިވެހީން ބައްދަލުކުރަނީ މުޅި ދުނިޔެއަށާއި ދިވެހި ގައުމަށް ވެސް ފަހުގެ ތާރީޚެއްގައި ކުރިމަތި ނުވާ ފަދަ އިގްތިސޯދީ ގޮންޖެހުންތަކާއި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ. އަދި މި ދަތި ހާލަތުން ގައުމު ސަލާމަތްކޮށް، ރައްޔިތުންނަށް އަމާން އަދި ތަނަވަސް ދިރިއުޅުމެއް ހޯދައިދެވޭނީ ދައުލަތުގެ މާލިއްޔަތާއި މުދަލަށް ޚިޔާނާތްތެރިވުމާއި، ކޮރަޕްޝަންގެ ވަބާއިން މި ގައުމު އެއްކޮށް ސާފުކުރެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މި ނުރައްކާތެރި މައްސަލަތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، އަމަލީ ނަތީޖާ ނެރެދިނުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ސިޔާމް ވަނީ ގޮވާލައްވައިފައެވެ.
ޖުމްހޫރީ ވެރިކަމެއްގެ އަސްލަކީ އަދި ބާރުތަކުގެ ވެރިޔަކީ ރައްޔިތުން ކަމުގައިވާއިރު، ދައުލަތް ހިންގުމާ ހަވާލުވެ ތިއްބެވި އެންމެހާ ވެރިންނަކީ ރައްޔިތުންގެ މަތިވެރި އަމާނާތަކާ ހަވާލުވެވަޑައިގެން ތިއްބެވި ޚާދިމުން ކަމަށް ސިޔާމް ވިދާޅުވިއެވެ. އެހެންކަމުން އެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، އަމިއްލަ އެދުމާއި މަސްލަހަތުން އެއްކިބާވެ، އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމަށް ހުރިހާ ވެރިންނަށް ސިޔާމް ވަނީ ހަނދާންކޮށްދެއްވައިފައެވެ.
މީގެ އިތުރުން ވަޒީފާއާއި ދިރިއުޅުމުގެ ފުރުސަތުތައް ހަމަހަމަކަމާއެކު ކަށަވަރުވެފައިވާ ކޮންމެ ރައްޔިތަކަށްމެ ޝަރަފުވެރިކަމާއި ކަރާމާތްތެރިކަމާއެކު ދިރިއުޅެވޭނެ އަމާން ވެއްޓެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް ވާޖިބު ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ސިޔާސީ ފިކުރަށް ނުވަތަ ވަކި ކުލައަކަށް ތާއީދުކުރުމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތަކުން މަހުރޫމްކުރުމާއި، ދިރިއުޅުމަށް ހުރަސްއެޅުމަކީ ޖުމްހޫރީ ނިޒާމެއްގައި އެއްގޮތަކަށް ވެސް ޖާގަދެވިގެންވާނެ ކަންކަމެއް ނޫންކަން ސިޔާމް ފާހަގަކުރެއްވިއެވެ.
މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ އަގީދާގައި އަޅުގަނޑުމެން އެންމެން ސާބިތުކުރައްވައި، ދިވެހީންގެ މެދުގައިވާ އެއްބައިވަންތަކަމާއި ސުލްހަވެރިކަން ދަމަހައްޓަވާށި! އަދި މި ލޮބުވެތި ވަޠަނުގެ ޖުމްހޫރީ ނިޒާމު އިތުރަށް ހަރުދަނާވެ، ރަތައްގީއާއި ތަމައްދުނުގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ހެޔޮ ތައުފީގު މާތްﷲ ދިވެހިރާއްޖެއަށް މިންވަރުކުރައްވާށި! އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު
އެފަދައިން ދުޢާ ދަންނަވައި ސިޔާމް ވަނީ ގައުމުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި މުބާރަކްބާދީ އަރިސްކުރައްވައިފައެވެ.