ފަރުހާންއާ ދެމެދު އުފެދުނު މައްސަލަ ނިންމަންވާނީ ކޯޓުން ކަމަށް ރަންވީރުގެ ޓީމުން ބުނެފި

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓެއިންމަންޓްއިން މީގެ ތިން އަހަރު ކުރިން އިއުލާނުކުރި ފިލްމު "ޑޮން 3"އިން އެ ފިލްމުގެ ލީޑް އެކްޓަރު ރަންވީރު ވަކިވުމުން އުފެދުނު މައްސަލަ ނިންމަންވާނީ ކޯޓުން ކަމަށް ރަންވީރުގެ ޓީމުން ބުނެފިއެވެ.

ރަންވީރު ސިންގް "ޑޮން 3"އިން ވަކިވި މައްސަލައިގައި އުފެދިފައިވާ ދެބަސްވުންތައް ބެލުމުގެ ޤާނޫނީ ބާރު އިންޑިއަން މޯޝަން ޕިކްޗަ ޕްރޮޑިއުސާސް އެސޯސިއޭޝަނަށް (އައިއެމްޕީޕީއޭ)އަށް ލިބިގެން ނުވާކަމަށާއި އެ ޓީމުން ވަކާލާތު ކުރަނީ މި މައްސަލައަކީ ޕްރޮޑިއުސަރުންގެ ޖަމިއްޔާއަކުން ނިންމޭނެ ކަމެއް ނޫން ކަމަށާއި، މިއީ ކޯޓަކުން ނިންމަންޖެހޭ މައްސަލައެއް ކަމަށް ވެސް އެކްޓަރުގެ ޓީމުން ވަނީ ބުނެފައެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ "ޑޮން 3" ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ރަންވީރު އެ ފިލްމުން ވަކިވުމާ ގުޅިގެން، އޭގެ ބަދަލެއްގެ ގޮތުގައި 45 ކްރޯޑް ރުޕީސް ހޯދުމަށް ފަރުހާން އަޚްތަރާއި ރިތޭޝް ސިދްވާނީ އެދިފައިވާ ދަނޑިވަޅެއްގައެވެ.

ޕްރޮޑިއުސަރުން ހުށަހެޅި ޝަކުވާއާ ގުޅޭގޮތުން މަޝްވަރާކުރުމަށް އައިއެމްޕީޕީއޭއިން ބައްދަލުވުމެއް ބޭއްވުމަށް ރޭވި ނަމަވެސް، ރަންވީރުގެ ޤާނޫނީ ޓީމުން އެކަމަށް އިއުތިރާޒުކޮށް، އެ ޖަމިއްޔާއަށް މި މައްސަލަ ނިންމުމުގެ އިހްތިސާސް އޮތްތޯ ސުވާލު އުފެއްދުމުން ބައްދަލުވުން ވަނީ ފަސްކޮށްފައެވެ.

ފިލްމު "ޑޮން 3"ގެ ޑައިރެކްޓަރު ފަރުހާން އަޚްތަރު އަދި އެ ފިލްމުން ވަކިވެފައިވާ އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/އެންޑީޓީވީ

މިޑް-ޑޭ ރިޕޯޓުގައި ޕްރޮޑިއުސަރުންގެ ޖަމިއްޔާގެ މެންބަރަކާ ހަވާލާދީ ބުނެފައިވަނީ، ރަންވީރުގެ ޤާނޫނީ ޓީމުން ފޮނުވި ސިޓީއެއްގައި، ރަންވީރާއި އެކްސެލް އެންޓަޓެއިންމަންޓާ ދެމެދު ރަސްމީ އެއްބަސްވުމެއް ނެތް ކަމަށާއި، އޮތީ ހަމައެކަނި ފަހުމުނާމާއެއް (އެމްއޯޔޫ) ކަމަށެވެ. އަދި 45 ކްރޯޑް ރުޕީސްގެ ދައުވާއަށް ރަންވީރުގެ ފަރާތުން ރަސްމީކޮށް ދިފާއީ ޖަވާބު ވެސް ވަނީ ހުށަހަޅާފައެވެ.

އެ ސިޓީގައި ބަޔާންކޮށްފައިވަނީ، މި މައްސަލައަކީ އައިއެމްޕީޕީއޭގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ އެ ޝަކުވާ ބޭރުކޮށްލަންޖެހޭނެ ކަމަށާއި، މިކަމުގައި ގޮތެއް ނިންމޭނީ ހަމައެކަނި ކޯޓަކަށް ކަމަށެވެ.

މި ސިޓީ ލިބުމާ ގުޅިގެން، މި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ބައްދަލުވުން އައިއެމްޕީޕީއޭއިން ފަސްކުރިއެވެ. އަދި މި މަހުގެ 18 ވަނަ ދުވަހު ރަންވީރުގެ ބައްޕަ އަދި މަންދޫބު ޖަގްޖިތު ސިންގް ބަވްނާނީ އެ ޖަމިއްޔާއަށް ހާޒިރުވުމުން، ބައްދަލުވުން ފަސްކޮށްފައިވާކަން އޭނާއަށް އެންގި ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރަންވީރުގެ ޤާނޫނީ ޓީމުން ފަހުން ފޮނުވި އެހެން ސިޓީއެއްގައި ބުނެފައިވަނީ، އެކްސެލް އެންޓަޓެއިންމަންޓަށް ޝަކުވާ ހުށަހެޅުމުގެ އެއްވެސް އަސާސެއް ނެތް ކަމަށާއި، ފަރުހާން އާއި ރިތޭޝް ބޭނުންނަމަ މި މައްސަލަ ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އައިއެމްޕީޕީއޭއިން އެއްވެސް ނިންމުމެއް ނިންމައިފިނަމަ، ރަންވީރުގެ ފަރާތުން ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ސިޓީގައި އިންޒާރު ދީފައިވެއެވެ.

އައިއެމްޕީޕީއޭގެ ރައީސް އަބޭ ސިންހާ ވިދާޅުވީ، މި މަހުގެ 18 ވަނަ ދުވަހު ބޭއްވުނު ދެވަނަ ބައްދަލުވުމުގައި ދެ ފަރާތުންވެސް އެމީހުންގެ ދަލީލުތައް ހުށަހަޅާފައިވާ ކަމަށެވެ. މިހާރު އެ ޖަމިއްޔާގެ ޤާނޫނީ ޓީމުން ދަނީ ދެ ފަރާތުން ފާހަގަކުރި ނުކުތާތައް ދިރާސާކުރަމުން ކަމަށާއި، އަޅާނެ ފިޔަވަޅެއް ނިންމާނީ އެއަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ފިލްމު "ޑޮން 3"ގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ފިލްމު "ދުރަންދަރު" ފިލްމަށް ލިބުނު ކާމިޔާބީ އަށްފަހު ރަންވީރު މި ފިލްމުން ވަކިވި ކަމަށްވެއެވެ. މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރަންވީރު ވަނީ އެކްޝަން އަދި ސްޓަންޓް ތަމްރީނުތަކެއް ހަދާފައެވެ. މި ތަމްރީނުތަކަށް ހަރަދުކުރީ އެކްސެލް އެންޓަޓެއިންމަންޓުންނެވެ.

ރަންވީރު ފިލްމުން ވަކިވާން ބޭނުންވާކަން ޕްރޮޑިއުސަރުންނަށް އެންގީ ސްޓަންޓް ތަމްރީނުތައް ފުރިހަމަކުރިތާ އެއްމަސް ފަހުން ކަމަށް ފިލްމީ ޚަބަރުތަކުން ބުނެއެވެ.

ރަންވީރު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ދާދިފަހުން އޭނާ މަސައްކަތްފެށި ޖޭ މެހެތާގެ ފިލްމު "ޕްރަލޭ"އިންނެވެ.

comment ކޮމެންޓް