ރާއްޖޭގެ ފަސް ރައީސުން ބޭނުންކުރެއްވި ތާރީޚީ މޭޒުކޮޅެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނީލަމުގައި ވިއްކައިލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ، ދިވެހިރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒު ރައީސް އޮފީހުން ނީލަމަށް ލާފައިވަނީ ކަތަރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ބަލަހައްޓަން ދަތިވުމުގެ ސަބަބުން ކަމަށެވެ.
އެ މޭޒު ނީލަން ކިޔާފައިވަނީ ދައުލަތުގެ މިފަދަ މުދާ ނީލަމަށް ލުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.
މީގެއިތުރުން، އެ އޮފީހުން މިފަދަ ފަރުނީޗަރުތައް ނީލަމަށް ލަނީ ދައުލަތުގެ ނިޝާން ހަރުކޮށްފައިވާ ނަމަ، އެ ނިޝާން ނައްޓައިލުމަށް ފަހުގައި ކަން ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ، ޚަބަރުތަކާއި ފޮޓޯތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން ބަދަލުތަކެއް ގެނެސް، އެއީ ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، މިފަދަ ޚަބަރުތައް މީޑިއާގައި ޝާއިޢުކުރުމުގެ ކުރިން ސީދާ ކަމާބެހޭ ރަސްމީ އިދާރާތަކުން އެކަމުގެ ޞައްޙަ މަޢުލޫމާތު ހޯދުމަށާއި، ރަސްމީގޮތުން ކަށަވަރުކުރުމަކާ ނުލައި، ޙަޤީޤަތާ ޚިލާފަށް އަދި ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް މިފަދަ މަޢުލޫމާތު ޢާންމު ނުކުރުމަށް ޗީފް ސްޕޯކްސްޕާސަން ވަނީ އިލްތިމާސްކުރައްވާފައެވެ.