ބޭރުގެ ކޮންޓްރެކްޓަރުން އަތުން ނަގާ ވިތުހޯލްޑިން ޓެކްސް ދެގުނަކުރަން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ރާއްޖޭން ބޭރު ކޮންޓްރެކްޓަރުން ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފިއެވެ.

ސަރުކާރު ފަރާތުން މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރު އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅުއްވި މި އިސްލާހު ފާސްވީ، އިސްލާހު ފާސްކުރަން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ތެރެއިން 54 މެންބަރުންގެ ވޯޓުންނެވެ.

https://sun.mv/226142

ނުފެންނަ ކަމަށް ވޯޓުދެއްވީ ދެ މެންބަރުންނެވެ.

ސަރުކާރުން މި އިސްލާހު ހުށަހެޅި މަގުސަދެއް ކަމަށް ބުނެފައިވަނީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ރާއްޖޭން ބޭރު ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމުކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން، ރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ރާއްޖޭން ބޭރު ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާ ނަމަ، ރާއްޖޭން ބޭރު ފަރާތްތަކުގެ ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި 10 އިންސައްތަ އުނިކުރުމަށް ޒަރީރު ވަނީ ހުށަހަޅައިފައެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޭރު ކޮންޓްރެކްޓަރުންގެ އަތުން ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި މިހާރު އުނިކުރަނީ ފަސް އިންސައްތައެވެ.

ވިތުހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް، ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކަން ޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް ނަގަނީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ރާއްޖޭގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީންނެވެ. މީގެ ބޭނުމަކީ ބޭރު ފަރާތްތަކުން ރާއްޖޭގައި ހޯދާ އާމްދަނީން ދައުލަތަށް ލިބެން ޖެހޭ ޓެކްސް ކަށަވަރުކުރުމެވެ.

އާންމު ގޮތެއްގައި މި ޓެކްސް ނަގަނީ ރޯޔަލްޓީ، ޓެކްނިކަލް ފީ، ޑިވިޑެންޑް އަދި ކޮންޓްރެކްޓް މަސައްކަތްތަކަށް ދައްކާ ފައިސާއިންނެވެ. މި ނިޒާމުގެ ސަބަބުން ޓެކްސް ނުދައްކައި ފައިސާ ބޭރުވުން ހުއްޓުވައި، ދައުލަތުގެ އާމްދަނީ ރައްކާތެރިކޮށްދެއެވެ.

comment ކޮމެންޓް