ޔުނައިޓެޑް ބަލިކޮށް ހަލް ސިޓީއަށް ޕްރިމިއާ ލީގުގައި ތާރީޚީ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑު ކޮޅަށް ލަނޑު ޖެހުމަށްފަހު ހަލް ސިޓީން އުފާފާޅުކުރަނީ--

ނުވަ އަހަރުގެ މެދުކެނޑުމަކަށް ފަހު އިނގިރޭސި ޕްރިމިއާ ލީގަށް އެނބުރި އައި ހަލް ސިޓީން 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ސީޒަންގެ ފެށުން ވަރުގަދަކޮށްފިއެވެ.

މިއީ އިނގިރޭސި ފުރަތަމަ ޑިވިޝަން ނުވަތަ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ހަލް ސިޓީން މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ލީގުގައި މި ދެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން ޔުނައިޓެޑް މޮޅުވިިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ހަލްގެ އެމްކޭއެމް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން ގިނަ ވަގުތު ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް، ނުރައްކާތެރި ހަމަލާތައް އުފެއްދީ ހަލް ސިޓީންނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ހަލް ސިޓީއަށް ލީޑު ނަގައިދިނީ ޑިފެންޑަރު ސެމީ އަޖާޔީއެވެ. މިއީ ކޯނަރަކުން އައި ބޯޅައަކުން އޮލީ މެކްބާނީ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ސެން ލަމެންސް ދިފާއުކުރުމުން، ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަޖާޔީ ކާމިޔާބުކުރި ލަނޑެކެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑު ކޮޅަށް ލަނޑު ޖެހުމަށްފަހު ހަލް ސިޓީން އުފާފާޅުކުރަނީ--

ލީޑު ނެގުމަށްފަހު އިތުބާރާއެކު ކުޅެމުންދިޔަ ހަލް ސިޓީން ވަނީ މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. ރޭގަން ސްލޭޓާ ހިލޭ ޖެހުމަކުން ނަގައިދިން ހުރަހަކުން މި ލަނޑު ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ އެ ޓީމަށް އަލަށް ގުޅުނު ޑިފެންޑަރު ނޯބެލް މެންޑީއެވެ.

ދެވަނަ ހާފަށް ނުކުމެ ޔުނައިޓެޑުން ވަނީ ޕެޓްރިކް ޑޯގޫގެ ބަދަލުގައި މާކަސް ރެޝްފޯޑް ކުޅެން އަރުވައި، އެޓޭކިން ގޭމް އަވަސްކޮށްފައެވެ. ނަމަވެސް ބްރޫނޯ ފެނާންޑޭސް އާއި ބްރަޔަން އެމްބެއުމޯ ފޮނުވާލި ނުރައްކާތެރި ހަމަލާތައް، ހަލް ސިޓީގެ ކީޕަރު ކޮންސްޓަންޓީނޯސް ޒޮލާކިސް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒޮލާކިސް ވަނީ ޔުނައިޓެޑުން ގޯލާ އަމާޒުކޮށް ފޮނުވާލި ފަސް ހަމަލާއެއް ހުއްޓުވައިފައެވެ.

މި ސީޒަނުގެ ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލް ކާމިޔާބުކޮށްގެން ލީގަށް ޕްރޮމޯޓްވި ހަލް ސިޓީން ވަނީ މި މޮޅާއެކު ސީޒަންގެ ފެށުން ވަރަށް އުއްމީދީ ކޮށްފައެވެ.

މިއީ 2017 ވަނަ އަހަރުގެ މޭ މަހު ޓޮޓެންހަމް އަތުން 7-1 އިން ބަލިވި މެޗަށްފަހު، އެ ޓީމުން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ލީގުގެ އެހެން މެޗަކަށް ބަލާއިރު، އެންމެ ފަހުގެ ޗެމްޕިއަން އާސެނަލުން ވަނީ 3-0 އިން ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގެ ދަށުން ކުޅޭ ކޮވެންޓްރީ ސިޓީ ބަލިކޮށްފައެވެ.

comment ކޮމެންޓް