ލިވަޕޫލް ދަނޑުގައި އާސެނަލުން 14 އަހަރުވީ ރެކޯޑް މުގުރާލުމަށްފަހު ތިން ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިިމިއާ ލީގުގައި ލިވަޕޫލް ކޮޅަށް އާސެނަލްގެ ލަނޑު ކާމިޔާބުކޮށްދިން ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒް--

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލުން ލިވަޕޫލްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދާ، 14 އަހަރުފަހުން ލިވަޕޫލުގެ ދަނޑުގައި ތާރީޚީ ރިކޯޑެއް ހަދައިފިއެވެ.

މިއީ 2012 ވަނަ އަހަރުގެ ފަހުން ވޭތުވެދިޔަ 14 އަހަރު ތެރޭގައި އާސެނަލަށް ލިވަޕޫލްގެ ދަނޑުގައި މޮޅުވެވުނު ފުރަތަމަ ފަހަރެވެ. ލީގުގައި މި ހަފްތާގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ބްރައިޓަން އަތުން ބަލިވުމުގެ ފައިދާ އާސެނަލުން ވަނީ ހިފާފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އާސެނަލް ވަނީ ކުޅުނު 9 މެޗުން 24 ޕޮއިންޓް ހޯދައިގެން، 21 ޕޮއިންޓާއެކު ދެވަނައިގައި އޮތް ސިޓީގެ މައްޗަށް ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައެވެ. ލިވަޕޫލްގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި، ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒްއެވެ.

މިއީ ޗެލްސީއަށް ކުރިން ކުޅުނު ހަވާޓްޒް ޕްރިމިއާ ލީގުގައި ޖެހި 46 ވަނަ ގޯލެވެ. މި ލަނޑާއެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ.

ނަތީޖާ ހަމަހަމަކުރުމަށް ލިވަޕޫލުން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެގޮތުން ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް ހިލޭޖެހުމަކުން ފޮނުވާލި ނުރައްކާތެރި ބޯޅަ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، މުޅިން ހުސްކޮށް އޭރިއާތެރެއަށް އަރައި އަލެކްސިސް މެކް އަލިސްޓާ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

އާސެނަލްގެ ފަރާތުން ވަރުގަދަ ޑިފެންސިވް ގޭމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގައިވެސް ލިވަޕޫލަށް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ޓެސްޓްކޮށްލެވޭ ފަދަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

comment ކޮމެންޓް