ގޯއްޗާއި ފުލެޓް އެޕްލިކޭޝަންތަކުގައި މައްސަލައެއް އޮތް ނަމަ، އިތުރު ލިޔެކިޔުން ހުށަހަޅަން 7 ދުވަސް ދެނީ

މިނިސްޓަރު މުއްތަލިބު: ގޯއްޗާއި ފުލެޓް އެޕްލިކޭޝަންތަކުގައި ހުރި ފުށޫއެރުންތައް އެންގުމުން، އިތުރު ލިޔެކިޔުން ހުށަހަޅަން 7 ދުވަސް ދޭނެ މިނިސްޓްރީން ބުނޭ -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތަކުގައި މައްސަލައެއް އުޅޭނަމަ ހައުސިން މިނިސްޓްރީން އެކަން އެންގުމަށް ފަހު، އިތުރު ލިޔެކިޔުން ހުށަހަޅަން ހަތް ދުވަސް ދޭނެ ކަމަށް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހައުސިން މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބުނީ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް މިހާރު ކުރިއަށްދާއިރު، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި، ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތުތަކުގައި އެއްވެސް ފުށުއެރުމެއްވާނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެ ކަމަށެވެ.

ޕޯޓަލްގައި އެޕްލިކޭޝަނާ ގުޅިގެން އަންނަ ބަދަލުތަކުގެ މަޢުލޫމާތު، ފޯމު ފުރިހަމަކުރިއިރު ދީފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މަޢުލޫމާތު ސައްޙަ ނޫންކަމުގައިވާނަމަ ނުވަތަ އިޢުތިރާޒުކުރާނަމަ، އެކަމުގެ ތަފުޞީލާއި ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

https://sun.mv/223666

މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައަށް ޖަވާބު ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން: ބޯހިޔާވަހިކަން އެންމެންނަށް ސްކީމުން 15،000 ގޯތި ދޫކުރަން ނިންމައިފައިވޭ --- ފޮޓޯ/ ރައީސް އޮފީސް

އެޕްލިކޭޝަނާ ގުޅިގެން ފާހަގަކުރާ މައްސަލަތަކަށް ޖަވާބު ހުށަހަޅަން ބޭނުންކުރަންވާނީ ހަމައެކަނި ބޯހިޔާވަހިކަން ޕޯޓަލް ކަމަށާއި، އީމެއިލް، ސިޓީ ނުވަތަ އެހެން އެއްވެސް ވަސީލަތެއް މެދުވެރިކޮށް ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

https://sun.mv/223876

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށާފައިވާކަން ހާމަކުރީ ޖޫންމަހުގެ 22 ގައިއެވެ.

އޭރު ހައުސިން މިނިސްޓްރީން ބުނީ، ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފޯމްތަކުގެ ކްރޮސް ވެރިފިކޭޝަން ނުވަތަ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ރެކޯޑްތައް ބަލާނެ ކަމަށް ވެސް އޭރު މިނިސްޓްރީން ވަނީ ބުނެފައެވެ.

https://sun.mv/224004

ހައުސިން މިނިސްޓްރީން ހާމަކުރި ގޮތުގައި ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވައިރު، ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި، 58505 ފޯމް ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި 35930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

ބޯހިޔާވަހިކަން އެންމެންނަށް ސްކީމުގެ ދަށުން 7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފައިވެއެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަނޑައަޅައި، މި އަހަރުގެ ތެރޭގައި އެކަން އަންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން އިއުލާނުކުރައްވާފައެވެ.

comment ކޮމެންޓް