ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ޚާން ތިން ވަނަ ކުއްޖަކަށް ބަލިވެއިންކަމަށް ބުނެ މީޑިއާގައި ދެކެވެމުންދާ ޚަބަރުތައް ބަތަލާގެ ޓީމުން ދޮގުކޮށްފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ 'ސްކްރީން'އަށް އެކަން ކަށަވަރުކޮށްދެމުން ކަރީނާގެ ޓީމުން ބުނެފައިވަނީ، ކަރީނާ އާއި ފިރިމީހާ، އެކްޓަރު ސައިފް އަލީ ޚާނަށް ތިންވަނަ ކުއްޖަކު ލިބެން އުޅޭ ކަމަށް އާންމުން ލަފާކޮށްފައި ވަނީ ދާދިފަހުން އިންޓަނެޓުގައި ވައިރަލްވި ކަރީނާގެ ވީޑިއޯ ކްލިޕަކާ ގުޅިގެން ކަމަށެވެ.
އާންމުވި ވީޑިއޯތަކުން ފެންނަނީ ކަރީނާ އޭނާގެ ޓީމާ އެކު ކާރާ ދިމާލަށް ހިނގާފައި ދަނިކޮށެވެ. އެ ވަގުތު ޓީމުގެ މެންބަރަކު ކުޑައެއް ހިފަހައްޓައިގެން ހުރެ ފޮޓޯގްރާފަރުންނަށް ނުފެންނާނެހެން އޭނާ ނިވާކުރަން މަސައްކަތް ކުރުމުން، ކަރީނާ ބަލިވެ އިނީތޯ ބުނެ ސޯޝަލް މީޑިއާގައި ބަހުސްތައް ފެށުނެވެ.
މި ވީޑިއޯތަކާ އެކު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ކޮމެންޓް ސެކްޝަންގައި ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން ބައެއް މީހުން ކަރީނާ ބަލިވެ އިނީތޯ ސުވާލުކުރިއިރު، އަނެއް ބަޔަކު ވަނީ ބަތަލާ ފެންނަ ގޮތުން ބަލިވެ އިނީ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ވައިރަލްވެފައިވާ ކަރީނާގެ ވީޑިއޯގެ މަންޒަރުތަކެއް--ފޮޓޯ/ސްކްރީން
ކަރީނާ އާއި ސައިފްގެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވާއިރު، ދޮށީ ދަރިފުޅު ތައިމޫރަށް މިހާރު ނުވަ އަހަރެވެ. އަދި ހަގު ކުއްޖާ ޖޭ އަލީ ޚާނަށް ފަސް އަހަރެވެ.
މީގެކުރިން 'ވޯގް' މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ ސައިފްގެ އުމުރުގެ ކޮންމެ 10 އަހަރަކުން އެކްޓަރަށް ކުއްޖަކު ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ވިހި، ތިރީސް، ސާޅީސް އަދި ފަންސަވީސް އަހަރުގައި ކުދިން ލިބިފައިވާކަން ބަތަލާ ފާހަގަކުރިއެވެ.
ނަމަވެސް ސައިފްގެ އުމުރުން ފަސްދޮޅަހުގެ އަހަރުތަކުގައި އިތުރު ކުއްޖަކު ހޯދުމުގެ ވިސްނުމެއް ނެތް ކަމަށް ކަރީނާ ވަނީ އޭރު ބުނެފައެވެ. އަދި ތަފާތު އުމުރުފުރާގެ ހަތަރު ކުދިން ތިބި ނަމަވެސް، ސައިފަކީ ހުރިހާ ކުދިންނަށް ވެސް ވަގުތުދޭ ވަރަށް ރަނގަޅު ބައްޕައެއްކަމަށް ކަރީނާ ވަނީ ފާހަގަކޮށްފައެވެ.
ސައިފްގެ ފުރަތަމަ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު އެ ދެ ކުދިންނަކީ ވެސް މިހާރު ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ދެ ޒުވާނުންނެވެ.