އެޗްބީއޯއިން 'އިޓް: ވެލްކަމް ޓޫ ޑެރީ'ގެ ދެވަނަ ސީޒަން އިއުލާންކޮށްފި

"އިޓް: ވެލްކަމް ޓޫ ޑެރީ"ގެ މަންޒަރެއް--ފޮޓޯ/

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ބިރުވެރި ފިލްމު ފްރެންޗައިޒް "އިޓް"ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރީކުއެލް ސީރީޒް "އިޓް: ވެލްކަމް ޓޫ ޑެރީ"ގެ ދެވަނަ ބައެއް އުފައްދާނެކަން އެޗްބީއޯއިން އިއުލާނުކޮށްފިއެވެ.

މިކަން ކަށަވަރުވެފައި މިވަނީ، މި ސިލްސިލާގެ ފުރަތަމަ ސީޒަންގެ ޑައިރެކްޓަރު އެންޑީ މުޝިއެޓީ، ދެވަނަ ސީޒަންގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ފަށާފައިވާކަމަށް "ވެރައިޓީ" މަޖައްލާއަށް މައުލޫމާތު ދިންތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ.

މި ސިލްސިލާގެ ދެވަނަ ސީޒަން ބިނާވެފައިވަނީ 1935 ވަނަ އަހަރު މެއިންގައި ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ. މިއީ ފުރަތަމަ ސީޒަންގެ ހާދިސާތަކުގެ ތިރީހަކަށް އަހަރު ކުރިއެވެ. އަދި މި ސީޒަނުގައިވެސް ބިރުވެރި މާސްކެއް އަޅައިގެން އުޅޭ "ޕެނީވައިޒް ދަ ކްލައުން"ގެ ރޯލުން ބިލް ސްކާސްގާޑް ފެންނާނެއެވެ.

ދެވަނަ ބައިގެ ވާހަކަ ބިނާވެފައިވަނީ ވަޒަން ގަތުމަށް ޑެރީއަށް އަންނަ "ބްރެޑްލީ ގޭންގް" ނަމަކަށް ކިޔާ ބޭންކު ފޭރޭ ގްރޫޕެއްގެ މެންބަރުންތަކެއް މަރާލާ ހާދިސާތަކެއްގެ މައްޗަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ހާދިސާއަކީ ސްޓީފަން ކިންގްގެ މަޝްހޫރު ނޮވެލް "އިޓް"ގައި ހިމެނޭ މުހިންމު ބައެކެވެ.

އެންޑީ މުޝިއެޓީ، ޖޭސަން ފުކްސް އަދި ބާބަރާ މުޝިއެޓީ އުފައްދާފައިވާ މި ސިލްސިލާއަކީ އެޗްބީއޯ އާއި ވޯނާ ބްރަދާސް ޓެލެވިޜަން ގުޅިގެން އުފައްދާ އުފެއްދުމެކެވެ. ފުރަތަމަ ސީޒަނުގައި ޝޯ ރަނަރެއްގެ ގޮތުގައި ޖޭސަން ފުކްސްއާ އެކު މަސައްކަތްކުރި ބްރެޑް ކޭލެބް ކޭން، ދެވަނަ ސީޒަނުގައިވެސް ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

"އިޓް: ވެލްކަމް ޓޫ ޑެރީ"ގެ ކާސްޓުގައި ހިމެނޭ ބައެއް މެމްބަރުން--ފޮޓޯ/އިންސްޓަގްރާމް

ދެވަނަ ސީޒަނުން ފެންނާނެ އިތުރު ތަރިންގެ މައުލޫމާތު އެޗްބީއޯ އިން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ. ފުރަތަމަ ސީޒަނުގެ މުހިންމު ރޯލުތަކުން ޖޯވަން އަޑެޕޯ، ކްރިސް ޗޯލްކް، ޓޭލާ ޕޭޖް، ޖޭމްސް ރެމާ، މެޑްލިން ސްޓޯވް، ރޫޑީ މަންކޫސޯ އަދި ސްޓެފަން ރައިޑާ ފެނުނުއިރު މީގެތެރެއިން އެއްވެސް ތަރިއަކު ދެވަނަ ސީޒަނުން ފެންނާނެކަން އަދި ކަށަވަރެއް ނުވެއެވެ.

ފުރަތަމަ ސީޒަނުގައި ގެނެސްދީފައިވަނީ ޕެނީވައިޒް އުފެދިގެން އައި ގޮތުގެ ވާހަކައެވެ. އަދި އެ ސީޒަން ނިމިގެންދިޔައީ އެ ނުބައި ބާރު އަލުން އެނބުރި އަތުވެދާނެ ކަމުގެ އިޝާރާތަކާއެކުގައެވެ.

ޕެނީވައިޒް ކޮންމެ 27 އަހަރަކުން އެއްފަހަރު ނިދިން ހޭލައި، ޑެރީގެ ރައްޔިތުންނާއި، ހާއްސަކޮށް ކުޑަކުދިންގެ ބިރުވެރިކަމުގެ ބޭނުން ހިފައެވެ. ސްޓީފަން ކިންގްގެ ނޮވެލްގައިވާ ގޮތުން، 1935 ވަނަ އަހަރަކީ އޭނާ އުފަންވި އަހަރެއް ނޫނެވެ. އެއީ 27 އަހަރުގެ ދިގު ނިންޖަކަށްފަހު އޭނާ ފުރަތަމަ ފަހަރަށް ހޭލި އަހަރެވެ.

comment ކޮމެންޓް