ކްރިޕްޓޯ މަނީ ލޯންޑްރިން 90 އިންސައްތަ ދެނެގަނެވޭ އޭއައި އެލްގޮރިޒަމެއް ޗައިނާއިން އުފައްދައިފި

ކްރިޕްޓޯ ހެކިންއާއި މަނީ ލޯންޑްރިންގެ މައްސަލަތައް ދުނިޔޭގައި ދަނީ އިތުރަވަމުން ---- ފޮޓޯ: އޭއައި

ބިޓްކޮއިން ބޭނުންކޮށްގެން ހިންގާ މަނީ ލޯންޑްރިން 90 އިންސައްތަ ޔަގީންކަމާއެކު ދެނެގަނެވޭ އޭއައި އެލްގޮރިޒަމެއް ޗައިނާއިން އުފައްދައިފިއެވެ.

ޗައިނާގެ ނޭޝަނަލް ޕޮލިސް އެކެޑަމީގެ ދިރާސާވެރިން ތަކެއް ގުޅިގެން އުފެއްދި މި އޭއައި މޮޑެލްއިން، ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ހިންގާ ޣައިރުގާނޫނީ މުއާމަލާތްތަކާއި މަނީ ލޯންޑްރިންގގެ އަމަލުތައް 90 އިންސައްތައާ ގާތްކުރާ މިންވަރެއްގެ ޔަގީންކަމާއެކު ދެނެގަނެވޭކަން ވަނީ ހޯދިފައެވެ.

ކްރިޕްޓޯކަރަންސީގެ މުއާމަލާތްތައް ދުނިޔޭގައި ހަލުވިކަމާއެކު އިތުރުވަމުންދާއިރު، އެފަދަ މުއާމަލާތްތަކަކީ ސީދާ ކާކުކަން ދެނެގަންނަން އުނދަގޫ އަދި ގައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް ހިންގާ މުއާމަލާތްތަކަކަށްވާތީ، މަނީ ލޯންޑްރިން އާއި އެހެނިހެން ޣައިރުގާނޫނީ ކަންކަމަށް އެއިން މަގުފަހިވެގެންދާކަން ދިރާސާވެރިން ފާހަގަކުރެއެވެ.

https://sun.mv/225419

ޗައިނާގެ "ޖާނަލް އޮފް އިންޓެލިޖެންސް" ގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ އިސް މުއައްލިފު ޑރ. ސަން ޖިންގްޗާވް ވިދާޅުވި ގޮތުގައި، މި އޭއައި ސިސްޓަމުގެ ސަބަބުން ޣައިރުގާނޫނީ ކްރިޕްޓޯ މުއާމަލާތްތައް ހޯދައި ދެނެގަތުމަށް ސަރީހަ، އާންމުކޮށް ބޭނުންކުރެވޭނެ އަދި ފަސޭހައިން މާނަކުރެވޭނެ ހައްލެއް ލިބިގެންދާނެއެވެ.

އަދި މިއީ އިގްތިސާދީ ކުށްތަކާއި ޣައިރުގާނޫނީ ކްރިޕްޓޯ މުއާމަލާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާ ފަރާތްތަކަށް ލިބިގެންދިޔަ އީޖާދީ އަދި މުހިންމު ފަންނީ ކުރިއެރުމެއްކަމަށްވެސް ކްރިމިނަލް އިންވެސްޓިގޭޝަން އަދި ސައިބާ ސެކިއުރިޓީގެ ދާއިރާއިން ހާއްސަވެފައިވާ ޑރ. ސަން ފާހަގަކުރެއްވިއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީގެ ދަށުން ހިންގާ ޕީޕަލްސް ޕަބްލިކް ސެކިއުރިޓީ ޔުނިވަރސިޓީ އޮފް ޗައިނާގެ ދިރާސާވެރިން ކުރިއަށްގެންދިޔަ މި ދިރާސާ ނެރެފައިވަނީ ކްރިޕްޓޯކަރަންސީއާ ގުޅުންހުރި މާލީ ކުށްތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ހާއްސަ ސަމާލުކަމެއް ދެމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވާޗުއަލް ކަރަންސީ އާއި އަންޑަރގްރައުންޑް ބޭންކުތައް ބޭނުންކޮށްގެން މަނީ ލޯންޑްރިންގެ އަމަލުތައް ހިންގި 3،259 މީހުންގެ މައްޗަށް 2025 ވަނަ އަހަރުގެ ތެރޭގައި ދައުވާ އުފުލާފައިވެއެވެ.

އޭއައިގެ ވަސީލަތްތައް ބޭނުންކޮށްގެން މާލީ ކުށްތައް ހުއްޓުވުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ވަކިން ޚާއްޞަކޮށް، ފައިސާގެ ރައްކާތެރިކަން ދަމަހައްޓައި ގައުމީ ސެކިއުރިޓީއަށް ހުރި ގޮންޖެހުންތަކުން ރައްކާތެރިވުމުގެ ގޮތުން 2021 ވަނަ އަހަރުން ފެށިގެން ޗައިނާއިން ވަނީ ކްރިޕްޓޯކަރަންސީގެ އެންމެހައި މުއާމަލާތްތަކާއި މައިނިންގ ހަރަކާތްތައް މުޅިން މަނާކޮށްފައެވެ.

ނަމަވެސް، ބްލޮކްޗެއިން ޓެކްނޮލޮޖީގެ ނިވާފަތުގައި ބޯޑަރުތައް ހުރަސްކޮށް ސިއްރިއްޔާތުގައި ހިންގާ މަނީ ލޯންޑްރިންގެ މުއާމަލާތްތައް ދެނެގަތުމަކީ ދުނިޔޭގެ ތަހުގީގީ އިދާރާތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކަށްވާތީ، ޗައިނާގެ ތަންފީޒީ އިދާރާތަކުން އަންނަނީ ޒަމާނީ ސައިބާ އިންޓެލިޖެންސް އަދި އޭއައި އެލްގޮރިޒަމްތައް ބޭނުންކޮށްގެން އެފަދަ ޣައިރުގާނޫނީ ވިއުގަތައް ހޯދައި ހުއްޓުވުމުގެ މަސައްކަތް އިތުރަށް ފުޅާކުރަމުންނެވެ.

comment ކޮމެންޓް