މުދަލު ޒަކާތް ދައްކަން ވާޖިބުވާ ނިޞާބުގެ މިންވަރު މިއަދު ދަށްކޮށްފިއެވެ.
މީގެ ހަތަރުމަހެއްހާ ދުވަސް ކުރިން، މިދިޔަ އޭޕްރިލް 21ގައި މުދަލު ޒަކާތުގެ ނިސާބު ބޮޑުކޮށްފައެވެ. އޭރު ބޮޑުކުރީ، 19،527.90 ރުފިޔާއިން 21،836.50 ރުފިޔާއަށެވެ.
މިއަދު ޒަކާތު ހައުސްއިން ބުނީ، މިއަދުން ފެށިގެން މުދަލު ޒަކާތް ދެއްކުން ވާޖިބުވާ ނިޞާބަކީ، 19،266.10 ރުފިޔާ ކަމަށެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވީ ހިނދު، އެ މީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން، ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައިކުޅަ އެއްބައި (2.5 އިންސައްތަ) ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ.

ޒަކާތް ބަލައިގަތުން: މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބު ދައްކަންޖެހޭ މިންވަރު ވަނީ ދަށްކޮށްފައި -- ފޮޓޯ/ ޒަކާތު ހައުސް
މިދިޔަ އަހަރު ދެފަހަރަށް ވަނީ މުދަލު ޒަކާތުގެ ނިޞާބު ބޮޑުކޮށްފައެވެ. އެގޮތުން އެންމެ ފަހުން މުދަލު ޒަކާތުގެ ނިޞާބު ބޮޑުކުރީ މިދިޔަ ޑިސެމްބަރު 21ގައެވެ. އޭރު ބޮޑުކުރީ 19،527.90 ރުފިޔާއަށެވެ. އަދި އޭގެ ހަތަރު މަސް ކުރިން ނިޞާބު ކަމަށް 11،191.95 ކަނޑައެޅިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މުދަލު ޒަކާތް ނަގަން ފެށިފަހުން އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ލިބުނީ މިދިޔަ އަހަރު ކަމަށް، ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.
އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2021ވަނަ އަހަރުން ފެށިގެން ނިމިދިޔަ 2025ވަނަ އަހަރުގެ ނިޔަލަށް، ކޮންމެ އަހަރަކު 90 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ. އެގޮތުން އެންމެ މަތިން މުދަލު ޒަކާތް ލިބިފައިވަނީ މިދިޔަ އަހަރެވެ. އެއީ 107.21 މިލިއަން ރުފިޔާއެވެ.