މުދަލު ޒަކާތުގެ ގޮތުގައި ޖުލައި މަހު 17.3 މިލިއަން ރުފިޔާ ލިބިއްޖެ

ޒަކާތް ދިނުން: -- ފޮޓޯ/ ޒަކާތު ހައުސް

މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ޖުމްލަ އަދަދު 17.37 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައި ބަލާއިރު 44.2 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑަށް ލިބިފައިވަނީ 12،040،524.09 ރުފިޔާއެވެ. ނަމަވެސް، މިދިޔަ ޖުލައި މަހު އެ އަދަދު ވަނީ 17،366،787.29 ރުފިޔާއަށް އިތުރުވެފައެވެ.

އަހަރުން އަހަރަށް އައިސްފައިވާ މި ބަދަލަށް ބަލާއިރު، މިއީ ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ޒަކާތު ހައުސްއިން ބުނިގޮތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެފައިވާއިރު، ޖުލައި މަހުގެ ތެރޭގައި ޒަކާތު ފަންޑުން 2.80 މިލިއަން ރުފިޔާ ވަނީ އެކި ފަރާތްތަކަށް އެހީގެ ގޮތުގައި ދޫކޮށްފައެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށް ކަމަށް އެ އިދާރާއިން ބުނެއެވެ. އެގޮތުން، އެ ބަޔަށް 1.75 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ފަގީރުންނާއި މިސްކީނުންނަށް ދޫކުރި ފައިސާގެ ތެރެއިން 1.48 މިލިއަން ރުފިޔާ ބޭސްފަރުވާގެ އެހީގެ ގޮތުގައި ދޫކޮށްފައިވާއިރު، ޒަރޫރީ ބޭނުންތަކަށް 115،250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155،950 ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ.

ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ހަދައި، ކަންކަން ރަނގަޅަށް ބަލަން ފެށިފަހުން ޒަކާތުގެ ގޮތުގައި ލިބޭ އާމްދަނީގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

comment ކޮމެންޓް