"އާރުވެރި މެޗިންގް ގްރާންޓް" ސްކީމް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ތައާރަފުކުރި މި ސްކީމް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ.
ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މި ސްކީމްގެ ދަށުން ޚާއްސަ ހަތް ދާއިރާއަކަށް އިސްކަންދޭއިރު، ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ޚަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ.
މި ގްރާންޓް ސްކީމާ ގުޅޭ މައުލޫމާތުތަކާއި ދާއިރާތަކުގެ ތަފުސީލު ލިބޭނެހެން އަދި ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށަހެޅޭނެ ޚާއްސަ ޕޯޓަލެއް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
މި ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ނަފާވެރި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗާ ތަރައްގީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ވެސް ހިމެނެއެވެ.
ފިޝަރީޒް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، މަސްވެރިންނާއި ވަކިވަކި ފަރުދުންގެ ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަމާއި ވާދަވެރިކަން ކަށަވަރުކޮށް، މުޅި ސިނާއަތުގެ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި މި ސްކީމަކީ އެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެޅުނު މުހިންމު ބިންގަލެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މަސައްކަތަކީ ފިޝަރީޒް މިނިސްޓްރީން ވޯލްޑް ބޭންކުގެ އެހީއާއެކު ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ނުވަތަ ޓްރާންސްފޯމް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓްގެ މަގުސަދަކީ ހެކިތަކަށް ބިނާކޮށް، ސައުތު ވެސްޓް އިންޑިއަން އޯޝަން ސަރަހައްދުގައި މަސްވެރިކަން މެނޭޖްކުރުން ވަރުގަދަކުރުމާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކޮށް ވަރުގަދަކުރުމެވެ.
ޖުމްލަ 64.8 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއު ފަށާފައިވަނީ 2023 ވަނަ އަހަރުއެވެ. އަދި މި މަޝްރޫއު ނިންމަން ހަމަޖެހިފައިވަނީ 2030 ވަނަ އަހަރުއެވެ.