އެމެޒޯން އެމްޖީއެމްއިން އުފައްދާ "ފްރީކީ ފްރައިޑޭ"ގެ އިންޑިއަން އެޑަޕްޓޭޝަނުން ޝާހިދު ކަޕޫރު ވަކިވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އަމަން ގިލް އަދި ސުނީރު ކެތުރްޕާލް ގުޅިގެން އުފައްދާ މި ފިލްމާ ގުޅޭގޮތުން ޝާހިދު އަދި ފިލްމު އުފައްދާ ފަރާތުން ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، މުނިފޫހިފިލުވުމުގެ ދާއިރާގެ މަސްދަރުތަކުން ބުނާ ގޮތުގައި ޝާހިދު މި ނިންމުން ނިންމާފައިވަނީ އޭނާގެ ކުރިމަގުގެ މަސައްކަތްތަކާ މެދު ފުންކޮށް ވިސްނަމުންދާ ދަނޑިވަޅެއްގައެވެ.
މި ބަދަލަކީ ޝާހިދުގެ ފަހުގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ލިބުނު ނަތީޖާއަށް ބަލާއިރު ފާހަގަކޮށްލެވޭ ބަދަލެކެވެ. ޝާހިދުގެ އެންމެ ފަހުގެ ފިލްމުތައް ކަމަށްވާ "ދޭވާ" އާއި ވިޝާލް ބަރަދްވާޖްގެ "އޯ ރޯމިއޯ"އަށް ވިޔަފާރީގެ ގޮތުން ލިބުނީ ކުޑަ ކުރިއެރުމެކެވެ.
އޭގެ ފަހުން ރިލީޒްވި "ކޮކްޓެއިލް 2" އަށްވެސް ބޮކްސް އޮފީހުގައި އެދެވޭ ތަރުހީބެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން، ޝާހިދު މިހާރު އިސްކަންދެނީ ޝައުޤުވެރި ވާހަކަތަކެއްގެ މައްޗަށް ބިނާވެފައިވާ، އަދި ގިނަ ބަޔަކު ސިނަމާތަކަށް ގެނެވޭ ފަދަ މަޝްރޫއުތަކަށް ސޮއިކުރުމަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ޝާހިދު ވެބް ސީރީޒް "ފަރުޒީ"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ
އެގޮތުން "ދޭވާ" އާއި "އޯ ރޯމިއޯ"އިން ލިބުނު ތަޖުރިބާގެ ސަބަބުން، ފިލްމު އިހްތިޔާރު ކުރުމުގައި ގެންގުޅޭ އުސޫލުތައް ބަދަލުކުރަން ޖެހިފައިވާ ކަމަށް އޭނާ ދާދިފަހުން ވަނީ އެއްބަސްވެފައެވެ.
ޝާހިދު ހާމަކުރި ގޮތުގައި، ސްކްރިޕްޓްތައް ކިޔުމަށްފަހު މިހާރު ގޮތް ނިންމަނީ ހަމައެކަނި އަމިއްލަ އިހުސާސްތަކަށް ބަރޯސާވުމުގެ ބަދަލުގައި، އޭނާގެ ޓީމުގެ ވެސް ލަފާ ހޯދުމަށްފަހުއެވެ.
އެހެންކަމުން "ފްރީކީ ފްރައިޑޭ"އިން އޭނާ ވަކިވި ކަމަށް ބުނާ ބުނުމަކީ މި ބޮޑު ބަދަލުގެ ބައެއް ކަމަށް ބެލެވެއެވެ. އަވަސް އަވަހަށް ފިލްމުތަކުގައި ސޮއިކުރުމުގެ ބަދަލުގައި، ޝާހިދު މިހާރު ބަލަނީ ކޮންމެ މަޝްރޫއަކުން ވެސް ލިބިދާނެ ވިޔަފާރީގެ ކުރިއެރުމަށާއި، ބެލުންތެރިންގެ މެދުގައި އެ ފިލްމަކަށް އޮވެދާނެ މަގުބޫލުކަމަށެވެ.
ޝާހިދުގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭ، އެމެޒޯން ޕްރައިމްގެ މަގުބޫލު ވެބް ސީރީޒް "ފަރުޒީ 2" އަދި އަމިތު ރަވިންދްރަނާތު ޑައިރެކްޓްކުރާ ފިލްމު "އާދަލް ބާދަލް" ހިމެނެއެވެ.