ވަރިވުމަށް ހުށަހެޅި މައްސަލަ ސުނީތާ އަނބުރާ ގެންގޮސްފި

ގޯވިންދާ އަދި ސުނީތާ އަހޫޖާ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ކުރީގެ މަގުބޫލު އެކްޓަރު ގޯވިންދާގެ މައްޗަށް ހުށަހެޅި ވަރިވުމުގެ މައްސަލަ އެކްޓަރުގެ އަންހެނުން ސުނީތާ އަހޫޖާ އަނބުރާ ގެންގޮސްފައިވާ ކަމަށް އޭނާގެ މެނޭޖަރު ކަށަވަރުކޮށްދީފިއެވެ.

ސުނީތާ ހުށަހަޅާފައިވާ ވަރިވުމުގެ މައްސަލަ އަނބުރާ ގެންގޮސްފައިވާކަން ގޯވިންދާގެ މެނޭޖަރު ޝަޝީ ސިންހާ ކަށަވަރުކޮށްދީފައިވާއިރު، މިދިޔަ އަހަރުން ފެށިގެން ގޯވިންދާ އާއި ސުނީތާގެ ކައިވެނީގެ މައްސަލަތަކާއި، ވަރިވާން އުޅޭ ކަމުގެ ޚަބަރުތައް މީޑިއާގެ އެކި މަންސަތަކުގައި ދަނީ ފެތުރެމުންނެވެ.

އިއްޔެގެ ވަގުތެއްގައި މުމްބާއީގެ ބަންދްރާ ކޯޓުން ސުނީތާ ފެނިފައިވާއިރު އެތަނަށް ދިޔަ ސަބަބާ ބެހޭގޮތުން ސުވާލުކުރުމުން މަލާމާތުގެ ރާގަކަށް ސުނީތާ މީޑިއާގައި ބުނީ، ކޯޓަށް ދިޔައީ އުފަންދުވަސް ފާހަގަކުރަން ކަމަށެވެ.

މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ގޯވިންދާގެ ޒަވާޖީ ހަޔާތާ ގުޅޭ ކަންކަން މީޑިއާގައި ހިނގައިދިޔަ ގޮތާ މެދު ހިތާމަފާޅުކުރާ ކަމަށް ބުނަމުން ގޯވިންދާގެ މެނޭޖަރު ޝަޝީ ބުނީ، ދެމަފިރިންގެ ދެމެދު ދެބަސްވުންތައް ހިނގި ނަމަވެސް، މި މައްސަލަ މިހާ ހިސާބަށް ދާންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ގޯވިންދާ އާއި ސުނީތާ ދެމަފިރިންގެ ކުދިން ކަމަށްވާ ޓީނާ އަދި ޔަޝްވަރްދަންއާ އެކު--ފޮޓޯ/އެންޑީޓީވީ

"ކޯޓަށް މައްސަލަ ދިޔުމުން މުޅި ދުނިޔެއަށް އެކަން އެނގޭނެ. ދުނިޔެއަށް އެކަން އެނގެން ޖެހޭތަ؟ އެއީ ބޭނުން ކަމެއް ނޫން. އާއިލީ މައްސަލަތައް އޮންނަންވާނީ އާއިލާގެ ތެރޭގައި. ވާހަކަދައްކައިގެން ގިނަ ކަންކަން ހައްލުކުރެވޭނެ. މިއަދު މައްސަލަ އަނބުރާ ގެންދަން އުޅުނުއިރު، ފުރަތަމަ އެ މައްސަލަ ހުށަހެޅީ ކީއްވެ؟ މިއީ އަހަރެން ހިތާމަކުރާ ކަމެއް" ޝަޝީ މީޑިއާގައި ބުނެފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ގޯވިންދާ އާއި ސުނީތާ ވަރިވާން އުޅޭ ކަމުގެ އަޑުތައް އިންޓަނެޓްގައި ފެތުރިފައިވާއިރު، ސުނީތާ ދީފައިވާ ބައެއް އިންޓަވިއުތަކުގައި އަމިއްލަ ދިރިއުޅުމުގެ ތަފުސީލުތައް ހިއްސާކުރުމާ ގުޅިގެން، އެމީހުންގެ ގުޅުމުގައި މައްސަލަތަކެއް އުޅޭކަމަށް ބެލެވޭ ބެލެވުންތައް ވަނީ އިތުރުވެފައެވެ.

މި އަޑުތަކުގެ ތެރޭގައި، އީ-ޓައިމްސްގެ ރިޕޯޓެއްގައި މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ، ސުނީތާ މީގެ މަސްތަކެއް ކުރިން ވަކިވުމުގެ ނޯޓިސްއެއް ފޮނުވި ނަމަވެސް އޭގެ ފަހުން އެއްވެސް ކުރިއެރުމެއް އެކަމަށް ލިބިފައިނުވާ ކަމަށެވެ. އަދި މިދިޔަ އަހަރު ދެމަފިރިން ސުލްހަވެފައިވާ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފިރިމީހާ ގޯވިންދާގެ ކިބައިން ވަރިވުމަށް ކޯޓަށް ހުށަހެޅި މައްސަލަ ސުނީތާ މިހާރު އަނބުރާ ގެންގޮސްފައިވީ ނަމަވެސް، ގޯވިންދާގެ މައްޗަށް އޭނާ ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން، ގޯވިންދާ އަލުން ފިލްމީ ދާއިރާއަށް އެނބުރި އަންނަ ފިލްމު "ރޫޕާ"ގެ ލީޑް ބަތަލާ ކޯމަލް ރާނީއާ އެކު، އޭނާ ސިއްރު ލޯބީގެ ގުޅުމެއް ހިންގަމުންދާ ކަމަށް ސުނީތާ ވަނީ ތުހުމަތުކޮށްފައެވެ.

މި ތުހުމަތުތައް ދޮގުކުރަމުން ގޯވިންދާ ބުނެފައިވަނީ، މިއީ އޭނާ އަލުން ފިލްމީ މަސައްކަތްތައް ފެށުމުން، އާންމުންގެ މެދުގައި އޮތް މަގުބޫލުކަން ގެއްލުވާލައި، އަގުވައްޓާލުމަށްފަހު އޭނާގެ ކެރިއަރަށް ހުރަސްއެޅުމުގެ މަގުސަދުގައި ސުނީތާ ކުރަމުންދާ ކަމެއް ކަމަށެވެ.

ގޯވިންދާ އާއި ސުނީތާ ކައިވެނިކުރީ 1987 ވަނަ އަހަރުއެވެ. މި ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު އޭގެތެރެއިން ފިރިހެން ކުއްޖާ ޔަޝްވަރްދަން ވަރަށް އަވަހަށް ފިލްމީ ދާއިރާއަށް ތައާރަފްވާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

comment ކޮމެންޓް