އައްލޫ އަރުޖުންގެ ފިލްމު 'ރާކާ'އިން ވިލް ސްމިތު ފެނިދާނެ؟

ހޮލީވުޑްގެ އެކްޓަރު ވިލް ސްމިތު އަދި ފިލްމު "ރާކާ"ގެ ލީޑް އެކްޓަރު އައްލޫ އަރުޖުން--ފޮޓޯ/ޕިންކްވިލާ

ދެކުނު އިންޑިއާގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު އެޓްލީ ޑައިރެކްޓްކުރާ ސައިންސް ފިކްޝަން ފިލްމު "ރާކާ"އިން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިލް ސްމިތު ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުން ވިލް ސުމިތު މި ފިލްމާ ގުޅުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ. އޭނާ ހަމަޖައްސަން އުޅެނީ ފިލްމުގެ މުހިންމު ވިލަންގެ ރޯލަށެވެ. އަދި އޭނާގެ ބައިތައް ކުޅުމަށް ހަމަޖެހިފައިވަނީ އިންޑިއާއިން ބޭރުގެ ލޮކޭޝަނެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑް-ޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވިލް ސުމިތުގެ ތާރީޚުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާއިރު އޭނާ ޝޫޓިންގައި ބައިވެރިވާނީ އޭނާއަށް ވަގުތު އޮތް ގޮތަކަށް ބަލައި ބޭރު ގައުމެއްގައި ކަނޑައެޅޭ ލޮކޭޝަނެއްގައެވެ. ފިލްމުގައި ވިލް ސްމިތު ބޭނުންކުރާނެ ކޮސްޓިއުމްތައް މިހާރު ފައިނަލް ކުރެވިފައިވާއިރު، ފިލްމުގެ ކުރޫއިން ވެސް ތިބީ ވިލް ސްމިތުގެ ފިލްމު ސެޓާ ގުޅޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ބަތަލާ ދީޕިކާ ޕަދުކޯން ފިލްމު "ރާކާ"ގެ ސެޓުގައި--ފޮޓޯ/ޕިންކްވިލާ

ވިލް ސްމިތުގެ އިތުރުން ބޮލީވުޑްގެ މަގުބޫލު އެކްޓަރު ޝާހްރުކް ޚާން ވެސް "ރާކާ"ގެ މުހިއްމު ރޯލަކުން ފެންނާނެ ކަމަށް ފިލްމާ ގުޅުންހުރި ފަރާތަކުން މީޑިއާގައި ބުނެފައިވެއެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން ޝާހު މި ފިލްމުގެ ސެޓާ ގުޅޭނީ އަންނަ ސެޕްޓެމްބަރު މަހަށް ފަހުއެވެ.

މިދިޔަ އޭޕްރީލް މަހު އާންމުކުރި "ރާކާ"ގެ ފުރަތަމަ ޕޯސްޓަރުން އައްލޫ އަރުޖުން ފެނިގެންދިޔައީ ވަރަށް ތަފާތު ބިރުވެރި ސިފައެއްގައެވެ. މި ފިލްމުގައި އައްލޫ އަރުޖުން ހަތަރު ތަފާތު ރޯލެއް ކުޅޭނެ ކަމަށް އަޑުފެތުރިފައިވެއެވެ. އޭގެ ތެރޭގައި ކާފަޔަކާއި، ބައްޕައަކާއި އަދި ދެ ކުދިންގެ ރޯލު ހިމެނެއެވެ.

މީގެ އިތުރުން، މި ފިލްމުގައި "ޕެރަލަލް ޔުނިވާސް" ނުވަތަ އެއްވަގުތެއްގައި ހިނގާ ދެ ދުނިޔެއެއްގެ ކޮންސެޕްޓް ހިމެނޭ ކަމަށްވެސް ބައެއް ފަރާތްތަކުން ލަފާކުރެއެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތުން މިކަންކަން ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ސަން ޕިކްޗާސްއިން އުފައްދާ މި ފިލްމުގެ މުހިންމު ރޯލުތަކުން ދީޕިކާ ޕަދުކޯން، ރަޝްމިކާ މަންދަންނާ، ޖާންވީ ކަޕޫރު އަދި މްރުނާލް ތާކޫރު ވެސް ފެންނާނެއެވެ. މިއީ އައްލޫ އަރުޖުން އާއި ޑައިރެކްޓަރު އެޓްލީ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް