ތެހެރާން (19 އޮގަސްޓް 2026) : އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައިވީނަމަވެސް ފާއިތުވި ހަތަރު މަސްތެރޭގައި އީރާނުން ތެޔޮ ވިއްކައިގެން އެތައް ބިލިޔަން ޑޮލަރެއްގެ އާމްދަނީ ހޯދާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
"ފައިނޭންޝަލް ޓައިމްސް" ބުނާގޮތުން އެމެރިކާގެ ހިސާރުގެ ސަބަބުން އީރާނުގެ ތެލުގެ އެކްސްޕޯޓަށް ދަތިތަކެއް ކުރިމަތިވިނަމަވެސް ޝެޑޯފްލީޓްގެ ގޮތުގައި ދުނިޔޭގެ މާކަނޑުތަކުގައި އީރާނުގެ އެތަށް ސަތޭކަ ޓޭންކަރު ހަރަކާތްތެރިވަމުންދާތީ ހަނގުރާމައާއެކުވެސް އީރާނުގެ ތެލުގެ އެކްސްޕޯޓަށް މާބޮޑު ލޮޅުމެއް ނާރައެވެ. މި ޝެޑޯ ފްލީޓްގެ އިތުރުން ކެސްޕިއަން ކަނޑުގެ މަގުންނާއި އީރާނާއި ޗައިނާއާ ދެމެދު ގާއިމްކޮށްފައިވާ ރޭލްވޭ މެދުވެރިކޮށްވެސް އީރާނުން ތެޔޮ އެކްސްޕޯޓް ކުރާކަމަށް އެނޫސް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ތެލުގެ ސަޕްލައި އެއްކޮށް އިނދަޖައްސާލުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްނޫނެވެ. ދުނިޔޭގެ މާކަނޑުތަކުގައި ހަރަކާތްތެރިވާ އީރާނުގެ 500 ވަރަކަށް ޓޭންކަރުގެ ފްލީޓަކީ އެމެރިކާއަށް ހުއްޓުވޭނެ އެއްޗެއްނޫނެވެ. ސަބަބަކީ އެޓޭންކަރުތަކަށް ހަމަލާދީފިނަމަ އީރާނުންވެސް ދުނިޔޭގެ މާކަނޑުތަކުގައި ދަތުރުކުރާ އެމެރިކާގެ އާގުބޯޓުތަކާއި ތެޔޮޓޭންކަރުތަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާތައް ދޭނެތީއެވެ.
އީރާނުގެ ފާރިސް ނޫސް އެޖެންސީ ބުނާގޮތުން މިއަހަރުގެ ފުރަތަމަ 4 މަހުގެ ތެރޭގައި ތެޔޮވިއްކައިގެން އީރާނުގެ މަރުކަޒީ ބޭންކަށްވަނީ 7.5 ބިލިޔަން ޑޮލަރު ވަދެފައެވެ. މިއީ މިދިޔަ އަހަރު މިމުއްދަތުގައި ތެޔޮވިއްކައިގެން އީރާނަށް ލިބުނު އާމްދަނީ އަށްވުރެ 40 އިންސައްތަ އިތުރު މިންވަރެކެވެ.
އެމެރިކާ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމަކީ އީރާނަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުކަމަށްވަނީ ބެލެވިފައެވެ. މީގެއިތުރުން ޗައިނާގެ ކުންފުނިތަކުން ގަންނަ އީރާނުގެ ތެލުގެ މިންވަރު އިތުރުވެފައިވުމަކީވެސް އީރާނަށް ލިބުނު އާމްދަނީ އިތުރުވި ކަމެއްކަމަށް ފާރިސް ނޫސް އެޖެންސީ ބުނެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާންއާ މަޝްވަރާކުރުން ދެން ނިމުނީ ކަމަށްވިދާޅުވެ އީރާން އެއްކޮށް އިނދަޖައްސާލެވެ ވަރުގެ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެގައުމާ ދެކޮޅަށް އަޅާނެކަމުގެ އިންޒާރު އިއްޔެ ދެއްވާފައެވެ. ނަމަވެސް ދުނިޔޭގެ އިގްތިސާދު މިހާރު އޮތްގޮތުން އެމެރިކާ އެކަނި ފިޔަވަޅުއަޅައިގެން އީރާން އިނދަޖައްސާލުމަކީ މުސްތަހީލް ކަމެއްކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އީރާން އިނދަޖައްސާލުމަށްޓަކައި އެމެރިކާ މިހާރުވެސްވަނީ އެގައުމާ ދެކޮޅަށް 10 ހާހަށް ވުރެގިނަ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މި ފިޔަވަޅުތަކާއެކު އީރާން އުޅޭތާ 47 އަހަރުވަނީ ވެފައެވެ. އީރާނާއި ޗައިނާ އާ ވަނީ އިގްތިސާދާއި ވިޔަފާރިއާ އަދި އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމާބެހޭ ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މިއީ 25 އަހަރުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ޗައިނާގެންދަނީ އީރާންއާ ވަރަށް ބޮޑަށް ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުންނެވެ. މީގެތެރޭގައި އީރާނުގެ ތެލާއި ގޭހުގެ ސެކްޓަރުގައި ޗައިނާގެ ކުންފުނިތައް އިންވެސްޓްކުރުންވެސް ހިމެނެއެވެ.