ވޮޝިންޓަން (3 ސެޕްޓެމްބަރު 2026) : އީރާންއާ ދެކޮޅަށް އެމެރިކާ ފަށާފައިވާ އިގްތިސާދީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމުތަކާ އީރާން އާ ގުޅުންތައް ކެނޑި އީރާން އެކަހެރިވެ ހުރިހާ ދޮރުތަކެއް ބަންދުވެ އީރާން މުޅިން އިނދަޖެހިގެންދާނެ ކަމަށް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެޓް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބެސެޓް ވިދާޅުވީ އިގްތިސާދީ ހަނގުރާމައިގެ އަމާޒަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދޭ އެއްބަސްވުމަކަށް ދިޔުމަށް އީރާނަށް މަޖުބޫރުކުރުމެވެ. އެމެރިކާ އީރާންއާ ދެކޮޅަށް ފަށާފައިވާ އިގްތިސާދީ ހަނގުރާމައިގައި އީރާނުގެ ބަނދަރުތައް ހިސާރުކުރުމާއި އިންޕޯޓް އެކްސްޕޯޓް އެއްކޮށް މަނާކުރުމާއި ބޭންކިން މުއާމަލާތް އެއްކޮށް ހުއްޓުވުން ހިމެނޭއިރު މި ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމުތަކާ އީރާން އާ ގުޅުންތައް ކެނޑި ހުރިހާ ދޮރުތަކެއް ބަންދުވެ އީރާން އެކަހެރިވެ އިނދަޖެހިގެންދާނެ ކަމަށާ މިހާލަތުގައި އީރާނަށް ޖެހޭނީ އެމެރިކާއަށް ބޯލަނބައި ޓްރަމްޕް އެދޭ އެއްބަސްވުމެއްގައި ސޮއިކުރުން ކަމަށް ބެސެޓް ވިދާޅުވިއެވެ.
މުރާސިލުން ބެސެޓް ފާހަގަ ކުރަނީ ޓްރަމްޕް ފަދަ ގަދަ ބަސްބުނާ ނަމަވެސް ނަތީޖާ ނުނެރެވޭ ބޭފުޅެއްގެ ގޮތުގައެވެ.
އެމެރިކާ އީރާންއާ ދެކޮޅަށް ފަށާފައިވާ އިގްތިސާދީ ހަނގުރާމައަށް އެއްބާރުލުން ނުދޭނެކަމަށާއި އީރާންއާއެކު ކުރަމުންގެންދާ އިގްތިސާދީ އަދި ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކެއް ކުރިއެކޭވެސް އެއްގޮތަށް ކުރިޔަށްގެންދާނެކަމަށް ޗައިނާއާއި ރަޝިއާ ވަނީ ފާޅުކަން ބޮޑުގޮތެއްގައި ހާމަކޮށްފައެވެ. ރަޝިއާއަކީ މިހާރުވެސް އެމެރިކާއިން އީރާން އެކޭ އެއްގޮތަށް އިގްތިސާދީ ފިޔަވަޅުތައް އަޅާފައިވާ ގައުމެކެވެ. އެހެންކަމުން އީރާންއާ މުއާމަލާތް ކުރުމުގައި ރަޝިއާ އިތުރަށް ބިރުގަންނަން ޖެހޭނެކަމެއްނެތްކަމަށް ކްރެމްލިންގެ ތަރުޖަމާނުވަނީ ވިދާޅުވެފައެވެ.

އިއްޔެ އެމެރިކާ ހަމަލާދީ ހަލާކުކޮށްލާފައިވާ އީރާނުގެ ރަށްފުށު ހިސާބުގެ ގެއެއް: އެމެރިކާ ހަމަލާދިނީ މިގޭގައި ކުރިޔަށްދިޔަ ކައިވެނީގެ ހަފްލާއަކަށް، މި ހަމަލާގައި 11 މީހަކު ޝަހީދުވެ 60 މީހަކުވަނީ ޒަޚަމްވެފައި
ޝަންހާއި ކޯޕަރޭޝަންގެ ސަމިޓްގައި ރަޝިއާގެ ރައީސް ޕޫޓިންވަނީ އީރާނުގެ ރައީސް ޕަޒެޝްކިއާން އާ ބައްދަލުކުރައްވައިފައެވެ. މިބައްދަލުކުރެއްވުމުގައި ދެގައުމުގެ އަސްކަރީ އަދި އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިކޮށް ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ފުޅާކުރުމަށްވަނީ ދެބޭފުޅުންވަނީ އެއްބަސްވެ ވަޑައިގެންފައެވެ. މިސަމިޓްގެ އަރިމަތީގައި އީރާނުގެ ރައީސް ޕަޒެޝްކިއާން ވަނީ ރަޝިއާގެ ރައީސް ޝީ އާވެސް މަޝްވަރާ ކުރައްވައިފައެވެ.
އީރާނުގެ މީޑިއާ ބުނާގޮތުން ޝީ ވަނީ އެމެރިކާގެ އިގްތިސާދީ ހަނގުރާމައަކީ ޣައިރު ގާނޫނީ އަދި ލާއިންސާނީ އަމަލެއްކަމަށް ސިފަކުރައްވައި އެފިޔަވަޅުތަކަށް ޗައިނާ ތަބާ ނުވާނެކަމުގެ ޔަގީންކަން އީރާނުގެ ރައީސްއަށް ދެއްވާފައެވެ.
އީރާނަށް އިންޒާރު ދެއްވަމުން އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެޓް ވިދާޅުވެފައިވަނީ އެމެރިކާ އިއުލާން ކުރި އިގްތިސާދީ ހަނގުރާމައިގެ ސަބަބުން އީރާންގެ ރައްޔިތުން އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށް މަގުތަކަށް ދާދިއަވަހަށް ނުކުންނާނެކަން އެމެރިކާއަށް ޔަގީންވާ ކަމުގައެވެ. އަދި އީރާނުގެ ރައްޔިތުން އީރާނުގެ ސަރުކާރުވެސް ވައްޓާލާނެކަމުގައެވެ. އެއަށްފަހު އީރާނަށް އަންނާނީ އެމެރިކާއަށް ބޯލަނބާ ސަރުކާރެއް ކަމަށާ އެހިސާބުން އެމެރިކާގެ ހުރިހާ މަގްސަދުތަކެއް ހާސިލް ކުރެވޭނެކަމަށް ބެސެޓް ވިދާޅުވިއެވެ.
ބެސެޓް ވިދާޅުވިގޮތުގައި ޓްރަމްޕް އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ މައިގަނޑު މަގްސަދަކީ އީރާން ކިޔަމަން ނުކުރުމެވެ. އީރާން ކިޔަމަން ކުރެވިއްޖެނަމަ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުވެސް އަދި މިސައިލް ޓެކްނޮލޮޖީގެ ޕްރޮގްރާމުވެސް ރޫޅާލެވޭނެކަމަށާ ޓްރަމްޕަކީ އޭނާގެ މަގްސަދު ހާސިލްނުކޮށް ފަހަތަށް ޖެހިވަޑައިގަންނާނެ ބޭފުޅެއް ނޫންކަމަށް ބެސެޓް ވިދާޅުވިއެވެ.
"ޓްރަމްޕް އީރާނުގެ ނިޒާމު ބަދަލުކުރާނެ ނޫނީ އީރާން ޖެހޭނީ ޓްރަމްޕް އެދޭފަދަ އެއްބަސްވުމަކަށް ދާން މިނޫންގޮތެއް މިފަހަރު އީރާނަކަށް ނޯންނާނެ" ބެސެޓް ވިދާޅުވިއެވެ.
އެމެރިކާގެ އިގްތިސާދީ ހަނގުރާމައަށް ޗައިނާ އެއްބާރުލުން ނުދޭއިރު ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅަން އެމެރިކާއަށް ކެރޭނެތޯ ކުރި ސުވާލެއްގެ ޖަވާބު ދެއްވުމަށް ބެސެޓް ވަނީ ފަސްޖެހިވަޑައިގެންފައެވެ.