އެމެރިކާގެ ރައްޔިތުންނަށް އަމާޒުކޮށްގެން ޓެކްނިކަލް ސަޕޯޓް ދޭ ކަމަށް ހެދިގެން ގާތްގަނޑަކަށް 100 ކްރޯޑް އިންޑިއަން ރުޕީސް ފޭރިފައިވާ ޤަވާއިދާ ޚިލާފު ބައިނަލްއަގްވާމީ ކޯލް ސެންޓަރެއް ދިއްލީ ފުލުހުން ރެއިޑްކޮށް، 11 މީހަކު ހައްޔަރުކޮށްފިއެވެ.
އެންޑީޓީވީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިއްލީގެ ޕީތަމްޕޫރާ އަވަށުގައި ހިންގަމުންދިޔަ މި ކޯލް ސެންޓަރު ފަޅާއަރުވާލާފައިވަނީ އިންޓެލިޖެންސް ފިއުޝަން އެންޑް ސްޓްރެޓީޖިކް އޮޕަރޭޝަންސް (އައިއެފްއެސްއޯ) ޔުނިޓުން މިދިޔަ ހޯމަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. ކުއްޔަށް ހިފާފައިވާ އިމާރާތެއްގެ ތިންވަނަ އަދި ހަތަރުވަނަ ފަންގިފިލާގައި ހިންގި މި އޮޕަރޭޝަނުގައި 41 ލައްކަ ރުޕީސްގެ ނަގުދު ފައިސާއާއި، 29 ލެޕްޓޮޕް، 25 މޯބައިލް ފޯނު، އަށް ރައުޓަރު އަދި އެސްޔޫވީ ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ގްރޫޕުން ވަނީ އެމެރިކާގެ ރައްޔިތުންގެ ކޮމްޕިއުޓަރުތަކަށް ނޭނގި މަލްވެއާ (ވައިރަސް) ފޮނުވައިގެން، ކޮމްޕިއުޓަރު ހަލާކުވެފައިވާ ކަމަށް ދައްކައި ޓޯލް-ފްރީ ނަންބަރަކަށް ގުޅުމަށް ޕޮޕް-އަޕް މެސެޖުތައް ފޮނުވާފައެވެ. އަދި އެ ނަންބަރަށް ގުޅުމުން، ޕީތަމްޕޫރާގައި ހުންނަ ކޯލް ސެންޓަރުގެ މުވައްޒަފުން ޓެކް ސަޕޯޓް މީހުންނަށް ހެދިގެން، ވިކްޓިމުންގެ ކޮމްޕިއުޓަރުތަކަށް ރިމޯޓް އެކްސެސް ހޯދައެވެ.
އޭގެ ފަހުން، އެމީހުންގެ ބޭންކް އެކައުންޓްތައް ނުރައްކަލެއްގައި ވާކަމަށް ބުނެ، ބޭންކް އޮފިޝަލުންގެ ގޮތުގައި ހެދިގެން ގުޅައި، މައްސަލަ ޙައްލުކުރުމުގެ ނަމުގައި ގިފްޓް ކާޑު ގަތުމަށާއި ކްރިޕްޓޯކަރަންސީ ޓްރާންސްފަކުރުމަށް މަޖުބޫރު ކުރުވައެވެ. މިގޮތަށް ހޯދާ ގިފްޓް ކާޑުތައް އޮންލައިން ގްރޫޕްތައް މެދުވެރިކޮށް ފަހުން ވަނީ ފައިސާއަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން، ބައެއް މީހުންނަށް ބިރުދެއްކުމުގެ ގޮތުން އެމެރިކާގެ އެފްބީއައި އަދި އެހެނިހެން ފެޑެރަލް އިދާރާތަކުގެ ނަމުގައި ފޯޖްކޮށްފައިވާ ލިޔެކިޔުންތައް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. މި މުއާމަލާތްތަކުގައި އެމީހުން ބޭނުންކޮށްފައިވަނީ ވިލިއަމްސް، ރަޔާން، ސޯފީ، ޖެނީ އަދި އެލެކްސް ފަދަ ފޭކު ނަންތަކެވެ.
މި މައްސަލައާ ގުޅިގެން ބާރަތިޔާ ނިޔާޔާ ސަންހިތާ އާއި އައިޓީ ޤާނޫނުގެ ދަށުން މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، ހައްޔަރުކުރި 11 މީހުންގެ ތެރޭގައި އުމުރުން 22 އަހަރާއި 43 އަހަރާ ދެމެދުގެ ފިރިހެނުންނާއި އަންހެނުން ހިމެނެއެވެ.
މި ސްކޭމް ހިންގުމުގައި އިންޑިއާގައާއި ގައުމުން ބޭރުގައި ހަރަކާތްތެރިވާ އިތުރު މައިގަނޑު މީހުން ދެނެގަނެވިފައިވާ ކަމަށާއި، އެމީހުން ހައްޔަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.