ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްދޭ ތަންތަނަށާއި ހިދުމަތްތެރިންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 911 މީހުން މަރުވެ، 1،486 މީހުން ޒަހަމްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު ހާމަކޮށްފިއެވެ.
މި އަދަދުތަކަކީ ހަމައެކަނި މި އަހަރުގެ ތެރޭގައި ހިނގާފައިވާ ހާދިސާތަކުން ލިބިފައިވާ ގެއްލުންތައް ކަމަށް އެ ޖަމިއްޔާއިން އާންމުކުރި މައުލޫމާތުގައި ބަޔާންކޮށްފައިވެއެވެ.
ޑަބްލިއުއެޗްއޯއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 10ގެ ނިޔަލަށް 19 ގައުމަކާއި ސަރަހައްދެއްގައި ސިއްހީ ނިޒާމަށް އަމާޒުކޮށް 914 ހަމަލާ ވަނީ ދީފައެވެ. މި ހަމަލާތަކުގައި ފުރާނަ ގެއްލިފައިވާ މީހުންނާއި އަނިޔާވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ސިއްހީ ހިދުމަތްތެރިންނާއި ފަރުވާ ހޯދަމުންދިޔަ ބަލިމީހުންނެވެ.

އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި، ގިނަ ފަހަރަށް ސިއްހީ ހިދުމަތްތެރިން މަސައްކަތްކުރަނީ އެ މީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ވުރެ ބަލިމީހުންނަށް ފަރުވާދިނުން އިސްކޮށްގެންނެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ޑަބްލިއުއެޗްއޯއިން ނެރުނު މައުލޫމާތުގައި ބުނެފައިވަނީ، ސިއްހީ ހިދުމަތްތެރިންގެ ފުރާނަ ގެއްލިގެން ދިއުމަކީ އާއިލާތަކަށާއި މުޖުތަމައުތަކަށް ލިބޭ ފުން ހިތާމައެއް ކަމަށެވެ. އަދި އޭގެ ސަބަބުން ނާޒުކު ފައްތަރެއްގައިވާ ސިއްހީ ނިޒާމުތައް އިތުރަށް ބަލިކަށިވެގެންދާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނަކީ ދުވަހަކުވެސް ހަމަލާގެ އަމާޒަކަށް ވެގެން ނުވާނެކަން ތަކުރާރުކޮށް، ސިއްހީ ނިޒާމަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފައެވެ.