ގައުމީ އެއާލައިން، މޯލްޑިވިއަނުން ފަތުރުވެރިންނަށް ވިއްކާ ޑޮމެސްޓިކް ޓިކެޓުގެ އަގު ހެޔޮކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއަށް އެދެވޭ ކުރިއެރުމެއް ނުލިބޭނެ ކަމަށާއި، ފްލައިޓްތައް ގިނަކޮށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އައިޝަތު ޖެނިފާ ވިދާޅުވެއްޖެއެވެ.
އައިލެންޑް އޭވިއޭޝަނުން ފަތުރުވެރިންގެ އަތުން ނަގާ ވައިގެ ދަތުރުފަތުރުގެ ޓިކެޓު ފެއާ މުރާޖައާކޮށް ކުޑަކުރުމަށް މިދިޔަ އާދިއްތަ ދުވަހު ކެބިނެޓުން ނިންމިކަަމަށް ސަރުކާރުން ހާމަކުރީ ރޭގައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖެނިފާ ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ދަތުރުކުރާ ފަތުރުވެރިން ގުޅުވައިދިނުމުގައި މޯލްޑިވިއަނުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ.
އަދި މާލެއިން އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ހުރި އެނދުތައް ފުރާލުމަށް ޓަކައި، އިތުބާރާއި ޔަގީންކަން އޮންނަހެން ގިނަ އަދަދަކަށް ދަތުރުތައް ބޭއްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖެނިފާ ވިދާޅުވި ގޮތުގައި، ޓިކެޓުގެ އަގު ހެޔޮކުރިޔަސް މޯލްޑިވިއަނަށް އެކަށީގެންވާ ވަރަށް ކަނެކްޓިވިޓީ ނުވަތަ ދަތުރުތައް ފޯރުކޮށްނުދެވިއްޖެނަމަ، އޭގެ ނޭދެވޭ އަސަރު އެންމެ ފަހުން ކުރާނީ މުޅި ފަތުރުވެރިކަމުގެ ސިނާއަތަށެވެ.
އެގޮތުން މިސާލެއް ދައްކަވަމުން، އައްޑޫގައި ހުންނަ ޝަންގްރިއްލާ ފަދަ މަތީ ފަންތީގެ ރިސޯޓަކަށް ދާން ބޭނުންވާ މުއްސަނދި ފަތުރުވެރިއަކު، މާލޭގައި އެތައް ގަޑިއިރެއް ވަންދެން ކަނެކްޓިން ފްލައިޓަކަށް އިންތިޒާރުކުރަން ބޭނުންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމައެކަނި ޓިކެޓުގެ އަގު ހެޔޮކޮށްގެން ރިސޯޓުތަކުގެ އެނދުތަކެއް ނުފުރޭނެ. ދަތުރުފަތުރުގެ ފަސޭހަކަމާއި، ގިނަ ފްލައިޓްތަކެއް ނެތް ނަމަ، ފަތުރުވެރިން އެފަދަ މަންޒިލްތަކެއް ހިޔާރެއް ނުކުރާނެ،" ޖެނިފާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މަތީ ފަންތީގެ ފަތުރުވެރިކަމުގައި ވަގުތަކީ ފައިސާއެވެ. އަދި ދަތުރުފަތުރުގެ ފަސޭހަކަމަކީ ފަތުރުވެރިކަމުގެ ޚިދުމަތުގެ މުހިންމު އެއް ބައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިން ގެންދިއުމަށް ބާރުއެޅުމުގެ ގޮތުން މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތަކުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެއާލައިންގެ އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ދަތުރުތަކުގެ ވަގުތުތަކާއި ކަނެކްޓިވިޓީ ހަރުދަނާކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ.