ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ ފައިސާގެ އެއްވެސް ރެކޯޑެއް ނެތް؛ ކޮރަޕްޝަނަށް ހުރި ހިރާސްތައް ބޮޑު: އޭސީސީ

ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އޭސީސިއިން އާންމުކުރި ހަފްލާގެ ތެރެއިން -- ފޮޓޯ/ އޭސީސީ

ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ ފައިސާގެ އެއްވެސް ރެކޯޑެއް ނެތް ކަމަށާއި މާލީ ޖަވާބުދާރީވުން ހަރުދަނާކުރުމުގެ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ އެންމެހާ އާމްދަނީއާއި ކުރާ ޚަރަދުތައް ހާމަކުރުން ގާނޫނުން ލާޒިމްކުރުމަށާއި، ހަރުދަނާ ފައިނޭންޝަލް ރިޕޯޓިން ފްރޭމްވާކެއް އެކުލަވާލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ލަފާދީފިއެވެ.

އޭސީސީން މި ލަފާ ދީފައި ވަނީ އެ ކޮމިޝަނުން ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަތުމަށް ތައްޔާރުކޮށް އާންމުކުރި ދިރާސާ ރިޕޯޓެއްގައެވެ.

އޭސީސީން އާންމުކުރި މި ދިރާސާގެ މައިގަނޑު މަގްޞަދަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ކުޅިވަރު ޖަމުޢިއްޔާ ޖަމާޢަތްތަކުން ފައިސާ އަދި ފަންޑު ހޯދާ ގޮތާއި، މުދަލާއި ފައިސާ ބަލަހައްޓައި ޚަރަދުކުރާގޮތް ބެލުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ކުޅިވަރު އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ގާނޫނީ އަދި މުއައްސަސީ އޮނިގަނޑު އެކުލެވިފައިވާ ގޮތް ދެނެގަނެ، އެކަންކަމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ފާހަގަކޮށް، އެފަދަ މައްސަލަތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުންވެސް މި ދިރާސާގެ މަގްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް -- ފޮޓޯ: އޭސީސީ

އޭސީސީގެ މި ދިރާސާއަށް މަޢުލޫމާތު ހޯދުމަށްޓަކައި ކުޅިވަރު އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މާލީ ނިޒާމާގުޅޭ ލިޔެކިޔުންތައް މުރާޖަޢާކުރުމުގެ އިތުރުން، ކަމާބެހޭ މުވައްޒަފުންގެ ފަރާތުން ވަނީ މަޢުލޫމާތު އެއްކޮށްފައެވެ.

ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި މާލީ ޖަވާބުދާރީކުރުވުން ހީނަރުވުމާއި، ކްލަބް ޖަމުޢިއްޔާތަކުގެ ދަށުން ހިންގާ އެކަޑަމީތައް ރެގިއުލޭޓް ނުކުރެވުމާއި، ނުފޫޒު ފޯރުވުމާއި މަސްލަހަތު ފުށުއެރުން އަދި ގަވަނަންސް ހަރުދަނާ ނުވުމުގެ ސަބަބުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ބޮޑުކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އެގޮތުން މި މައްސަލަތައް އިސްލާޙް ކުރުމަށްޓަކައި އޭސީސީން ވަނީ 18 ލަފައެއް ހިމަނާފައެވެ.

އޭސީސީގެ މައިގަނޑު ލަފާތަކުގެ ތެރޭގައި ގަވާޢިދުން މިނިވަން މާލީ އޮޑިޓްތައް ހެދުމާއި، ވެރިންނާއި ހިރާސް ބޮޑު މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ވެބްސައިޓުގައި ޝާއިޢުކުރުން ލާޒިމްކުރުން ހިމެނެއެވެ. އަދި އެކަޑަމީތަކުގެ ފެންވަރާއި، ކޯޗުންގެ ޝަރުތުތަކާއި ސަލާމަތީ މިންގަނޑުތައް ކަނޑައަޅައި، ކުޅިވަރާބެހޭ ވުޒާރާއިން ޕީރިއޮޑިކް އިންސްޕެކްޝަންތައް ހިންގުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބީ ނިޒާމު ހަރުދަނާކޮށް، މަޤާމުތަކަށް ނަޒާހަތްތެރި އަދި ގާބިލް ފަރާތްތައް އައްޔަންކުރުމަށާއި، ޝަކުވާ ހުށަހަޅައި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަށްވެސް ބާރުއަޅާފައިވެއެވެ.

ހަމައެއާއެކު، ދަނޑުތަކުން ލިބެންޖެހޭ ފައިސާގެ އޮޑިޓެއް ހެދުމާއި، ސްކޮލަޝިޕް ދިނުމާއި ޕްރޮކިއުމަންޓްގެ ކަންކަން ދެފުށްފެންނަ ގޮތަށް ގެންދިއުމަށާއި، ކުޅިވަރާބެހޭ ގާނޫނުގައި ހުރި ގޮންޖެހުންތައް ދެނެގަނެ ޕަފޯމަންސް އޮޑިޓް ފުރިހަމަކުރުމަށް ރިޕޯޓުގައި ވަނީ އިރުޝާދު ދީފައެވެ.

comment ކޮމެންޓް