ގޭބިސީތަކުގެ މާލީ ހާލަތު ދެނެގަންނަ "ކޮންސިއުމާ ސެންޓިމެންޓް އިންޑެކްސް" ފުރަތަމަ ފަހަރަށް ތައާރަފުކުރަނީ

މުދާ އުފުލާ ބޯޓެއް ކައިރިން މީހަކު ދަނީ -- ސަން ފައިލް ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް

މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އާއި އެމެރިކާގެ ޔުނިވަސިޓީ އޮފް މިޝިގަންގެ ސާވޭ ރީސާޗް ސެންޓަރާ ގުޅިގެން، ރާއްޖޭގައި ފުރަތަމަ ފަހަރަށް 'މޯލްޑިވްސް ކޮންސިއުމާ ސެންޓިމެންޓް އިންޑެކްސް' (އެމްސީއެސްއައި) ތައާރަފުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އެމްބީއެސްއިން ނެރުނު ބަޔާނެއްގައި ބުނީ މި އިންޑެކްސްއަކީ ފަރުދުންގެ އަމިއްލަ މާލީ ޙާލަތާއި، ގައުމުގެ މާލީ އަދި އިގްތިޞާދީ ޙާލަތަށް އަންނަ ބަދަލުތައް ގޭބިސީތަކުން ތަސައްވުރުކުރާ ގޮތާއި، ކުރު އަދި ދުރުރާސްތާގެ އިގްތިޞާދީ ޙާލަތާ މެދު އޮތް އުންމީދުތައް ޢިލްމީ ގޮތެއްގައި ވަޒަންކުރުމަށް އެކުލަވާލާ މިންގަނޑެއް ކަމަށެވެ. އަދި މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ އިގްތިޞާދަށް މަހުން މަހަށް އަންނަ ބަދަލުތައް ގަވާޢިދުން ދެނެގަތުން ކަމަށް ވެސް އެ އެމްބީއެސްއިން ބުންޏެވެ.

ޔުނިވަސިޓީ އޮފް މިޝިގަންގެ ފަންނީ ލަފަޔާއެކު އެމްބީއެސް އިން ކުރިއަށްގެންދާ މި ސާވޭ ބިނާވެގެން ވަނީ، ރާއްޖޭގެ މުޅި އާބާދީ ތަމްސީލުވާނޭހެން ސައިންޓިފިކް ސާމްޕްލިން އުސޫލުތައް ބޭނުންކޮށްގެން ހޮވާލެވޭ ގޭބިސީތަކަށް ޒިޔާރަތްކޮށް އެއްކުރެވޭ މަޢުލޫމާތުގެ މައްޗަށެވެ. އަދި މި ދިރާސާގައި ބޭނުންކުރާނީ ކޮންސިއުމާ ސެންޓިމެންޓް ދިރާސާކުރުމުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ކުރީގައިވާ ޔުނިވަސިޓީ އޮފް މިޝިގަންގެ 'ސަވޭ އޮފް ކޮންސިއުމާސް' މޮޑެލް އެއް ކަމަށް އެމްބީއެސްއިން ބުންޏެވެ.

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) އާއި ކޮންސިއުމާ ޕްރައިސް އިންޑެކްސް އަދި ބެލެންސް އޮފް ޕޭމެންޓްސް ފަދަ ޢާންމު މިންގަނޑުތަކަކީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބިނާވާ ހިސާބުތަކެކެވެ.

ނަމަވެސް، ކޮންސިއުމާ ސެންޓިމެންޓް އިންޑެކްސްއިން މުދަލާއި ޚިދުމަތް ހޯދާ ފަރާތްތަކުން ކުރިމަގާ މެދު ވިސްނާ ގޮތްތަކާއި އުންމީދުތައް ދެނެގަނެވޭތީ، މިއީ ވިޔަފާރިއާއި އިގްތިޞާދީ ސިޔާސަތުތައް އެކުލަވާލުމުގައި ޙާލަތާ މުނާސަބު ނިންމުންތައް ނިންމުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް އެމްބީއެސްއިން ބުންޏެވެ.

ހަމައެއާއެކު ކޮންމެ މަހަކު ވެސް ރާއްޖޭގެ ރަށްރަށުގައި ތަމްރީނުކުރެވޭ އެނިއުމަރޭޓަރުން މެދުވެރިކޮށް މި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެމްބީއެސްއިން ބުންޏެވެ.

އަދި ކޮންމެ މަހެއްގެ ނަތީޖާ ދިރާސާކޮށް އެކުލަވާލުމަށްފަހު، ޖެހިގެން އަންނަ މަހު މޯލްޑިވްސް ބިޒްނަސް ސްކޫލުގެ ވެބްސައިޓުގައި ޢާންމުކޮށް ޝާއިޢުކުރެވޭނެއެވެ.

comment ކޮމެންޓް