އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ޝާރްޖާ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެސްސީސީއައި) އާއި ދިވެހިރާއްޖެއާ ދެމެދު އިގްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން، ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޠާރިގު އިބްރާހީމް މަޝްވަރާކުރައްވައިފިއެވެ.
ޔޫއޭއީގެ ނޫހެއް ކަމަށްވާ "ޝާރްޖާ24" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށްދިޔައީ ޝާރްޖާ ޗެމްބަރުގެ މައި އިދާރާގައި ސަފީރު ޠާރިގާއި އޭނާގެ ވަފުދުގެ ބޭފުޅުން އެސްސީސީއައިގެ ޗެއާމަން ޢަބްދުﷲ ސުލްޠާން އަލް އުވައިސްއާ ބައްދަލުކުރައްވައި ކުރިއަށް ގެންދެވި ރަސްމީ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ޝާރްޖާ ޗެމްބަރުގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް ފޯ ކޮމިއުނިކޭޝަން އެންޑް ބިޒްނަސް ސެކްޓާ ޢަބްދުލްޢަޒީޒް އަލް ޝަމްސީ އާއި އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޑރ. ފާޠިމާ ޚަލީފާ އަލް މުޤައްރަބްގެ އިތުރުން ދެފަރާތުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ގައުމުގެ ބާޒާރަށް ވެސް ފައިދާވާނެ ފަދަ އިންވެސްޓްމަންޓް ފުރުޞަތުތައް ދެނެގަނެ، ވިޔަފާރީގެ ދާއިރާ ފުޅާކުރުމާ ގުޅޭގޮތުންނެވެ.
އެގޮތުން، މަސް ރައްކާކުރުމާއި މަސް ޕްރޮސެސްކުރުން، ކަދުރުގެ ވިޔަފާރި އަދި ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓް އިތުރުކުރުމަށް އަލިއަޅުވާލެވުނެވެ.
ޝާރްޖާ ޗެމްބަރުގެ ޗެއާމަން އަލް އުވައިސް ވަނީ ރާއްޖޭގެ ވަފުދަށް މަރުޙަބާ ވިދާޅުވެ، ޝާރްޖާއާއި ރާއްޖޭގެ ވިޔަފާރިވެރިންގެ މެދުގައި އޮތް ގުޅުން ހަރުދަނާކުރުމަށް އެސްސީސީއައި އިން އަބަދުވެސް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.
އަދި ޝާރްޖާގައި ޤާއިމުކުރެވިފައިވާ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބާޒާރުތަކަށް ދިވެހި ވިޔަފާރިތައް ފުޅާކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިވެހި ވަފުދުން ވަނީ ޝާރްޖާއިން އިޤްތިޞާދީ ގޮތުން ހޯދަމުންދާ ކުރިއެރުންތަކަށް ތަޢުރީފުކުރައްވައި، ޝާރްޖާ ޗެމްބަރުން އިންތިޒާމުކުރާ އެކިއެކި މަޢުރަޒުތަކާއި ވިޔަފާރި ހަރަކާތްތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
މީގެއިތުރުން، ރާއްޖޭގެ ފަޅުތަކާއި ބަނދަރުތައް ތަރައްޤީކޮށް ލޮޖިސްޓިކްސް ދާއިރާ ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ދަށުން، ބަނދަރުތައް ހިންގުމުގައި ޝާރްޖާގެ ތަޖުރިބާގެ ބޭނުން ހިފުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ކަމަށް އެ ނޫހުގައިވެއެވެ.