ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ކުންފުނި ކަމަށްވާ މާސްކުން، އިރުމަތީ އޭޝިއާގެ ގައުމުތަކުން ދިވެހިރާއްޖެއާއި ސްރީލަންކާއަށް މުދާ އެތެރެކުރާ ކޮންޓެއިނަރުތަކުން ނަގާ ޕީކް ސީޒަން ސާޗާޖް (ޕީއެސްއެސް) ބޮޑުކޮށްފިއެވެ.
މާސްކުން އާންމުކޮށްފައިވާ ގޮތުގައި މި ބަދަލާއެކު ކޮންމެ ކޮންޓެއިނަރަކުން 400 އެމެރިކާ ޑޮލަރު އިތުރަށް ނަގާނެއެވެ.
މި ސާޗާޖު ނަގަން ފަށާނީ 20 ފޫޓާއި 40 ފޫޓުގެ ހުރިހާ ކޮންޓެއިނަރެއްގެ އިތުރުން 45 ފޫޓުގެ ހައި-ކިއުބް ޑްރައި ކޮންޓެއިނަރުތަކުންނެވެ. މި 400 ޑޮލަރުގެ ފީއަކީ 20 ފޫޓުގެ ކޮންޓެއިނަރަކަށް ވިޔަސް، ނުވަތަ 40 ފޫޓާއި 45 ފޫޓުގެ ކޮންޓެއިނަރަކަށް ވިޔަސް އެއްވަރަކަށް ނަގާނެ ފީއެއް ކަމަށް މާސްކުން ހާމަކޮށްފައިވެއެވެ.
މި ފީ ނަގާނީ ޗައިނާ، ޖަޕާން، ސިންގަޕޫރު، މެލޭޝިއާ، އިންޑޮނޭޝިއާ، ވިއެޓްނާމް، ކެމްބޯޑިއާ، ލާއޯސް، ތައިލެންޑް، މިޔަންމާ، ފިލިޕީންސް، ބުރުނާއީ، ހޮންގްކޮންގް، ޓައިވާން، ޓިމޯ-ލެސްޓޭ އަދި ދެކުނު ކޮރެއާއިން ރާއްޖެއާއި ލަންކާއަށް ގެންނަ މުދަލުންނެވެ. ގިނަ ގައުމުތަކުން ގެންނަ މުދަލުން މި ފީ ނަގަން ފަށާނީ މި މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް، ވިއެޓްނާމުން އެކްސްޕޯޓުކުރާ މުދަލުން ސެޕްޓެންބަރު އެކަކުން ފެށިގެން ފީ ނަގަން ހަމަޖެހިފައިވާއިރު، ދެކުނު ކޮރެއާއިން ގެންނަ މުދަލުން ފީ ނަގަން ފަށާނީ ސެޕްޓެންބަރު ހަތަރަކުން ފެށިގެންނެވެ.
ޕީކް ސީޒަން ސާޗާޖަކީ މުދާ އުފުލުމުގެ ޑިމާންޑު ބޮޑުވާ ދުވަސްވަރު ޝިޕިން ކުންފުނިތަކުން އާންމު ފީގެ އިތުރަށް ނަގާ ފީއެކެވެ. ޝިޕިން ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، މި ފީ ނަގަނީ ޑިމާންޑު ބޮޑުވުމުގެ ސަބަބުން ކުންފުނިތަކަށް އުފުލަންޖެހޭ އޮޕަރޭޝަނަލް ހަރަދުތައް ފޫބެއްދުމަށާއި، ބޯޓުފަހަރުގައި ޖާގަ މަދުވުމާއި ކޮންޓެއިނަރުގެ ދަތިކަން ހައްލުކުރުމަށެވެ. އާންމުގޮތެއްގައި މި ފީ ނަގަނީ އަހަރުގެ ފަހުކޮޅު ފާހަގަކުރާ ޗުއްޓީތަކާ ދިމާކޮށް މުދާ އުފުލާ މިންވަރު އިތުރުވާ ދުވަސްވަރުގައެވެ.
މާސްކުން ބުނި ގޮތުގައި މި އާ ސާޗާޖު ނަގާނީ "ނޮން-ސްޕޮޓް" ބުކިންތަކުން އެކަންޏެވެ. މާސްކުގެ "ސްޕޮޓް" ބުކިން ނުވަތަ ވަގުތުން ފައިސާ ދައްކައިގެން ޖާގަ ކަށަވަރުކުރާ އޮންލައިން ބުކިންތަކަށް މި ފީއެއް ނުނަގާނެއެވެ. ސްޕޮޓް ބުކިންއަކީ މާކެޓުގައި އެ ވަގުތަކު ހުރި އަގަކަށް ބިނާކޮށް، ވަގުތުން ޖާގަ ކަށަވަރުކުރެވޭ ގޮތަށް މާސްކުން ތައާރަފުކޮށްފައިވާ ހިދުމަތެކެވެ. އެހެންކަމުން، ދުރާލާ ކޮންޓްރެކްޓު ހަދައިގެން މުދާ ގެންނަ ފަރާތްތަކަށް މި ސާޗާޖުގެ އަސަރު ކުރާނެއެވެ.
މާސްކުގެ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް މުދާ ގެނައުމުގެ ހަރަދު ބޮޑުވާނެއެވެ. ރާއްޖެއަކީ ބޭނުންކުރާ ގިނަ މުދާ ބޭރުން އެތެރެކުރާ ގައުމަކަށް ވުމާއެކު، ޝިޕިން ހަރަދު ބޮޑުވުމަކީ އާންމު ރައްޔިތުން ގަންނަ މުދަލުގެ އަގު އުފުލޭނެ ކަމެކެވެ. ހާއްސަކޮށް އިރުމަތީ އޭޝިއާގެ ގައުމުތަކަކީ ރާއްޖެއަށް ގިނަ އަދަދަކަށް މުދާ އެތެރެކުރާ މާކެޓަކަށް ވުމުން، މި ބަދަލުގެ އަސަރު ފުޅާ ދާއިރާއެއްގައި ކުރާނެއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އޭޕްރީލް މަހު ނެރުނު ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި، މުދާ އެތެރެކުރުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން މިއަހަރު ރާއްޖޭގެ އިންފްލޭޝަން 5.0 އިންސައްތައަށް އަރާނެއެވެ. އަދި ވޯލްޑް ބޭންކުން ޖޫން މަހު ނެރުނު ރިޕޯޓެއްގައިވެސް ވަނީ މިއަހަރު އިންފްލޭޝަން 6.0 އިންސައްތައަށް އަރާނެ ކަމަށް ލަފާކޮށްފައެވެ. ރާއްޖޭގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޖޫން މަހު ވެސް ރާއްޖޭގެ އިންފްލޭޝަން ވަނީ އޭގެ ކުރީ މަހާ އަޅައި ބަލާއިރު 0.26 އިންސައްތަ މައްޗަށް ގޮސްފައެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުންވެސް މުދާ އުފުލުމުގެ ހަރަދުތައް ވަނީ ބޮޑުވެފައެވެ.
ރާއްޖޭގެ އިތުރުން ސްރީލަންކާއަށް ވެސް މި ބަދަލުގެ އަސަރު ކުރާނެއެވެ. ސްރީލަންކާއަކީ ވެސް އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާއިރު، އެ ގައުމުގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން މުދަލުގެ އަގު އުފުލުމަކީ އާންމުންނަށް އިތުރު ތަކުލީފުތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެކެވެ. މާސްކުން ބުނި ގޮތުގައި މި ސަރޗާޖު ނަގަން ފެށުމަށްފަހު، ކުންފުނިން ވަކި ގޮތެއް އަންގަންދެން މި ފީ ނަގަމުން ގެންދާނެއެވެ.