ސްމާޓް އައިނު ބޭނުންކޮށްގެން މީހުންނަށް ނޭނގި ސިއްރުން ރެކޯޑްކުރާ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން، އެޕަލް ކުންފުނިން އުފައްދަން މަސައްކަތްކުރަމުންދާ ސްމާޓް އައިނުގައި އާ ފީޗާތަކެއް ހިމަނަން އެ ކުންފުނިން ނިންމައިފިއެވެ.
އެމެރިކާގެ ޕޭޓެންޓް އެންޑް ޓްރޭޑްމާކް އޮފީސް (ޔޫއެސްޕީޓީއޯ) ގައި އެ ޕަލްއިން ވަނީ މިފީޗާތައް ހިމެނުމަށް އާ ޕޭޓެންޓެއް ރަޖިސްޓްރީކޮށްފައެވެ. "އެޕަލް އިންސައިޑާ" އިން އެންމެ ފުރަތަމަ ހޯދައި ހާމަކުރި މި މައުލޫމާތުގައިވާ ގޮތުން، "ސެކިއޯ އޯޑިއޯ އިންޑިކޭޓާސް ފޯ އިލެކްޓްރޯނިކް ޑިވައިސަސް" ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މި ޕޭޓެންޓުގެ ސަބަބުން، އާންމު ތަންތަނުގައި މީހުންގެ ރުހުމަކާ ނުލައި ވީޑިއޯ އަދި އޯޑިއޯ ރެކޯޑްކުރުން ހުއްޓުވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ.
އާންމުގޮތެއްގައި ކެމެރާ ނުވަތަ އެހެނިހެން އާލާތްތަކުން ރެކޯޑްކުރަން ފެށުމުން އެކަން އަންގައިދިނުމަށް ބޭނުންކުރަނީ ކުޑަ ބޮތްކެކެވެ. ނަމަވެސް އެޕަލްގެ ޕޭޓެންޓުގައި ފާހަގަކޮށްފައިވާ ގޮތުން، ސްމާޓް އައިނެއްގައި މިފަދަ ބޮތްކެއް ހަރުކުރުމަކީ ޖާގައިގެ ގޮތުން ދަތި އަދި އެހެން މީހުންނަށް ފަސޭހައިން ފެންނާނެ އެއްޗަކަށް ނުވެދާނެއެވެ. އެހެންކަމުން އޭގެ ބަދަލުގައި، ރެކޯޑްކުރަން ފަށާކަން އަންގައިދިނުމަށްޓަކައި އަޑު ނުވަތަ ވައިބްރޭޝަން (ހެޕްޓިކް ފީޑްބެކް) ބޭނުންކުރުން މާ ރަނގަޅުވާނެކަމަށް އެޕަލްއިން ދެކެއެވެ.

އެހެން މީހަކަށް ސިއްރުން މި އައިނު ކޮންޓްރޯލް ނުކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި، އެޕަލްއިން ވަނީ ޚާއްޞަ ގޮތެއް ރާވާފައި ---
މީގެ ސަބަބުން ލޮލަށް ނުފެންނަ މީހުންނަށްވެސް ރެކޯޑްކުރަން ފެށިކަން ފަސޭހައިން އެނގިގެންދާނެއެވެ.
އަޑު ބޭނުންކޮށްގެން ރެކޯޑްކުރާކަން އެންގުމުގައިވެސް މައްސަލަތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ކޮޓަރިއަކަށް ވަނުމުގެ ކުރިން ރެކޯޑްކުރަން ފަށައިފިނަމަ، ކޮޓަރީގައި ތިބޭ މީހުންނަށް އެ އަޑު ނީވިދާނެއެވެ.
މީގެ އިތުރުން އެހެން މީހަކަށް ސިއްރުން މި އައިނު ކޮންޓްރޯލް ނުކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި، އެޕަލްއިން ވަނީ ޚާއްޞަ ގޮތެއް ރާވާފައެވެ. އެގޮތުން، އައިނުގެ ސްޕީކަރުން އަޑެއް އިއްވުމަށްފަހު، އެ އަޑަކީ ހަމަ އައިނުން އައި އަޑެއްކަން ޔަގީންކުރުމަށް އައިނުގައިވާ މައިކްރޯފޯން ބޭނުންކުރާނެއެވެ. މިއީ މީހަކަށް އޮޅުވާލައިގެން ސިއްރުން ރެކޯޑްކުރުން ހުއްޓުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ރިޕޯޓުތައް ބުނާގޮތުން އެޕަލްގެ ފުރަތަމަ ސްމާޓް އައިނު އަންނަ އަހަރު ނެރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި 2027 ވަނަ އަހަރުގެ ޖޫން މަހު އޮންނަ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިޔުޑަބްލިޔުޑީސީ) ގައި މި އައިނު އާންމުންނަށް ދައްކާލާނެކަމަށް ބެލެވެއެވެ.
މިއީ މިހާރު ބާޒާރުގައި ލިބެންހުރި މެޓާގެ ރޭ-ބޭން ސްމާޓް އައިނާ ސީދާ ވާދަކުރާނެ އުފެއްދުމަކަށް ވާނެކަމަށް ލަފާކުރެވެއެވެ. މިއާއެކު، މީހުންގެ ޕްރައިވެސީއަށް އިޙުތިރާމްކުރުމަށް އެޕަލްއިން ދޭ އަހައްމިއްޔަތުކަން މި ޕޭޓެންޓުން ވަރަށް ބޮޑަށް ހާމަވެއެވެ.