ކެމެރާ ހިމެނޭ އެޕަލްގެ އެއާޕޮޑްސްގެ ޑެމޯ ވީޑިއޯއެއް އޮޅުމަކުން ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
އެޕަލް އިން ދާދިފަހުން ނެރުނު މެކްއޯއެސް ޓާހޯ 26.7 ރިލީޒް ކެންޑިޑޭޓް (އާރްސީ) ގެ ތެރެއިން އޮޅުމަކުން ގިނަ މައުލޫމާތުތަކެއް ލީކުވެފައިވާއިރު، މީގެ ތެރޭގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ އެޕަލްގެ ކެމެރާ ހިމެނޭ އާ އެއާޕޮޑްސްގެ ޑެމޯ ވީޑިއޯއެއް އޮޅުމަކުން އާންމުވެފައިވުމަށެވެ. މިއީ މި އުފެއްދުން މިހާތަނަށް އެންމެ ގާތުން ފެނިގެންދިޔަ ފަހަރެވެ.
ކެމެރާ ހިމެނޭ އާ އެއާޕޮޑްސްއާ ގުޅޭގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ. މި އުފެއްދުމާ ގުޅޭ މާގިނަ މައުލޫމާތުތަކެއް އަދި ލިބިފައި ނުވާއިރު، އެޕަލްގެ އެއާޕޮޑްސްގައި ހަގީގަތުގައިވެސް ކެމެރާއެއް ހިމަނާފާނެކަމާމެދު ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.
ކޯޑުތައް ދިރާސާކުރާ ފަރާތެއްކަމަށްވާ 'އާރޮން' ހިއްސާކޮށްފައިވާ މި ވީޑިއޯއިން، 'ވިޝުއަލް އިންޓެލިޖެންސް' އާއެކު އެއާޕޮޑްސް މަސައްކަތްކުރާ ގޮތް ވަރަށް ސާފުކޮށް ފެނެއެވެ. ވީޑިއޯގައި އިވޭ ސިރީގެ އަޑުން ކުރު ޓިއުޓޯރިއަލްއެއް ދެމުން ބުނެފައިވަނީ، ވިޝުއަލް އިންޓެލިޖެންސްގެ އެހީގައި ފެންނަ ކަންކަން ރައްކާކުރެވޭނެ ކަމަށާއި، ކަމުދާ އެއްޗެއް ފެނުމުން އެއެއްޗެއް ފަހަށް ރައްކާކުރުމަށް އެދުމުން އެކަން ކޮށްދޭނެ ކަމަށެވެ.
މި ވީޑިއޯއިން ފެންނަ އެއާޕޮޑްސް ޕްރޯ ބަލާބެލުމަށް އާދައިގެ އެއާޕޮޑްސްއަކާ އެއްވެސް ތަފާތެއް ނެތެވެ. އިތުރު ހާޑްވެއާއެއް ހަރުކޮށްފައިވާކަމުގެ ނިޝާނެއް ފެންނަން ނެތްއިރު، ބެލެވޭ ގޮތުގައި ވިޝުއަލް އިންޓެލިޖެންސްއަށް ބޭނުންކުރާ ކެމެރާ ނުވަތަ ސެންސަރު ހަރުކޮށްފައިވަނީ އާންމުކޮށް މައިކްރޯފޯން އިންނަ ކޮޅުގައެވެ.
ވީޑިއޯގައި ހަރަކާތްތެރިވާ މީހާގެ އިސްތަށިގަނޑު ކުރުވުމުގެ ސަބަބުން، ސެންސަރަށް އެއްވެސް ހުރަހެއް އެޅިފައެއް ނުވެއެވެ. ނަމަވެސް ދިގު އިސްތަށިގަނޑެއް ހުންނަ މީހުންނަށް މި ފީޗާ ބޭނުންކުރެވޭނީ ކިހިނެއްކަން އަދި ސާފެއް ނުވެއެވެ. ބެލެވޭ ގޮތުގައި ވިޝުއަލް އިންޓެލިޖެންސް ބޭނުންކުރަން އުޅޭއިރު ސެންސަރަށް ހުރަހެއް އެޅިއްޖެނަމަ، އެޕަލް އިން އެކަން އަންގައިދޭނެ ނިޒާމެއް ހަމަޖައްސާނެއެވެ.
މި ވީޑިއޯއިން އެނގިގެންދާ ގޮތުގައި ކެމެރާ ހިމެނޭ އެއާޕޮޑްސްގެ މަސައްކަތް އެޕަލް އިން ވަނީ ޓެސްޓުކުރުމުގެ މަރުހަލާއަށްވުރެ މާބޮޑަށްވެސް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މެކްއޯއެސް ޓާހޯގެ ރިލީޒް ކެންޑިޑޭޓަކުން މި ވީޑިއޯ ފެނުމަކީ، މިއީ ވަރަށް އަވަހަށް ނެރެން އުޅޭ އުފެއްދުމެއްކަމުގެ ޔަގީންކަމެއް ނޫނެވެ.
މީގެ އިތުރުން މެކްއޯއެސް ޓާހޯގެ ތެރެއިން މިފަދަ މައުލޫމާތެއް ފެނުމަކީ، އެއީ ހަމައެކަނި އެ އޯއެސްގެ ފީޗާއަކަށް ވުން ލާޒިމުކަމެއް ނޫންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އޮންކޮށްފައިވާ ފީޗާ ފްލެގްތަކަކީ ކުރިމަގުގައި ނެރޭ އެހެން ރިލީޒްއަކަށް އަމާޒުކޮށްފައިވާ އެއްޗަކަށް ވުންވެސް އެކަށީގެންވެއެވެ.
ލަފާކުރެވޭ ގޮތުގައި އެޕަލް އިން މި އާ އުފެއްދުން ދައްކާލާނީ ސެޕްޓެމްބަރ 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިފޯން 18 ތައާރަފުކުރުމުގެ ހަފްލާގައެވެ.