ފީފާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކެވިން ލަމޫރް މަގާމުން ވަކިކޮށްފި

ވަކިކުރި ފީފާގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ) ކެވިން ލަމޫރް--

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ކެވިން ލަމޫރް މަގާމުން ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކުރީ ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ މުބާރާތްތަކުގެ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި "ފީފާ ފޯވަޑް އެންޓަޕްރައިޒް" (އެފްއެފްއީ) ޕްލޭނަށް ފާޅުގައި ފާޑުކީތާ ތިން ހަފުތާވެސް ނުވަނީހެވެ.

މުބާރާތްތައް ހިންގުމަށް 20 ބިލިޔަން ޑޮލަރުގެ ސަބްސިޑިއަރީ ކުންފުންޏެއް އުފައްދައި، އޭގެ 20 އިންސައްތަ ހިއްސާ ވިއްކާލުމަށް ހުށަހެޅި މި ހުށަހެޅުމާ ގުޅިގެން އާންމުންގެ ފަރާތުންނާއި ފުޓްބޯޅަ އާއިލާގެ ތެރެއިން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން، ފީފާއިން ފަހުން ވަނީ އެ ނިންމުން އަނބުރާ ގެންގޮސް މާފަށްވެސް އެދިފައެވެ.

ފީފާގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ އިދާރާ އާއި ލަމޫރާ ދެމެދު އޮތް އެއްބަސްވުން 17 އޮގަސްޓް 2026 ގައި ނިމުމަކަށް އައިސްފައިވާ ކަމަށާއި އޭނާ ކޮށްދެއްވި ޚިދުމަތަށް ފީފާއިން ޝުކުރު އަދާކުރާ ކަމަށެވެ.

މިދިޔަ މަހު ލަމޫރް ވަނީ އިންފަންޓީނޯގެ ޕްލޭނާ ދެކޮޅަށް ވަރަށް ހަރުކަށި އިބާރާތުން ވާހަކަދައްކަވައި، އެއީ އިންފަންޓީނޯގެ އަމިއްލަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެ ޕްލޭނާ ގުޅޭގޮތުން ފީފާގެ މުވައްޒަފުންނަށް ވަނީ އޮޅުވާލާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އިދާރާއަށް ވަފާތެރިވުމުގެ އިތުރުން ވަކި އުސޫލުތަކަކާއި އަމިއްލަ މުވައްޒަފުންނަށް ހިމާޔަތް ދިނުމަކީވެސް ވާޖިބެއް ކަމަށެވެ.

"އޭގެ ސަބަބުން އަޅުގަނޑުގެ ވަޒީފާ ގެއްލުނު ކަމުގައި ވިޔަސް ވަރިހަމަ. އަޅުގަނޑު އެ ނިންމުމަށް އިޙްތިރާމްކޮށް ގަބޫލުކުރާނަން. މިރޭ އަޅުގަނޑަށް އަރާމުގައި ނިދާލެވޭނެ." މަގާމުން ވަކިކުރުމާއެކު ކެވިން ލަމޫރް ބުންޏެވެ.

2016 ވަނަ އަހަރު އިންފަންޓީނޯ ރައީސް ކަމަށް އިންތިޚާބުވުމަށް ކުރި ކެމްޕެއިނުގައި އެންމެ އަރިސްކޮށް މަސައްކަތްކުރެއްވި ލަމޫރް ފީފާއާ ގުޅުނީ ޔުއެފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވުމަށްފަހު 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ލަމޫރްގެ މި ފާޑުކިޔުންތައް އައިސްފައިވަނީ އިންފަންޓީނޯގެ ސީނިއަރ އެޑްވައިޒަރު ކާލޯސް ކޯޑެއިރޯވެސް އެ ޕްލޭނަކީ ފުޓްބޯޅައަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އިސްތިއުފާ ދެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މޮރޮކޯގައި ބޭއްވި ސީނިއަރ އެކްޒެކެޓިވްސްގެ ބައްދަލުވުމަށް ލަމޫރަށް ދައުވަތު ދީފައެއް ނުވެއެވެ.

comment ކޮމެންޓް