ދެ ކުދިންގެ ބައްޕަ، ބާޖު ބަންޑުންޖަހައިލައިގެން ގެއްލުނީ ވަޒީފާއަށް ރާއްޖެ އައިތާ މަހެއް ވެސް ނުވަނީސް!

31 ޖުލައި 2026ގައި ބަންޑުން ޖަހައިލި ބާޖާއި، އެއިން ގެއްލުނު އިންޑިއާއަށް ނިސްބަތްވާ މީހާ --

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަމްބެދްކަރު ނަގަރުގެ ކުޑަކުޑަ އަވަށެއް ކަމަށްވާ މަަކަރަހީ ދުސްވާގައި، ކުޑަ ދެ ފިރިހެން ދަރިން ގޮވައިގެން، ޒުވާން އަންހެނުން އާރްތީ އިނީ ފިރިމީހާގެ ޚަބަރެއް ވާނެ އިރެއްގެ އިންތިޒާރުގައެވެ.

ދެ ލޮލުން ކަރުނަ ނުހިކޭ މުސްކުޅި މަންމަ، ޗަންދުރާވަތީ ދޭވީ ދަނީ "އަހަރެންގެ ދަރިފުޅު ދިރިހުރިއްޔާ ސަލާމަތުން ގެނެސްދީބަލާށޭ" ބުނެ ރޮއި އާދޭސްކުރަމުންނެވެ. އެ މުޅި އާއިލާގެ އުއްމީދުތައް ގުޅިފައިވަނީ، ދިރިއުޅުން އާރާސްތުކުރަން ރާއްޖެއަށް އައި އުމުރުން 36 އަހަރުގެ ރަޖީވް ޗޯހާންއާއެވެ.

އާއިލާއާ ހަވާލާދީ 'ޓައިމްސް އޮފް އިންޑިއާ' ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޖީވް ރާއްޖެއަށް އައީ މިދިޔަ މަހުގެ 22 ވަނަ ދުވަހެވެ. އެއީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ޓައިލްސް ޖެހުމުގެ ވަޒީފާއަކަށެވެ.

މީގެ ކުރިން ސައުދީ އަރަބިއްޔާގައި ވެސް މަސައްކަތްކުރި ރަޖީވް، އާއިލާއަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމުގެ ފޮނި ހުވަފެންތަކާއެކު ރާއްޖެ އައިތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކުރިމަތިލާން ޖެހުނީ ހިތްދަތި ހާދިސާއަކާއެވެ.

https://sun.mv/225552

އެންމެ ފަހުން އާއިލާއާ ޖުލައި 30 ގައި ވާހަކަދެއްކި ރަޖީވްގެ ޚަބަރެއް ދެން ލިބުނީ ޖުލައި 31 ގައެވެ. މަސައްކަތު މީހުން ގޮވައިގެން އެހެން ސައިޓަކަށް ދަތުރުކުރި ބާޖު، މޫސުން ގޯސްވެ ބަންޑުންޖަހައިލި ހިތާމަވެރި ޚަބަރެވެ.

އެ ބާޖުން ދަތުރުކުރި އަށް މީހަކު ސަލާމަތްކުރެވުނު ނަމަވެސް، ރަޖީވްގެ އިތުރުން އެހެން މީހަކު ކަނޑުގެ ތެރެއަށް ގެއްލުނީއެވެ.

މި ހާދިސާ ހިނގިތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ރަޖީވްގެ އެއްވެސް ޚަބަރެއް ނެތި، އާއިލާ ވަނީ ނުތަނަވަސްކަމާއި ބިރުވެރިކަމެއްގެ ތެރޭގައެވެ.

ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އޭނާ ހޯދުމުގެ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް ބުނި ނަމަވެސް، އެދެވޭ އަދާހަމައެއް ނުލިބޭ ކަމަށް އޭނާގެ އަންހެނުން އާރްތީ ޓައިމްސް އޮފް އިންޑިއާއާ ވާހަކަދައްކަމުން ބުންޏެވެ. އަދި ހާދިސާއަށްފަހު ރަޖީވް މަސައްކަތްކުރާ ކުންފުންޏާ ގުޅޭގޮތް ނުވުމުން އާއިލާގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

އެ އާއިލާގެ އެންމެން މިހާރު ތިބީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދިގެންނެވެ.

ރަޖީވްގެ ބައްޕަ ރާމް އަވަދް ޗޯހާން ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހަށާއި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ވެސް އެހީތެރިކަމަށް އެދިފައިކަމަށް އެ ނޫހުގައި ވެއެވެ.

އެ އާއިލާގެ އަދިވެސް އުންމީދަކީ ކޮންމެވެސް ހެޔޮ ޚަބަރެއް ލިބި، ރަޖީވް އެނބުރި އާއިލާގެ ގާތަށް އައުމެވެ.

comment ކޮމެންޓް