ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އަންނަ މަހު ބާއްވަން ހަމަޖެހިފައި ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން އިންޑިއާ ނަން ނަގަން އުޅޭކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާތީ، ސައުތު އޭޝިއަން ފުޓުބޯޅަ ފެޑަރޭޝަން (ސާފް) އިން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަން ދޮގުކޮށްފިއެވެ.
މިކަމާ ގުޅިގެން ސާފްއިން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާއިން މުބާރާތުން ނަން ނުނަގާ ކަމާއި އެގައުމުން މުބާރާތުގައި ވާދަކުރާނެކަން ކަށަވަރުކޮށްދީފައެވެ.
ނަމަވެސް، އަންނަ މަހުގެ ފީފާ ބްރޭކުގައި ނިއުޒިލަންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އިންޑިއާއިން ތައްޔާރުވަމުން އަންނާތީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެގައުމުން ނެރޭނީ ޒުވާން ޓީމެކެވެ.
މި މެޗުތައް އަންނަ މަހުގެ 12 އަދި 15 ގައި ކުޅެން ތައްޔާރުވެފައިވާއިރު، މިއީ އިންޑިއާއިން ނިއުޒިލަންޑުގައި ކުޅޭ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
ސާފް އިން އިއްޔެ ނެރުނު ބަޔާނުގައި ވަނީ އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަނާ ސާފް އިން ވާހަކަ ދައްކާފައިވާކަން ހާމަކޮށް، އެގައުމުން މިފަހަރުގެ މުބާރާތުގައި ބައިވެރިވާނެކަން ކަށަވަރުކޮށްދީފައެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއިން ނުކުޅޭނެކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ސާފްއިން ނެރުނު ބަޔާން--މި ބަޔާނުގައި ސާފްއިން ވަނީ ހަގީގަތް ނޭނގޭ ވާހަކަތައް މީޑިއާތަކުން ރިޕޯޓު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ސާފް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ތައްޔާރީތައް އަމާންކަމާއެކު ކުރިއަށްދާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މިފަހަރުގެ މުބާރާތުގައި އިންޑިއާ ހިމެނިފައިވަނީ ރާއްޖެއާ އެއް ގްރޫޕެއްގައެވެ. އިންޑިއާގެ އިތުރުން ގްރޫޕް ބީގައި ދެން އޮތީ ރާއްޖެއާ ޕާކިސްތާނެވެ.
ފާހަގަކުރެވޭ ގޮތުގައި އިންޑިއާ އަކީ ސާފް ޗެމްޕިއަންޝިޕުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން އެ ގައުމުން ވަނީ ނުވަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ، 1993, 1997, 1999, 2005, 2009, 2011, 2015, 2021 އަދި 2023 ވަނަ އަހަރުގެ މުބާރާތެވެ.
އިންޑިއާއިން 2018 ވަނަ އަހަރުގެ މުބާރާތައް ވެސް ފޮނުވީ ޒުވާން ޓީމެކެވެ. އެފަހަރުގެ ފައިނަލުގައި އިންޑިއާ ވަނީ ރާއްޖެ އަތުން ބަލިވެފައެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އަންނަ މަހުގެ 5 ވަނަ ދުވަހުން، 17 ވަނަ ދުވަހުގެ ނިޔަލަށެވެ.