ފިލިޕީންސްގެ ސްކޫލެއްގައި ބަޑިޖަހައި ދެ ދަރިވަރަކު މަރުވެއްޖެ

ފިލިޕީންސްގެ ދެކުނުގެ ޒަމްބޮއަންގާ ސިޓީގައި ހުންނަ ކެތޮލިކް ޖޫނިއާ ހައިސްކޫލެއްގައި ދަރިވަރަކު ބަޑިޖަހައި އެހެން ދަރިވަރަކު މަރާލުމަށްފަހު، އަމިއްލައަށް މަރުވެއްޖެއެވެ.

ޒަމްބޮއަންގާ ސިޓީގެ މޭޔަރު ކައިމާ އަދާން އޮލާސޯ ވިދާޅުވި ގޮތުގައި، އެޓެނިއޯ ޑި ޒަމްބޮއަންގާ ޔުނިވާސިޓީގެ ކެމްޕަސްގައި ހުންނަ މި ސްކޫލަށް ހަމަލާދިން ގްރޭޑް ނުވައެއްގެ ދަރިވަރު ވަދެފައިވަނީ 45 ކެލިބާގެ ފިސްތޯލައެއް ސިއްރުން ހިފައިގެންނެވެ.

އޭނާ ފުރަތަމަ ބަޑިޖެހީ ކްލާހެއްގައި އިން މުދައްރިސަކަށެވެ. ނަމަވެސް އެ ހަމަލާ އަމާޒުނުވުމުން، އެހެން ކްލާހަކަށް ގޮސް ދަރިވަރެއްގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު އަމިއްލައަށް މަރުވީ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި ހާދިސާގައި އިތުރު ދެ ކުއްޖަކަށް އަނިޔާވެފައިވެއެވެ.

އޭއެފްޕީ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާދިން ކުއްޖާ ވަނީ ބޮޑީ ކެމެރާއެއް ބޭނުންކޮށްގެން މި ހާދިސާގެ މަންޒަރުތައް ލައިވްސްޓްރީމްކޮށްފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯއިން ފެންނަނީ ފަސްޓް-ޕާސަން ޝޫޓާ ގޭމެއްގެ ގޮތަށް، ސްކޫލުގެ ކޯރިޑޯއެއްގެ ތެރެއިން ބަޑިއެއް ހިފައިގެންދާ މަންޒަރެވެ.

ފިލިޕީންސްގެ ފުލުހުން ބުނީ މިހާރު ސްކޫލުގެ ހާލަތު ކޮންޓްރޯލްކުރެވިފައިވާ ކަމަށާއި، އިތުރު ހަމަލާއެއް ދީފާނެ މީހަކު ނެތް ކަމަށެވެ.

މިއީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ފިލިޕީންސްގެ ސްކޫލެއްގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. މިދިޔަ ޖޫން މަހު ޓަކްލޯބަން ސިޓީގެ ސެން ހޯސޭ ނޭޝަނަލް ހައިސްކޫލުގައި އުމުރުން 14 އަހަރާއި 15 އަހަރުގެ ދެ ކުއްޖަކު ބަޑިޖެހުމުގެ ސަބަބުން ތިން ދަރިވަރުން މަރުވެ، 20 ކުއްޖަކަށް އަނިޔާވިއެވެ. އެ ހާދިސާގައި ހިމެނޭ އެއް ކުއްޖަކީ އަނިޔާވެރި މަންޒަރުތައް ހިމެނޭ "ގޯބޮކްސް" ނަމަކަށް ކިޔާ ގޭމެއް ކުޅޭ ކުއްޖެއްކަން ތަހުގީގަށް އެނގުމާ ގުޅިގެން، ފިލިޕީންސް ސަރުކާރުން ވަނީ އެ ގޭމު ވަގުތީ ގޮތުން މަނާކޮށްފައެވެ. އަދި އަނިޔާވެރި ވީޑިއޯ ގޭމުތަކުން ކުޑަކުދިންނަށް ކުރާ އަސަރުތައް އެ ގައުމުގެ ސެނެޓުން ދަނީ ތަހުގީގުކުރަމުންނެވެ.

މީގެ އިތުރުން، މި މަހުގެ ކުރީކޮޅު ތައިލެންޑުގެ ނޮންތަބުރީ ޕްރޮވިންސްގެ ސްކޫލެއްގައި 14 އަހަރުގެ ކުއްޖަކު ބަޑިޖަހައި އަށް މީހުން މަރާލުމަށްފަހު އަމިއްލައަށް މަރުވެފައިވެއެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެ ކުއްޖާގެ މާމައާއި ކާފަގެ އިތުރުން، ސްކޫލުގެ ފަސް މުވައްޒަފަކާއި 12 އަހަރުގެ އަންހެން ކުއްޖަކު ހިމެނެއެވެ.

ތައިލެންޑުގެ ފުލުހުން ބުނެފައިވަނީ އެ ކުއްޖާއަކީ ސޯޝަލް މީޑިއާއިން އަނިޔާވެރި މަންޒަރުތައް ބަލާ ކުއްޖެއް ކަމަށެވެ. މިފަދަ ހާދިސާތައް އިތުރުވަމުންދާތީ، އިރުދެކުނު އޭޝިއާގެ ގައުމުތަކުން ދަނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންނެވެ.

comment ކޮމެންޓް