އަނބިމީހާ ފަލައޭ ބުނެގެން ކަތިވަޅި ހިފައިގެން މާރާމާރީ ހިންގަން އުޅެފި

މީގެ ކުރީގެ މައްސަލައެއްގައި ފުލުހުން ހޯދި ތޫނު ހަތިޔާރު: ހޯދީ ކޮންތަނަކުން ކަމެއް ފުލުހުން ނުބުނޭ--- ފޮޓޯ/ ފުލުހުން

ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިން އަނބިމީހާ ފަލައޭ ބުނި މައްސަލައެއްގައި ރުޅިއައިސްގެން، ކަތިވަޅި ހިފައިގެން ގޮސް މާރާމާރީ ހިންގަން އުޅުނު ފިރިހެނަކާއި އިތުރު ދެ މީހަކު ށ. މިލަންދޫން އިއްޔެ ރޭ ހައްޔަރުކޮށްފިއެވެ.

މައުލޫމާތު އެނގޭ ފަރާތަކުން "ސަން" އަށް ކިޔައިދިން ގޮތުގައި، މި މައްސަލައާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ފުރަތަމަ ޖުމްލަ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި އަންހެނެކެވެ.

މީގެ ތެރެއިން ދެ މީހުން ހައްޔަރުކުރުމަށްފަހު އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓަން ޖެހޭ ވަރަށް ހެކި ނެތުމުގެ ސަބަބުން އޭގެ ތެރެއިން އެކަކު ކޯޓުން ވަނީ ދޫކޮށްލާފައެވެ.

އަދި އަނެއް މީހާ ތަހުގީގުގެ ބޭނުމަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން 12 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ ދެމީހުންގެ މައްޗަށް ވެސް ކުރަނީ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތެވެ.

މިލަންދޫ މެޖިސްޓްރޭޓު ކޯޓުން ނެރެފައިވާ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އުމުރުން 22 އަހަރުގެ މީހަކު ތޫނު ހަތިޔާރެއް ހިފައިގެން 31 އަހަރުގެ މީހަކާ ދެމެދު މާރާމާރީއެއް ހިންގަން އޭނާ ދިރިއުޅޭ ގެ ކައިރިއަށް ދިޔައީ ކަތިވަޅިއެއް ހިފައިގެންނެވެ.

އަދި އެވަގުތު އެ ތަނުގައި ހުރި އެހެން މީހަކާ ދިމާލަށް ވެސް ކަތިވަޅި މަޅާލުމަށް ފަހު "ނުފުއްޕައްޗޭ" ބުނެ އޭނާ އިންޒާރުދިން ކަމަށް ހެކިންގެ ބަޔާންތަކުން އެނގޭ ކަމަށް ކޯޓު އަމުރުގައިވެއެވެ. މީގެއިތުރުން، ފުލުހުން އެ ސަރަހައްދަށް ދިއުމުން އޭނާގެ އަތުގައި އޮތް ކަތިވަޅި ސައިކަލެއްގެ މަޑި ދަށަށް ލައި ފޮރުވިކަން ވެސް ހެކިންގެ ބަޔާނުން އެނގޭ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ އަމުރުގައި ބުނެފައިވަނީ، އެ ސައިކަލްގެ މަޑި ދަށުން ކަތިވަޅިއެއްގެ އިތުރުން އިތުރު ދެ ވަޅި ވެސް ފެނިފައިވާ ކަމަށެވެ.

ބަންދުގެ މަޖިލީހުގައި ވާހަކަ ދައްކަމުން، ކުށުގެ ވެއްޓަށް ދިޔަ ކަމަށާއި އެ ތަނުގައި އަޑުގަދަކޮށް ވާހަކަ ދެއްކުނު ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. އަދި އެވަގުތު ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ބުނެ، މި މައްސަލައިގެ ބައެއް ތުހުމަތުތަކަށް އޭނާ އިގުރާރުވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް