ފަގީރު ހާލުގައި އެކަނި ދަރިން ބަލަހައްޓާ ބެލެނިވެރިންނަށް މިދިޔަ މަހު 17 މިލިއަންގެ ޚަރަދެއް

ކުޑަކުއްޖެއް: ފަގީރު ހާލުގައި އެކަނި ދަރިން ބަލަހައްޓާ ބެލެނިވެރިންނަށް މިދިޔަ މަހު 17 މިލިއަންގެ ޚަރަދެއް ވަނީ ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަގީރު ހާލުގައި އެކަނި ދަރިން ބަލަހައްޓާ ބެލެނިވެރިންނަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިދިޔަ މަހު، 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

އެ އެޖެންސީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ފަގީރު ހާލުގައި އެކަނި ދަރިން ބަލަހައްޓާތީ 3،313 ބެލެނިވެރިންނަށް ފައިސާ ލިބެއެވެ. މި ސްކީމުގެ ދަށުން މާލީ އެހީ ލިބޭ ކުޑަކުދިން އަދަދު 5،687އަށް ވަނީ އަރާފައެވެ.

މިދިޔަ މަހު، އެ ދަފުތަރުގައި އަލަށް 112 ބެލެނިވެރިންނާއި 207 ކުޑަކުދިން ވަނީ ރަޖިސްޓްރީކޮށްފައެވެ.

އެ މީހުންނަށް ޖުމުލަ 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެއިތުރުން، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީއެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ވެސް އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ.

މިގޮތުން، އެ ޕްރޮގްރާމުގެ ތެރެއިން 98 ބެލެނިވެރިންނާއި 132 ކުޑަކުދިންނަށް މާލީ އެހީ ލިބޭއިރު، އެ މީހުންނަށް މިދިޔަ މަހު ވަނީ 181،000 ރުފިޔާ ޚަރަދުކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ކޮންމެ މަހަކު 12،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރެއެވެ.

https://sun.mv/218327

އެގޮތުން، ހަތަރު ކުދިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ދައުލަތުން ދެއެވެ. އަދި އޭގެ ފަހުން އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބެއެވެ.

comment ކޮމެންޓް