ދިވެހީން ރަނގަޅަށް ދެވި ހިފައިފި، ކްރޮސަންޓު މެގްނަމް ވައިރަލްވެ ވިޔަފާރިތަކަށް ބޮޑު ފައިދާއެއް!

ދިވެހިންނަކީ އަބަދުވެސް ކާބޯތަކެތީގެ އާ ޓްރެންޑްތަކަށް ލޯބިކުރާ، އަދި ވަކިން ހާއްސަކޮށް ފޮނި އެއްޗެއް ފެނިއްޖެނަމަ އެއަށް "ދީވާނާވާ" ބައެކެވެ. އެކަމަކު މިފަހަރު މުޅި ސޯޝަލް މީޑިއާ އާއި މާލޭގެ ފިހާރަތައް ގުގުމާލާފައި މިވަނީ ތަފާތު، އަދި އެހެންމެ އަނގަޔަށް ރަހަމީރު "ފިއުޝަން" ކޮމްބޯއަކުންނެވެ. އެއީ ކްރޮސަންޓެއްގެ ތެރެއަށް ފިނިފިނި މެގުނަމެއް ލައިގެން ކެއުމުގެ ޓްރެންޑެވެ.

މި ޓްރެންޑާއެކު ދިވެހި މާކެޓުގައި މެގުނަމް އައިސްކްރީމާއި ކްރޮސަންޓްގެ ޑިމާންޑް މިވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ. މީގެ ކުރިން ވަކިވަކިން މަގުބޫލުކަން ހޯދާފައިވާ މި ދެ ބާވަތް އެކުވުމުން އުފެދޭ މީރު ރަހަ ދިވެހިންގެ ތެރޭގައި މިވަނީ އިންތިހާއަށް މަގުބޫލުވެފައެވެ.

މި ޓްރެންޑު ދިވެހިންގެ މެދުގައި މަގުބޫލުވީ ޓިކްޓޮކުގައި ކެއުމާ ގުޅުންހުރި ކޮންޓެންޓު އުފައްދާ އިބްރާޙިމް ސަނީހު (ސަންނަ) ގެ ވީޑިއޯއަކުންނެވެ. އޯގަސްޓު މަހުގެ ފަސްވަނަ ދުވަހު ޕޯސްޓުކުރި އެ ވީޑިއޯއަަށްފަހު ދިވެހިންގެ މެދުގައި މި ޓްރެންޑު ވަނީ މަގުބޫލުވެފައެވެ. ރާއްޖޭގައި މި ޓްރެންޑު މަގުބޫލުވުމުގެ ކުރިން މިއީ މުޅި ދުނިޔޭގައި ވެސް މަގުބޫލު ޓްރެންޑެކެވެ.

"ސަން" އިން ބެލި ބެލުމުން މި ޓްރެންޑާއެކު ރަށްރަށުގައި ވެސް ވަނީ މެގްނަމާއި ކްރޮސަންޓުގެ ޑިމާންޑު ބޮޑުވެފައެވެ. އަދި މާލޭގައި މެގްނަމް އަދި ކްރޮސަންޓު އެތެރެކުރާ ބައެއް ވިޔަފާރިތަކުން ވެސް ވަނީ މިކަން ފާހަގަކޮށްފައެވެ.

"ނިމުނު ދެ ހަފުތާގައި ވަރަށް ރަނގަޅު ޑިމާންޑު، ކޮންމެ މަހަކު އާންމުކޮށް ގަންނަ ވަރަށްވުރެ ވުރެ މި އޯގަސްޓު މަހުގެ މިހާތަނަށް ގަންނަ މިންވަރު ގިނަ،" ކްރޮސަންޓާއި މެގްނަމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ދިވެހި ވިޔަފާރިވެރިއަކު ބުންޏެވެ.

މީގެ އިތުރުން ބޮޑެތި ރަށްރަށުގެ ބައެއް ފިހާރަތަކުންވެސް ވަނީ މި ޓްރެންޑާއެކު ޑިމާންޑު ބޮޑުވެފައިވާކަން ފާހަގަކޮށްފައެވެ. އަދި ބައެއް ފިހާރަތަކުން ހުސްވެގެން އިތުރަށް އޯޑަރުކުރަމުންދާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ސޯޝަލް މީޑިއާގެ އިންފްލުއެންސަރުންނާއި އާންމުން މި ޓްރެންޑް ތަޖުރިބާކޮށް، އެ މީހުންގެ ރިވިއުތައް ވީޑިއޯގެ ގޮތުގައި ހިއްސާކުރަމުންދާއިރު، މިއީ އަނގަޔަށް މީރު އަދި ތަފާތު ރަހައެއް ލިބޭ ޑެޒާޓެއް ނުވަތަ ފޮނި އެއްޗެއްކަން ގިނަބަޔަކު ފާހަގަކުރެއެވެ.

އާންމުކޮށް ކެއިންބުއިމުގެ އައު ޓްރެންޑްތަކަށް ދެވިހިފާ ދިވެހިންގެ މެދުގައި މި "މެގްނަމް ކްރޮސަންޓް" ޓްރެންޑު ވެގެން ގޮސްފައިވަނީ މި ދުވަސްވަރު އެންމެ ގިނަ މީހުން ހޯދައި، އަދި އެންމެ ގިނައިން ވާހަކަދެކެވޭ މީރު ޑެޒާޓަށެވެ.

ކޮންމެއަކަސް ކްރޮސަންޓު ތެރެއަށް މެގްނަމް ލުމުގެ ޓްރެންޑު މިވަނީ މުޅި ރާއްޖޭގައި ވަކި ހިއްޕާލާފައެވެ.

comment ކޮމެންޓް