ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ޠާރިގުރަޙްމާން އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އަނބުރާ ބަންގްލަދޭޝްއާ ޙަވާލުކުރުމުން ކަމަށް އެ ޤައުމުގެ ޚާރިޖިއްޔާއިން ހާމަކޮށްފިއެވެ.
ބަންގްލަދޭޝްގެ މަސްއޫލުވެރިންނާ ޙަވާލާދީ "ޓައިމްސް އޮފް އިންޑިއާ" އަދި ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޙަސީނާއާއި އެހެނިހެން ފިލައިގެން އުޅޭ ފަރާތްތައް އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ޑާކާއިން ވަނީ އިންޑިއާ ސަރުކާރުގައި އެދިފައެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާގެ އޮފިޝަލެއް ކަމަށްވާ އޭކޭއެމް ޝާހިދުލް ކަރީމް ވިދާޅުވީ، ބޮޑުވަޒީރު ޠާރިގު އިންޑިއާއަށް ދަތުރުފުޅު ކުރެއްވުމަށް ޓަކައި އެކަށީގެންވާ ރަނގަޅު މާޙައުލެއް ފުރަތަމަ ގާއިމުވާންޖެހޭ ކަމަށެވެ. އަދި އިންޑިއާއިން މިކަމުގައި އިސްނަގައި، ޙަސީނާ ޙަވާލުކުރުމުގެ މަރުޙަލާ އަވަސްކުރަން ޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިންޑިއާގައި ހުންނަވައިގެން ޙަސީނާ މީޑިއާތަކަށް ދެއްވަމުން ގެންދަވާ ބަޔާންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށާއި، މި ދަތުރުފުޅަށް އިތުރު ހުރަސްތަކެއް އެޅެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުން ބުނެފައިވަނީ ބަންގްލަދޭޝްއިން ޙަސީނާ ހޯދުމަށް އެދިފައިވާ އެދުމާމެދު ވިސްނައި، އެކަން ބަލަމުންދާ ކަމަށެވެ.
ދެހާސްސައުވީސްވަނަ އަހަރުގެ އޮގަސްޓް މަހު ބަންގްލަދޭޝްގެ ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ވަރުގަދަ އިހުތިޖާޖުތަކާ ގުޅިގެން ވެރިކަމުން އިސްތިއުފާދެއްވި ޙަސީނާ މިހާރު އަމިއްލަފުޅަށް އަރުވައިލެވިގެން ދިރިއުޅުއްވަނީ އިންޑިއާގައެވެ.
އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ކުށުގައި ބަންގްލަދޭޝްގެ ކޯޓަކުން މިހާރު ވަނީ ހަސީނާގެ މައްޗަށް މަރުގެ އަދަބު ވެސް ކަނޑައަޅާފައެވެ.
މި މަހުގެ 20 އިން 25 އާ ދެމެދު ބޮޑުވަޒީރު ޠާރިގު އިންޑިއާއަށް ވަޑައިގަތުމުގެ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، މިހާތަނަށް އެ ދަތުރުފުޅު ރަސްމީކޮށް ޔަގީންވެފައެއް ނުވެއެވެ.
އާންމުކޮށް ބަންގްލަދޭޝްގެ ވެރިން މަގާމާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ އިންޑިއާއަށް ދަތުރުފުޅު ކުރެއްވި ނަމަވެސް، ޠާރިގު ރަޙްމާން ވަނީ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު މެލޭޝިއާއަށާއި ޗައިނާއަށް ދަތުރުފުޅު ކުރައްވާފައެވެ.
އައު ސަރުކާރުން އިޢުލާންކޮށްފައިވަނީ ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލު އިސްކުރާ "ބަންގްލަދޭޝް ފަސްޓް" ޚާރިޖީ ސިޔާސަތެކެވެ.
ދެ ޤައުމުގެ ދެމެދުގައި ސަރަޙައްދީ ރައްކާތެރިކަމާއި، ވިޔަފާރިއާއި، ފެނުގެ ވަސީލަތްތައް ހިއްސާކުރުމުގެ މަޝްވަރާތައް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ގުޅުން އިތުރަށް ބަދަހިކުރެވޭނީ ޙަސީނާގެ މައްސަލައިގައި އިންޑިއާއިން އަޅާ ފިޔަވަޅަކުން ކަމަށް ބަންގްލަދޭޝްއިން ދެކެއެވެ.