އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ރޭހުގައި ޗައިނާ ކޮޅަށް އަރައިފި ނަމަ، އެ ގައުމުތަކާ ދެކޮޅަށް ފިޔަވަޅުއަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދޭން ތައްޔާރުވެއްޖެއެވެ.
އެމެރިކާގެ އޮފިޝަލަކާއި ރޮއިޓާސްއަށް ފެނިފައިވާ ޑްރާފްޓް ސިޓީއަކާ ހަވާލާދީ ބުނެފައިވަނީ، ޗައިނާގެ އޭއައި އިނިޝިއޭޓިވްގައި ބައިވެރިވެއްޖެނަމަ އެޅުމަށް ނިންމާފައިވާ ފިޔަވަޅަކީ އެމެރިކާއިން އިސްވެ އޮވެ އުފައްދާފައިވާ އޭއައި ކޯލިޝަނުން އެ ގައުމުތައް ބާކީކުރުން ކަމަށެވެ.
ޗައިނާއާ ދެމެދު އުފެދިފައިވާ ޓެކްނޮލޮޖީގެ ވާދަވެރިކަމުގެ ތެރެއިން، އޭއައި މޮޑެލްތަކާއި ސެމީކޮންޑަކްޓަރުތަކުގެ އިތުރުން މުހިންމު މިނަރަލްތަކުގެ ސަޕްލައި ޗޭން ރައްކާތެރިކުރުމުގެ މަގުސަދުގައި އެމެރިކާއިން ވަނީ މިދިޔަ އަހަރު "ޕެކްސް ސިލިކާ" ގެ ނަމުގައި ހަރަކާތެއް ފަށާފައެވެ.
މި ކޯލިޝަންގައި މިހާތަނަށް ވިއްސަކަށް ގައުމު ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާނާއި، އޮސްޓްރޭލިއާ އަދި ދެކުނު ކޮރެއާގެ އިތުރުން މުހިންމު މިނަރަލްތަކުގެ ބޮޑު ރިޒާވެއް އޮންނަ ކަޒަކްސްތާން ހިމެނެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ އިންޒާރުގެ ސިޓީ އެޑްރެސްކޮށްފައިވަނީ ޖޫން މަހު އެމެރިކާއިން އެކުލަވާލި "އޭއައި އޮޕޮޗޫނިޓީ ސްޓޭޓްމަންޓް" ގައި ސޮއިކޮށްފައިވާ 35 ގައުމަކަށެވެ. މީގެ ތެރޭގައި ޕެކްސް ސިލިކާ ފްރޭމްވޯކްގެ މެމްބަރުންނާއި އެމެރިކާއާއެކު އޭއައިގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އެހެނިހެން ގައުމުތައްވެސް ހިމެނެއެވެ.
ގައުމުތަކަށް ވަކި ފަރާތެއް ޚިޔާރުކުރުމަށް މަޖުބޫރުކުރުވުމުގެ މައިގަނޑު ބޭނުމަކީ، އަސްކަރީ އަދި އިގުތިސާދީ ގޮތުން ކުރިއަރައިދިއުމަށް ބޭނުންކުރެވިދާނެ އެންމެ ފުރިހަމަ އޭއައި އުފެއްދުމުގެ ރޭހުގައި ޗައިނާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ހުރަސްއެޅުމެވެ.
އެމެރިކާއިން މިފަދަ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންދާއިރު، އޭއައި ދާއިރާގައި އެމެރިކާއިން ފޯރުވަމުންދާ ނުފޫޒަށް ގޮންޖެހުމުގެ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ މިދިޔަ ޖުލައި މަހު "ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޯޕަރޭޝަން އޮގަނައިޒޭޝަން" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވާފައެވެ. މި ޖަމިއްޔާގެ އަމާޒަކީ ޗައިނާގެ އޯޕަން-ވެއިޓް ޓެކްނޮލޮޖީ ކުރިއެރުވުމެވެ.
އެމެރިކާ އަދި ޗައިނާގެ އޭއައި އިނިޝިއޭޓިވްގައިވެސް މިހާތަނަށް ބައިވެރިވިކަން އެނގިފައިވާ ހަމައެކަނި ގައުމަކީ ކަޒަކްސްތާނެވެ. މިކަމުގެ ސަބަބުން އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސްޓޭޓް ޑިޕާޓްމަންޓްގެ ސިޓީގައި ބުނެފައިވަނީ ޕެކްސް ސިލިކާގައި ސޮއިކުރުމަކީ ހަމައެކަނި މެމްބަރަކަށް ވުން ނޫން ކަމަށާއި އެއީ ވައުދެއް ކަމަށެވެ. އަދި އެމެރިކާގެ މަގުސަދުތަކާ ފުށުއަރާފަދަ އެހެން އިނިޝިއޭޓިވްތަކުގައި އެއްފަހަރާ ބައިވެރިނުވެވޭނެ ކަމަށް ސީދާ ޗައިނާގެ ނަން ނުގެނެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މި ސިޓީ ގައުމުތަކަށް ފޮނުވާނެ ވަކި ތާރީޚެއް ރޮއިޓާސްއަށް ކަށަވަރުކުރެވިފައި ނުވާއިރު، ޑްރާފްޓްގައިވެސް ތާރީޚެއް ޖަހާފައެއް ނުވެއެވެ.
ލީކުވެފައިވާކަމަށް ބުނާ މި ލިޔުމާ ގުޅޭގޮތުން ވާހަކަދެއްކުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިންކާރުކޮށްފައިވާއިރު، އެމެރިކާގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެފައިވަނީ ވިޔަފާރިއާއި ޓެކްނޮލޮޖީ ސިޔާސީކުރުމާ އެ ގައުމުން ދެކޮޅު ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އޭއައި ކުރިއެރުންތަކަށް ހުރަސްއެޅި، އެއްވެސް ބަޔަކަށް އޭގެ ފައިދާއެއް ނުކުރާނެކަމަށް ޗައިނާގެ ތަރުޖަމާނު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ކަޒަކްސްތާނުގެ އެމްބަސީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޕެކްސް ސިލިކާ އެއްބަސްވުމުގެ އަމާޒަކީ އެމެރިކާގެ ބައިވެރިން ގުޅިގެން މަޝްރޫއުތައް ހިންގުމަށާއި، އެކްސްޕޯޓް ކޮންޓްރޯލްކުރުމަށް ބާރުއެޅުމުގެ އިތުރުން، މުހިންމު މިނަރަލްތަކާއި އޭއައި މޮޑެލްތައް އަދި އެތަކެތި ހިންގުމަށް ބޭނުންވާ ޗިޕްތައް ހޯދުމުގައި ވާދަވެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.
ޓެކްނޮލޮޖީގެ ދާއިރާއިން އެންމެ ކުރީގައި އުޅުމަށް އެމެރިކާއާއި ޗައިނާއިން ކުރާ މަސައްކަތް މިހާރު ވަރަށް ނާޒުކު ފައްތަރަކަށް ގޮސްފައިވާއިރު، ޗައިނާގެ އޯޕަން-ވެއިޓް އޭއައި މޮޑެލްތަކުން ވަނީ އެމެރިކާގެ އޯޕަންއޭއައި އަދި އެންތްރޮޕިކް ފަދަ ކުންފުނިތަކުގެ އަމިއްލަ ސިސްޓަމްތަކާ ވަރަށް ބޮޑަށް ވާދަކުރަން ފަށާފައެވެ.
އަމިއްލައަށް ހެކްކުރުން ފަދަ އޭއައިގެ ގާބިލުކަން ހަލުވިކަމާއެކު އިތުރުވަމުންދާތީ، މި ޓެކްނޮލޮޖީގެ ބާރުގަދަކަމާމެދު މުޅި ދުނިޔެއިން ދަނީ ވިސްނަމުންނެވެ. އަދި ގައުމީ ސަލާމަތަށް އިސްކަންދިނުމުގެ ގޮތުން ޗައިނާގެ ބައެއް މުހިންމު އޭއައި މޮޑެލްތައް ބޭރު ގައުމުތަކަށް ލިބޭ މިންވަރު ކޮންޓްރޯލްކުރުމަށް ޗައިނާ ސަރުކާރުންވެސް ދަނީ ވިސްނަމުންނެވެ.
އެމެރިކާއިން މިދިޔަ ޖޫން މަހު ވަނީ މެދުތެރޭ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޕެކްސް ސިލިކާގައި ބައިވެރިވި ފުރަތަމަ ގައުމަކީ ކަޒަކްސްތާންކަން ފާހަގަކޮށް، އެ ގައުމުގައި ހުރި މުހިންމު މިނަރަލްތަކުގެ ބޮޑު ރިޒާވްގެ މުހިންމުކަން ހާމަކޮށްފައެވެ.
އަނެއްކޮޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ފެއްޓެވި ޓެރިފް ހަނގުރާމައިގެ ބަދަލު ހިފުމުގެ ގޮތުން ޗައިނާއިން ވަނީ އެ ގައުމުގެ ކޮންޓްރޯލްގެ ދަށުގައިވާ މުހިންމު މިނަރަލްތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައެވެ. މިކަމާ ގުޅިގެން ޓްރަމްޕް ވަނީ އެމެރިކާގެ އެތެރެއިންނާއި އެކުވެރި ގައުމުތަކުން މިނަރަލްތައް ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކުރައްވާފައެވެ.
ޕެކްސް ސިލިކާގެ މެމްބަރުންނަށް އޭއައިއާ ގުޅުންހުރި މަޝްރޫއުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ހުޅުވާލެވިފައިވާއިރު، އޭއައި އޮޕޮޗޫނިޓީ ސްޓޭޓްމަންޓްގައި ސޮއިކުރާ ގައުމުތަކުން ވަނީ އެމެރިކާއާއެކު އެއް އަމާޒަކަށް މަސައްކަތްކުރުމަށް ރަމްޒީގޮތުން އެއްބަސްވެފައެވެ.
އެމެރިކާގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ދެ ފަރާތުގެ ފައިދާ އެއްފަހަރާ ނުނެގޭނެކަން ގައުމުތަކަށް އެންގުމަށް އެމެރިކާއިން ބޭނުންވާ ކަމަށެވެ. އަދި ޗައިނާއިން ކުރިއަރުވަން މަސައްކަތްކުރާ އޭއައިގެ ތަސައްވުރަށް ތާއީދުކުރަމުން، އެމެރިކާގެ ޓެކްނޮލޮޖީ އީކޯސިސްޓަމްގެ އިތުބާރު ހިފޭ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަކީ އުނދަގޫކަމެއްކަމަށް އޭނާ ފާހަގަކުރިއެވެ.